އެމްޑީޕީ މިހާރު އޮތް ގޮތަށް އެކަތިގަނޑެއްގެ ގޮތުގައި އޮތުމުން ރާއްޖެއަށް ހެޔޮބަދަލެއް ދެންވެސް ގެނެވޭނީ އެމްޑީޕީއަށް ކަމަށް އެޕާޓީގެ ކުރީގެ ޗެއަރޕާސަން ފައްޔާޒު އިސްމާޢީލް ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު އެމްޑީޕީ ދޫކުރައްވައި ވަޑައިގެންނެވުމަށްފަހު އަލުން ޕާޓީއާ ގުޅި ވަޑައިގެން ޕާޓީގެ ޗެއަރޕާސަންގެ މަގާމާ ޙަވާލުވެ ވަޑައިގަތުމާ ގުޅިގެން ފައްޔާޒާ ސުވާލު ކުރުމުން ވިދާޅުވީ ރައީސް ނަޝީދާއި އެމަނިކުފާނަށް ތާއިދުކުރާ މެންބަރުން ވެސް ހިމެނޭހެން އެންމެން ގުޅިގެންނޫނީ ކައިރި މުސްތަގުބަލެއްގައި އެމްޑީޕީއަކަށް ކާމިޔާބެއްނުލިބޭނޭ ކަމަށެވެ. އެމްޑީޕީގެ ވެރިކަން ބަދަލުވީފަހުން ފާއިތުވެގެންދިޔަ ދުވަސްތަކާއި ”އަޅުގަނޑު ޗެއަރޕަސަނަކަށްހުރި އިރުގައި އާންމުގެ ތެރެއިން އެކަން އަޅުގަނޑަށް ފެންނަމުންދިޔަ،“ ކަމަށް ފައްޔާޒު ވިދާޅުވިއެވެ.
އެހެންކަމުން އާންމުން އެދެމުން ދިޔައީ އަލުން ޕާޓީ އެއްކުރަން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އެ އެދުމުގެ މަތީން ޗެއަރޕާސަނަކަށް ހުންނެވިއިރު ޕާޓީ އެއްކުރުމުގެ މަސައްކަތް ކުރެއްވި ކަމަށް އޭނާ ވިދާޅުވިއެވެ. ”އެމަސައްކަތް އަޅުގަނޑު މިކުރީ. ދެން އެ ހުރިހާ ހިތްހަމަނުޖެހުންތަކާއި އެ ހުރިހާ ކަމެއްގެ ތެރެއިން ރައީސް ނަޝީދު މިޕާޓީއާ ގުޅިވަޑައިގަތީމާ ދެން މުޅި ޕާޓީގެ މެންބަރުންގެ ތެރޭގައި ވެސް އަދި މިގައުމު ބަދަލުކުރަން އެދިއެދިތިބި އާންމު ރައްޔިތުންގެތެރޭގައި ވެސް އެމްޑީޕިއަށް އަނެއްކާވެސް މިކަން ކުރެވިދާނޭ ކަމުގެ އުންމީދު މިހާރުވަނީ ލިބިފައި،“ ފައްޔާޒު ވިދާޅުވިއެވެ.
ރާއްޖެއަށް އިސްލާހީ ބަދަލުތަކެއް ގެނެވެންއޮތީ އެމްޑީޕީ އެކަތިގަނޑެއްގެ ގޮތުގައި އޮވެ އެ މަސައްކަތް ކޮށްގެން ކަމަށް ފައްޔާޒު ވިދާޅުވިއެވެ. ”އެކަން ކުރެވެން މިއަންނަނީ (އަޅުގަނޑު ދެކޭގޮތުގައި) ރައީސް ނަޝީދާއި އެންމެން މިއަށްވަދެ މީގެ ތެރޭގައި އެންމެން އަނެއްކާވެސް އެކައްޗެއް ކިޔައިގެން ކުރިއަށްދިއުމުގެ ވިސްނުން ގެންގުޅެގެން. އެހެންވީމާ އެއީ އެމްޑީޕީގެ އިތުރުން ދިވެހިރާއްޖޭގެ ކުރިމަގަށް ލިބުނު ރަނގަޅެއް ކަމަށް އަޅުގަނޑު ގަބޫކުރަނީ،“ ފައްޔާޒު ވިދާޅުވިއެވެ.






