ސައްޙަ ވިސާއެއް ޤަވާޢީދާ ޚިލާފަށް ރާއްޖޭގައި އުޅެމުންދިޔަ 12 ބިދޭސީއަކު ހައްޔަރުކޮށްފި ކަމަށް އިމިގްރޭޝަނުން ވިދާޅުވެއްޖެއެވެ. އެމީހުން ހައްޔަރު ކޮށްފައިވަނީ ހުޅުމާލެއިންނެވެ.
ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ޙައްލުކުރުމަށް ސަރުކާރުން ގެންދަވަނީ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެމަސައްކަތުގެ ތެރެއިން މޯލްޑިވްސް އިމިގްރޭޝަނުން ގެންދަވަނީ ކެނޑިނޭޅި އެމަސައްކަތް ކުރައްވަމުންނެވެ. މި މަސައްކަތްތަކުގެ ދަށުން ތަފާތު އެކި ޕްރޮގްރާމްތައް ދަނީ އެތަނުން ގެންދަވަނީ ހިންގަވަމުންނެވެ.
މި މަސައްކަތުގެ ދަށުން މި މަހުގެ 15ވަނަ ދުވަހު އިމިގްރޭޝަނުން ވަނީ ހުޅުމާލެ ފޭސް 1ގައި ހުރި ގަރާޖެއްގައި ޚާއްސަ އޮޕަރޭޝަނެއް ކުރިޔަށް ގެންގޮސްފައެވެ.
މި އޮޕަރޭޝަނުގައި ޖުމްލަ 20 ބިދޭސީއަކު ހިފަހައްޓައި، އެމީހުންގެ ވިސާއާއި ރަސްމީ ލިޔެކިޔުންތައް ބަލައި ފާސްކޮށްފައިވާ ކަމަށް އެތަނުން ވިދާޅުވެފައިވެއެވެ.
ޤަވާއިދާ ޚިލާފަށް އުޅުނު 12 ބިދޭސީއަކު ހައްޔަރު ކުރީ މި މީހުންގެ ތެރެއިން ކަމަށް ވެސް އިމިގްރޭޝަނުން ވިދާޅުވިއެވެ.
ބިދޭސީންގެ މަޢުލޫމާތު އެއްކުރުމަށް ހިންގާ އޮޕަރޭޝަން ކުރަނގީގެ ދަށުން ދެ ލައްކަ ދެ ހާހަށްވުރެ ގިނަ ބިދޭސީންގެ މަޢުލޫމާތު މިހާތަނަށް ވަނީ އެއްކޮށްފައެވެ. އަދި އަންނަ އަހަރުން ފެށިގެން އެއްވެސް ގޮތަކަށް ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީއަކު ފެނިއްޖެނަމަ އިތުރު ފުރުސަތެއް ދިނުމަކާ ނުލައި ޑީޕޯޓު ކުރާނެ ކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައެވެ.
ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށް ކުރެވޭ މި މަސައްކަތް ކުރިއަށް އޮތް 6 މަސް ދުވަހު ކުރިއަށްދާނެއެވެ.
އޮޕަރޭޝަން ކުރަނގި ފޭސް ތިނެއްގައި ކުރިއަށްދާނީ 2895 މީހުން ހޯދައި އެ މީހުން ޑީޕޯޓުކުރުމުގެ މަސައްކަތާއި ޤަވާޢިދާ ޚިލާފަށް ރާއްޖޭގައި ވިޔަފާރި ކުރާ ފަރާތްތައް ހޯދައި ޑީޕޯޓު ކުރުމުގެ އިތުރުން ސައްޙަ ވޯކްޕާމިޓް އަދި ވިސާ ނެތް މީހުން ހޯދައި ރާއްޖެއިން ފޮނުވާލުމުގެ މަސައްކަތް ކަމަށްވެސް އިމިގްރޭޝަނުން ވިދާޅުވެފައިވެއެވެ. ވިޔަފާރިތަކުގަ މަސައްކަތް ކުރާ ބިދޭސީންގެ ވޯކް ޕާމިޓް ފީ މުއްދަތު ހަމަވުމުގެ ކުރިއަށް ދެއްކުމަށް ބާރު އެޅުމުގެ ގޮތުން އެ ފަރާތްތަކަށް އެކަން އަންގައިދީ އަދި މިހާރު ވޯކް ޕާމިޓް ފީ ނުދެއްކިވާ ފަރާތްތައްވެސް ހިމެނޭ ގޮތަށް ވޯކް ޕާމިޓް ފީ ދައްކާ ފަރާތްތަކަށް ލުއި ފަސޭހަ އިންތިޒާމުތަކެއް މި ފޭސްގެ ތެރެއިން ލިބިގެންދާނެއެވެ.
މިއާއެކު ދިވެހި ވިޔަފާރިވެރިންނަށް އެ މީހުން ގެންގުޅޭ ބިދޭސީ މަސައްކަތްތެރިން ޤަވާއިދުގެ ތެރޭގައި މަސައްކަތް ކުރުމަށް ހިތްވަރަކަށް ވެގެންދާނެ ކަމަށްވެސް ވިދާޅުވެފައިވެއެވެ.






