މޭ މަހު ލިބުނީ ދެ ބިލިއަން ރުފިޔާ: މީރާ

ހިރި ނިއުސް
ޖޫން 13, 2026

ނިމިގެން ދިޔަ މޭ މަހު މީރާއަށް ލިބިފައިވާ ޖުމުލަ އާމްދަނީ އަކީ 2.05 ބިލިއަން ރުފިޔާ ކަމަށް އެ އިދާރާއިން ބުނެފިއެވެ. މި އަދަދަކީ މޭ 2026 ގައި ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ 0.3% ދަށް އަދަދެއް ކަމަށް ވެސް ވަނީ ބުނެފައެވެ. މިއީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ  5.8%ދަށް އަދަދެއް ކަމަށް ވެސް އެތަނުން ވަނީ ބުނެފައެވެ.

”މޭ 2026 އަށް އަންދާޒާ ކޮށްފައިވާ އާމްދަނީއަށްވުރެ  0.3%ދަށްވި މައިގަނޑު އެއް ސަބަބަކީ ޓޫރިޒަމް ދައިރާ ނޫން ދާއިރާތަކުގެ ޖީ.އެސް.ޓީ އާއި ގްރީން ޓެކުހާއި، ރިޒޯޓުތަކުގެ ކުލީގެ އިތުރުން ކޯޓާ ފީއިން ލިބިފައިވާ އާމްދަނީ ދަށްވުމެވެ. މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކާއި ގުޅިގެން، 2025 ވަނަ އަހަރުގެ މޭ މަހާ އަޅާބަލާއިރު 2026 ވަނަ އަހަރުގެ މޭ މަހު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 4.4% ދަށްވެ، ފަތުރުވެރިކަމާ ގުޅުންހުރި ދާއިރާތަކުގެ އާމްދަނީ ވަނީ ދަށްވެފައެވެ. މޭ މަހު ލިބުނު އާމްދަނީގެ  13.8%އަކީ ކުރީގެ ސުންގަނޑިތަކަށް ދައްކާފައިވާ ފައިސާއެވެ. އަދި އާމްދަނީގެ އިތުރު  21.9%ލިބިފައިވަނީ ނުދެއްކި ހުރި ފައިސާ ހޯދުމަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ މަސައްކަތުންކަން ވެސް މީރާއިން ފާހަގަކުރެއެވެ.“

މޭ 2025 ގައި ލިބުނު އާމްދަނީ އާ އަޅައިބަލާއިރު މޭ 2026 ގައި ލިބިފައިވާ އާމްދަނީ ދަށްވުމުގެ މައިގަނޑު ސަބަބަކީ، ޓޫރިޒަމް ދާއިރާގެ ޖީ.އެސް.ޓީ އާއި ގްރީން ޓެކުހާއި، އެއަރޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި ލިބުނު އާމްދަނީ މަދުވުން ކަމަށް މީރާއިން ބުނެފައިވެއެވެ. ފަތުރުވެރިކަމާ ގުޅުންހުރި ދާއިރާތަކުގެ އާމްދަނީ %19.5 ދަށްވެފައިވަނީ، 2025 ވަނަ އަހަރު މޭ މަހާއި އަޅައިބަލާއިރު 2026 ވަނަ އަހަރުގެ މޭމަހު ދިވެހިރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު %24.4 ދަށްވުމާ ގުޅިގެންނެވެ. މީގެ އިތުރުން، ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީ.އެސް.އާރު) ފީގެ ގޮތުގައި ލިބުނު އާމްދަނީ ވެސް މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު ވަނީ ދަށްވެފައި ކަމަށް ވަނީ ބުނެފައެވެ.

”ނުލިބިހުރި ފައިސާ ހޯދުމަށް ކުރެވުނު މަސައްކަތުގެ ތެރެއިން، މޭ 2026 ގައި މީރާއިން ވަނީ ޖުމްލަ 382 މިލިއަން ރުފިޔާ ހޯދައިފައެވެ. މީގެ ތެރޭގައި، ނޯޓިސް ފޮނުވައިގެން 242 މިލިއަން ރުފިޔާ އަދި ޑިއުސް ކްލިއަރެންސްގެ ތެރެއިން 68 މިލިއަން ރުފިޔާ ހޯދައިފައިވެއެވެ. ހަމައެއާއެކު އިންސްޓޯލްމަންޓް އެއްބަސްވުމުގެ ދަށުން 59 މިލިއަން ރުފިޔާ، ޓެކްސް ދައްކާ ފަރާތްތަކަށް ފައިސާ ދެއްކުމަށް ހަނދާންކޮށްދިނުމަށް ކުރި ފޯނު ކޯލުތަކުގެ ޒަރިއްޔާއިން 9 މިލިއަން ރުފިޔާ އާއި އެކްޝަން ޕޮލިސީގެ ދަށުން 3 މިލިއަން ރުފިޔާ ވަނީ ހޯދައިފައެވެ.“

މޭ 2026 ގައި މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީ.އެސް.ޓީއެވެ. އެއީ 1.1 ބިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ އާމްދަނީން ނަގާ ޓެކުހުންނެވެ. 234 މިލިއަން ރުފިޔާއެވެ. މީގެ އިތުރުން އެއަރޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 158 މިލިއަން ރުފިޔާ، ޑިޕާރޗަރ ޓެކުހުގެ ގޮތުގައި 156 މިލިއަން ރުފިޔާ، ގްރީން ޓެކުހުގެ ގޮތުގައި 139 މިލިއަން ރުފިޔާ، ވާކް ޕާމިޓް ފީގެ ގޮތުގައި 71 މިލިއަން ރުފިޔާ ވަނީ ލިބިފައި ކަމަށް މީރާއިން ބުނެފައިވެއެވެ.

މޭ 2026 ގައި ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 89 މިލިއަން އެމެރިކާ ޑޮލަރު ވެސް ހިމެނެއެވެ.

 

މި ލިޔުމާ ގުޅޭ

ކޮމެންޓް ކުރުމަށް

Your email address will not be published. Required fields are marked *