ދުންފަތާއި ދުންފަތުން އުފައްދާފައިވާ ތަކެތީގެ ވިޔަފާރީގެ މުއާމަލާތްކުރެވޭނެ އެންމެ ހަގު އުމުރު ބަދަލުކުރަން މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވަން ނިންމަވާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މި މުއާމަލާތް މިހާރު ކުރެވޭ އެންމެ ކުޑަ އުމުރަކީ 18 އަހަރެވެ. ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ މި އުމުރު 21 އަހަރަށް ބަދަލު ކުރައްވަން މިހާރު ވަނީ ނިންމަވާފައި ކަމަށެވެ. މި އުމުރު ކަނޑައަޅާނީ ”ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ގާނޫނަށް ގެންނަން ޖެހޭ އިސްލާހުތައް“ ގެނެސްގެންނެވެ. ”މީގެ އިތުރުން، ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ގާނޫނާ ހިލާފުވާ ފަރާތްތަކާ ދެކޮޅަށް އަޅާ ފިޔަވަޅުތައް ހަރުކަށިކުރުމަށްވެސް ގާނޫނަށް އިސްލާހު ގެނެވޭނެ،“ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
މިއީ ވޭޕްކުރުމަށް ބޭނުންކުރާ އާލާތްތައް ދިވެހިރާއްޖެއަށް އެތެރެކޮށް، ބޭނުންކުރުން މަނާކުރުމުގެ އިތުރުން، ޒުވާނުން ދުންފަތުގެ ގޯސް އާދައިން ދުރުކުރުމަށްޓަކައި ރައީސް އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކުގެ ތެރެއިން ފިޔަވަޅެކެވެ. ރައީސްގެ މި ނިންމެވުމަށް ބައެއް ފަރާތްތަކުން ދަނީ ފާޑުކިޔަމުންނެވެ. އެފަދަ މީހުން ބުނާ ގޮތުގައި ގާނޫނަށް ބަދަލު ގެނަޔަސް ތަންފީޒު ނުކުރެވޭ ކަމަށްވާނަމަ ވާނޭ ފައިދާއެއް ނެތްކަމަށެވެ. މިހާރުވެސް ކޮންމެ ފިހާރައެއްގައި ދުންފަތް ވިއްކޭނެ އެންމެ ކުޑައުމުރުފުރާ ލިޔެފައި ހުންނަތަން ފެންނަ ކަމަށެވެ. އެހެނަސް އެއަށް އަމަލުނުކުރެވޭ ކަމަށް ބުނަމުންދެއެވެ. ބައެއް މީހުން ބުނަނީ ރައީސްގެ މިފިޔަވަޅުގެ ބަދަލުގައި ގައުމަށް ފައިސާ ވައްދަން މަސައްކަތްކުރަން މާބޮޑަށް ރަނގަޅު ކަމަށެވެ.






