ޑްރަގް މައްސަލައިގައި ކުށް ސާބިތު ނުވެގެން ކުރިމިނަލް ކޯޓުން ދޫކޮށްލި މީހެއްގެ މައްޗަށް ކުށް ސާބިތުވާކަމަށް ކަނޑައަޅައި އުމުރަށް ޖަލަށްލުމާއެކު 100،000 ރުފިޔާއިން ޖޫރިމަނާކުރަން ހައިކޯޓުން ހުކުމް ކޮށްފިއެވެ.
މި މައްސަލައިގައި ހައިކޯޓުން ހުކުމް ކުރީ ވ. ޖަނަފް މުހައްމަދު މަމްދޫހުގެ މައްޗަށެވެ.
މިއީ ހ. ފްލެޝް ގެސްޓްހައުސްގެ ދެ ނަންބަރު ކޮޓަރީގައި މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރުކުރާކަމުގެ މައުލޫމާތު ލިބިގެން ފުލުހުން އެތަނަށްގޮސް ހިންގި އޮޕަރޭޝަނެއްގައި ޑްރަގާއެކު މަމްދޫހު ހައްޔަރުކުރުމުން، އޭނާގެ މައްޗަށް ކުރި ދައުވާއެކެވެ.
ނަމަވެސް ދައުވާއަށް އޭނާ ވަނީ އިންކާރު ކޮށްފައެވެ. އޭގެ އިތުރުން އޭނާގެ މައްޗަށް ކުށްސާބިތުވާ ވަރަށް ހެކި ހުށަހެޅިފައި ނުވާކަމަށް ދަށުކޯޓުން ނިންމިއެވެ. އޭނާގެ މައްޗަށް ދައުވާކުރީ ޑައިމޯފިން ޓްރެފިކްކުރުމުގެ ދައުވާއެވެ. އެހެންނަމަވެސް ހެކިތަކަށް ރިއާޔަތްކޮށް ކޯޓުން ހުކުމްކުރީ މަމްދޫހުގެ މައްޗަށް ކުށްސާބިތު ނުވާކަމަށެވެ. ނަމަވެސް ދައުލަތުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ.
އެ މައްސަލަ ބެލުމަށްފަހު، ހައިކޯޓުން ހުކުމް ކޮށްފައި ވަނީ، ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާ މަމްދޫހުގެ މައްޗަށް ސާބިތުވާ ކަމަށް ކަނޑައަޅައި އޭނާ އުމުރަށް ޖަލަށް ލުމާއެކު 100،000 ރުފިޔާއިން ޖޫރިމަނާކުރުމަށެވެ. އަދި ޖޫރިމަނާ ފައިސާ 12 މަސްދުވަހުގެ ތެރޭގައި މޯލްޑީވްސް އިންލެންޑް ރެވެނިއު އޮތޯރިޓީއަށް ދެއްކުމަށް ވެސް ވަނީ އަމުރުކޮށްފައެވެ.






