ޤަވާޢިދާ ޚިލާފަށް ސަނަދު ވިއްކުމަކީ ތަޢުލީމީ ނިޒާމަށް ލޮޅުން އަރާނޭ ކަމެއް: އިބްރާ

ޟަމްރަތު އަހްމަދު
ޖޫން 22, 2026

ތަޢުލީމުދޭ އެއްވެސް މަރުކަޒަކުން ޤަވާޢިދާ ޚިލާފަށް ސަނަދު ވިއްކުމަކީ ތަޢުލީމީ މުޅި ނިޒާމަށް އެކަމުން ލޮޅުން އަރާނޭ ކަމެއް ކަމަށް މަންދުކޮލެޖުގެ ވެރިޔާ އިބްރާހީމް އިސްމާޢީލް ވިދާޅުވެއްޖެއެވެ.

އިބްރާ އެފްބީގައި އާންމުކުރައްވާފައިވާ ބަޔާނެއްގައި ވިދާޅުވެފައިވަނީ ”ތަޢުލީމަށް ޚިދުމަތްކުރުމުގެ ޤައުމީ އިނާމު“ ރައީސް ޞާލިޙް ދެއްވައިފައިވާ ބޭފުޅަކު ހިންގަވާ މަރުކަޒަކުން މަރުކަޒުގައި ރަޖިސްޓްރީވެސް ނުކުރާ ބޭރު ޤައުމެއްގެ ދަރިވަރުންތަކަކަށް ޤަވައިދާ ޚިލާފަށް ސަނަދު ވިއްކައިގެން،“  ޖުރުމާނާ ކުރެއްވި ޚަބަރު ލިބިފައިވާ ކަމަށެވެ.

އެފަދަ ކަންކަން ކުރާ މަރުކަޒުތަކާމެދު މިފަދަ ފިޔަވަޅު އަޅައި ޤަވާޢިދު ހިންގުމުގެ ވިސްނުމާއި ހިތްވަރު ހުރި ވެރިއަކު އެމް.ކިޔު.އޭ ގައި ހުންނެވުމުން އުފާ ކުރައްވާ ކަމަށް އޭނާ ވިދާޅުވެފައިވެއެވެ. އަދި ރާއްޖޭގެ މަތީ ތަޢުލީމުދޭ މަރުކަޒަކާމެދު މިފަދަ ފިޔަވަޅެއް އަޅުއްވާން ޖެހިވަޑައިގަތުމުން ހިތާމަކުރައްވާ ކަމަށްވެސް ވިދާޅުވެފައިވެއެވެ.

”މިއީ ކުޑަކަމެއް ނޫނެވެ. މިކަމުގެ ލޮޅުން ރާއްޖޭގެ މުޅި ތަޢުލީމީ ނިޒާމަށް އަރާނެއެވެ. ބޭރު ޤައުމުތަކުގައި އަހެރެމެން ކުރާން ފަށާފައިހުރި ބޮޑެތި މަސައްކަޔްތަކަށް ހުރަސްތައް ކުރިމަތިވާނެއެވެ. އިތުބާރު ޤާއިމުކުރާން އަނެއްކާވެސް ސުމަކުން ފަށާންޖެހުނީއެވެ. އެފަދަ ކަންކަންކުރާ މަރުކަޒުތަކުން ދޫކުށްފައި ހުރި ސަނަދުތަކާމެދު ސުވާލު އުފެދި، އެތަންތަނުން ކިޔެވި ދަރިވަރުންނަށް ގޮންޖެހުންތައް ކުރިމަތިވާންފެށުމެވެ.“ އޭނާ ވިދާޅުވެފައިވެއެވެ.

އިބްރާ ވިދާޅުވެފައިވަނީ ތަޢުލީމަކީ މާ ފަސޭހައިން ޙާޞިލުކުރެވޭ އެއްޗެއްނޫން ކަމަށެވެ. އެއީ ބުރަ، އެހާމެ އުނދަގޫ ކަމެއް ކަމަށް އޭނާ ވަނީ ދަރިވަރުންނަށް ވިސްނަވައި ދެއްވައިފައެވެ. ”މާފަސޭހައިން، ކްލާހަށް ނުގޮސް، ފަސޭހަ އިމްތިޙާނު ހަދައި، މީހުންލައްވައި އެސައިންމަންޓް ހައްދައިގެން ލިބޭ ސަނަދެއްގައި އަގެއް ނުހުންނާނެއެވެ! ކިޔަވާނެތަނެއް އިޚްތިޔާރުކުރާއިރު ބަލާންވީ ޤަވައިދުތައް ހިފަހައްޓާ، ބުރަ މަސައްކަތުން ސަނަދު ހޯދޭނޭ ތަނެކެވެ. އަހަރެމެންނަށް ކޮށްދެވޭނޭ ކަމަކީ މަގުދައްކައިދީ، އެކި ގޮތްގޮތުން އެހީތެރިވެދިނުމެވެ. ކިޔަވާންވާނީ ދަރިވަރުންނެވެ.“ މިއީ އިބްރާގެ އަގުހުރި ނަސޭހަތެކެވެ. ”އުނގެނުމުގައި ”ޝޯޓްކަޓެއް“ ނޯންނާނެ،“ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.

އޭނާ ވިދާޅުވެފައިވަނީ 1998 ގައި މަންދު ކޮލެޖް ފެށިފަހުން އަދި މިހާތަނަށް އެތަނާމެދު އެމްކިޔުއަކުން ފިޔަވަޅެއް އަޅާފައި ނުވާނޭ ކަމަށެވެ. އަދި އެތަނުން ދީފައިވާ ސަނަދެއް ރިޖެކްޓުވެސް ކޮށްފައި ނުވާ ކަމަށެވެ. އެތަން ފެށިއިރު މަތީ ތަޢުލީމު އުނގަންނައިދޭން ރާއްޖޭގައި ހުރީ ސަރުކާރުގެ ދެ މަރުކަޒު ކަމަށްވެސް ވިދާޅުވެފައިވެއެވެ. އެއީ މުދައްރިސުންގެ ތަޢުލީމީ މަރުކަޒާއި އިންސްޓްޓިއުޓް އޮފް ހެލްތު ސަޔަންސަސް އެކަންޏެވެ. އޭރު އަހަރަކު 10،000 ދަރިވަރުން އޯލެވެލް ނިންމާ ކަމާށާއި އެހެންނަމަވެސް އެ ދެ މަރުކަޒުން ފުރުޞަތު ދެވެނީ 500 އަށްވުރެ މަދު ދަރިވަރުންނަށް ކަމަށް ވެސް ވިދާޅުވެފައިވެއެވެ.

”މަންދު ކޮލެޖް އުފެއްދީ މަތީ ތަޢުލީމުގެ ފުރުޞަތު ލިބޭ ކުދީން އިތުރުކުރުމުގެ މަޤްޞަދުގައެވެ. މަޑުމަޑުން މަސައްކަތްކުރަމުން، އެދާއިރާ ފުޅާކުރަމުން ދިޔައީމެވެ. ތަފާތު ގޮންޖެހުންތަކާއެކުގައެވެ. ދާއިރާގެ ސްކޯޕް ފެންނާން ފެށުމުން، އަމިއްލަ މަރުކަޒުތައް ގިނަވާން ފެށިއެވެ. އަދި ”ވިޔާފާރި ވިސްނުން“ ދާއިރާއަށް ވަންނާންފަށައި، ފެންވަރު ބެލުމުގެ ނިޒާމެއްނެތި، ތަފާތު ސަނަދުތައް އިތުރުވާންފެށިއެވެ.“

މިގޮތަށް މިކަން ދާނަމަ ރާއްޖޭގެ މަތީ ތަޢުލީމު ރަނގަޅަށް ނުފެށިއުޅެނިކޮށް، ފެންވަރެއްނެތް ނިޒާމެއްގެ ގޮތުގައި ރާއްޖޭގެ ތަޢުލީމު ދުނިޔެއަށް ތަޞައްވުރު ކުރެވިދާނެ ކަމުގެ ބިރު ހިތަށްވަން ކަމަށާއި، އެހެންވެ އެވާހަކަ އޭރުގެ އެޑިޔުކޭޝަން މިނިސްޓަރ ޑރ. ލަޠީފުގެ އަރިއަހުގައި ދެންނެވި ކަމަށެވެ. ”މިނިސްޓަރ އެކަން ޤަބޫލުކުރައްވައި، އެމް.އޭ.ބީ ފަރުމާކުރާން އަހުރެންނާ ޙަވާލު ކުރެއްވިއެވެ. އަހުރެން އިސްވެ ހުރެ، އޭރު ރާއްޖޭގައި ތިއްބެވި ފަންނާނުންގެ ލަފަޔާއެކު، 2001 ވަނަ އަހަރު އެމް.އޭ.ބީ އުފައްދައި، ފެންވަރު ހިފެހެއްޓުމުގެ މަސައްކަތް ފެށުނެވެ.“

”ފުރަތަމަ ކޮޅު ރަނގަޅު މަސައްކަތްތަކެއް ކުރެވުނެވެ. އެހެންނަމަވެސް މިވޭތިވި 20 އަށް އަހަރު ތެރޭގައި، އެތަނަށް ދޭންޖެހޭ ސަމާލުކަމާ ވަސީލަތް އެއްވެސް ސަރުކާރަކުން ނުދީ އޮވެ، އެތަނުގެ ތެރެއަށް ކޮރަޕްޝަން ވަދެ، ތަން ޚަރާބު ވެއްޖެއެވެ.“ އޭގެ ނަތީޖާއަކަށްވީ ސަނަދު ވިއްކުމުގެ ޘަޤާފަތެއް ރާއްޖޭގެ ތަޢުލީމީ ނިޒާމުގެ ތެރޭގައި އަށަނެ، ފެންވަރުނެތް ސަނަދުތައް ވިއްކާ ތަންތަން ގިނަވުން ކަމަށް ވިދާޅުވެފައިވެއެވެ.

”މިއަދު ކޮލެޖުން މިތައްޔާރުވަނީ ރާއްޖޭގެ މަތީ ތަޢުލީމު ރާއްޖޭން ބޭރުގައި ފުޅާކުރާށެވެ. މިއަދު މަންދު ކޮލެޖްގެ ސެޓްފިކެޓްތަކަކީ ދުނިޔޭގެ ކޮންމެ ޤައުމަކުން ޤަބޫލުކުރާ ސެޓްފިކެޓްތަކެކެވެ.“

 

 

މި ލިޔުމާ ގުޅޭ

ކޮމެންޓް ކުރުމަށް

Your email address will not be published. Required fields are marked *