ސޫރަތުލް ޖުމުޢާއިން ލިބިދޭ މެސެޖުތައް (3)
ސޫރަތުލް ޖުމުޢާގެ ދެވަނަ އާޔަތުގައި ﷲ އަންގަވަނީ ލިޔަންކިޔަން ނޭގޭ މީހުން ޔަޢުނީ ބަނޑުން ނިކުތްގޮތަށް ތިބި މީހުންގެ ތެރެއަށް އެމީހުންގެ ތެރެއިން ބޭކަލަކު ރަސޫލު ބޭކަލެއްގެގޮތުގައި ފޮނުއްވި ވާހަކައެވެ. ރަސޫލަކު ފޮނުއްވީ ﷲ ގެ އާޔަތްތައް އެމީހުންނަށް ކިޔަވައިދެއްވުމަށާއި އެމީހުން ޠޯހިރުކުރެއްވުމަށެވެ. އަދި އެމީހުންނަށް ކީރިތި ޤުރްއާނާއި ޙިކުމަތް އުނގަންނައިދެއްވުމަށެވެ. ﷲ ގެ މިނިޢުމަތް އައީ އެމީހުން ބަނޑުން ނިކުތްގޮތަށް ތިބި މީހުން ޔަޢުނީ ލިޔަންނުދަންނަ މީހުންގެ ގޮތުގައި ތިއްބައެވެ.
ޙިޖާޒު ކަރައިގެ ފަސްމަންޒަރަށް ބަލާއިރު ގަދީމީ އަރަބީންނަކީ ތާރީޚީ ގޮތުން މާބޮޑު ބައެއް ނޫނެވެ. ސަބަބަކީ އެމީހުންގެ މެދުގައި ވަރުގަދަ ޙަޟާރަތެއް ނުވަތަ ވަރުގަދަ ސަގާފަތެއް ނެތުމެވެ. އެމީހުންގެ މެދުގައި އޮތީ އެންމެ އެއްޗެކެވެ. އެއީ އެމީހުންގެ ބަހާއި އެބަހުގައި އޮތް ޅެންވެރިކަމެވެ. އެމީހުންގެ މެދުގައި ޢިލްމުވެރިކަމާއި ފަންނުވެރިކަން ނެތުމުން ދުނިޔޭގެ ސަމާލުކަން އެމީހުންނަކަށް ނުލިބެއެވެ. ނަތީޖާއަކީ ގަދީމީ އަރަބީން ޖާހިލުކަމުގައި ތިބުމެވެ. އެހެންވެ ބަނޑުން ނިކުތްގޮތަށް ތިބުމަކީ ނުވަތަ ލިޔަންކިޔަން ނުދަތުމަކީ އެމުޖުތަމަޢުގެ އެންމެ އާންމު ސިފައެވެ.
ބަޢަޘަ މިބަހުގެ މާނަޔަކީ ފޮނުއްވުމެވެ. މިއާޔަތުގައިވާ ބަޢަޘަ މިބަހުން ދޭހަވާ މާނައިގެތެރޭގައި ހޭލެއްވުމާއި ހަރަކާތްކުރުވުމާއި ކުރުވުން ހިމެނެއެވެ. ނިދީގައިވަނިކޮށް ހޭލެއްވުމަކީވެސް މިބަހުގެ އެއްމާނައެވެ. އެއީ ކަށްވަޅުގައިވަނިކޮށް ޤިޔާމަތް ދުވަހު މީސްތަކުން ފުރާނައަޅުއްވައި ހޭލައްވާ ބީދައިންނެވެ. އެބައެއްގެތެރެއަށް އުފަންވެ، އެބައެއްގެތެރެއަށް ބޮޑުވާ މީހަކު ދައްކާ ވާހަކަ ގަބޫލުކުރާކަށް ހުރަހެއް ނޯވެއެވެ. ޖާހިލުކަމުގައި ތިބި ބަޔަކަށް ތެދުމަގު ދައްކަން އެންމެ ރަނގަޅުވާނީ އެމީހުންގެ މެދުގައި މަގުބޫލު އެމީހުން އިތުބާރުކުރާ އެމީހުންގެ މީހެކެވެ. އެހެންވެ ރަސޫލުﷲ ގެ ރަސޫލުކަން ތެދުކޮށް ކީރިތި ޤުރްއާނަކީ ﷲ ގެ ބަސްފުޅުކަން ތެދުކޮށްދިނުމަށް މައްކާގެ އަހުލުވެރިންނަށްވުރެ އައުލާކަންބޮޑު ބަޔަކު ނުވެއެވެ. އެމީހުންގެ މެދުގައިހުރި އެންމެ އަމާނާތްތެރި އެންމެ ތެދުވެރި މީހާ ރަސޫލުކަން އިޢުލާންކުރުމުން އެމީހުން ފުރަތަމަވެސް ކުރަންޖެހޭ ކަމަކީ އެކަން ތެދުކޮށް ގަބޫލުކުރުމެވެ.
ދުނިޔޭގައި މީހަކު މިހާތަނަށް ގެނައި އެންމެބޮޑު ބަދަލު ނުވަތަ ޓްރާންސްފޮމޭޝަން ގެންނެވީ ރަސޫލުﷲ އެވެ. އެކަލޭގެފާނު ބަދަލުގެންނެވި މަގު މިއާޔަތުން ދައްކައެވެ. ފުރަތަމަ އެކަލޭގެފާނުކުރެއްވި ކަމަކީ ﷲ ގެ އާޔަތްތައް ކިޔަވައިވިދާޅުވެ ދެއްވުމެވެ. އައްތިލްވޫ މިބަސް އަރަބީން ބޭނުންކުރީ މައިޖަނަވާރުގެ ފަހަތުން ދާ ޅަދަރި ޖަނަވާރުތަކަށެވެ. ސަލާމަތާއި ރައްކާތެރިކަން ހޯދަން ޅަދަރި ޖަނަވާރުތައް މައި ޖަނަވާރުގެ ފުލުގައި ތިބެ ދަތުރުކުރުމަކީ އާންމުކަމެކެވެ. ހަގީގަތުގައި ރަސޫލުﷲ ކުރެއްވި ކަމަކީ ލިޔެފައިވާ އެއްޗެއް ބަލައިގެން ކިޔަވާ ވިދާޅުވުމެއްނޫނެވެ. އެކަމަކު އެކަލޭގެފާނު ކުރެއްވި ކަމަކީ އެކަލޭގެފާނުގެ އުސްތާޛު ޖިބުރީލް ޢަލައިހިއްސަލާމް ކިޔަވައި ވިދާޅުވުމުން އެކަލޭގެފާނުގެ ފަހަތްޕުޅުން ކިޔަވައި ވިދާޅުވުމެވެ. އަދި އެ އާޔަތްތައް އެކަލޭގެފާނުގެ ހިތްޕުޅުގައި ބިންވަޅުނެގުނެވެ. އަދި އެ އާޔާތްތައް އަމާޒުކުރެވުނީ މުޅި އިންސާނިއްޔަތަށެވެ. އެއީ މުޅި އިންސާނިއްޔަތަށް ތެދުމަގުދެއްކެވުމަށެވެ.
އާޔާތު މިބަހުގެ މާނައިގެ އެންމެ ފުނަށް ދަތުރުކުރުމުން މިބަހުގެ މާނައިގެ ތަނަވަސްކަން ފެނެއެވެ. އާޔާތުގެ އެއް މާނަޔަކީ އެއްޗެއްގެ ސާފުކަމުގެ ސިފައެވެ. ތައައްޔަތުގެ މާނަޔަކީ މަގުސަދެއް ނުވަތަ މިސްރާބެއް އޮތުމެވެ. އާޔާތުގެ އެއް މާނަޔަކީ އޭގައި ބޮޑު އަގެއް ހުރުމެވެ. އާޔާތުގެ އަނެއް މާނަޔަކީ ޝައުގުވެރިކަން ހުރުމެވެ. އާޔާތުގެ އަނެއް މާނަޔަކީ އޭ މީހާ އެވެ. މާނަޔަކީ މީހަކަށް ގޮވައިލެވޭ ގޮވައިލުމެވެ. އާޔާތުގެ އަނެއް މާނަޔަކީ މަގުދައްކާ ނިޝާންއެވެ. އާޔަތުގެ އެއް މާނަޔަކީ ހެކި ނުވަތަ ދަލީލު އެވެ. އާޔާތުގެ އަނެއް މާނަޔަކީ ރީތިކަމެވެ. އަހަރެމެން އަހަރެމެންގެ ފަރުދީ ކުރިއެރުމަށްޓަކައި އެންމެ ފުރަތަމަ ކުރަންޖެހޭ ކަމަކީ ﷲ ގެ އާޔާތު އުނގެނި ދަސްކޮށް އެ އާޔާތު މީސްތަކުންނަށް ކިޔައިދީ އުނގަންނައިދިނުމެވެ. ދުނިޔެއަށް އެންމެބޮޑު ބަދަލުގެންނެވި ސާހިބާ ކުރެއްވި އެންމެ ފުރަތަމަ މަސައްކަތްޕުޅަކީ ﷲ ގެ އާޔާތު ބަނޑުން ނިކުތްގޮތަށް ތިބި މީހުންނަށް ކިޔަވާވިދާޅުވެ ދެއްވައި އުނގަންނައިދެއްވުމެވެ. އެ އާޔާތަކީ ﷲ ވޮޑިގެންވާ ކަމުގެ ހެކިތަކާއި ﷲ ގެ އެއްކައުވަންތަކަމުގެ ހެކިތަކެވެ. މިދަލީލުތަކުގެ މައިގަނޑު ބޭނުމަކީ އިންސާނާއަށް ތެދުމަގު ދެއްކުމެވެ. އެއީ އެމީހުން ނަރަކައިން މިންޖުކުރުމަށްޓަކައެވެ.
ޔުޒައްކީ މިބަހުގެ އަސްލަކީ ޒާ ކާފު ވާވު އެވެ. އަލްޒަކާގެ މާނަޔަކީ ހިރި އަދަދެއް ނުވަތަ އަދަދެކެވެ. ޒަކިއްޔާގެ މާނަޔަކީ ދުޅަހެޔޮކަމެވެ. ޒަކާގެ މާނަޔަކީ ހެދިބޮޑުވުމެވެ. ޒަކާތުން ކުރާ ކަމަކީ މީހާގެ މުދާ ޠޯހިރުކުރުމެވެ. ޒަކާތުގެ އެއް މާނަޔަކީ ހެދިބޮޑުވުން ނުވަތަ ކުރިއެރުމެވެ. ޒައްކާގެ މާނަޔަކީ ކަމެއް ރަނގަޅުކުރުން ނުވަތަ ހައްލުކުރުމެވެ. ތަޒުކިޔާ މިބަހުން އަންގައިދެނީ ސާފުކޮށް ޠޯހިރުކުރުމާއި ހެދިބޮޑުކުރުމާއި ތަރައްގީކުރުމެވެ. މިއިން ދޭހަވަނީ ރޫހީ ގޮތުންނާއި ފިކުރީގޮތުންނާއި ޖިސްމާނީގޮތުންނާއި އިހުސާސުގެގޮތުންނާއި މާލީގޮތުންނާއި އާއިލީގޮތުންނާއި އިޖުތިމާޢީގޮތުން އެމީހުން ޠޯހިރުކޮށް ކުރިއަރުވައި ތަރައްގީކުރުމެވެ. ރަސޫލުﷲ ފޮނުއްވީ މީސްތަކުން ރޫޙީ ގޮތުންނާއި ޖިސްމާނީ ގޮތުންނާއި ޖަޒުބާތުގެ ގޮތުންނާއި ފިކުރީ ގޮތުންނާއި މާލީގޮތުން ޠޯހިރުކުރައްވައި ސާފުކުރެއްވުމަށެވެ.
އަދުލުވެރިކަމާއި ސުލްހަވެރިކަމުގެ މުޖުތަމަޢުއެއްގެ ބިންގަލަކީ ޠޯހިރުކަމެވެ. މުޖުމަޢު ސާފުކޮށް ޠޯހިރުކުރަންޖެހޭ ހުރިހާ ކަމެއް ރަސޫލުﷲ މީސްތަކުންނަށް އުނގަންނައިދެއްވައި ދަސްކޮށްދެއްވިއެވެ. ހުއްދަ ނުވަތަ ހަލާލުގޮތުގައި ހުރިހާ މުއާމަލާތްތަކެއް ހިންގުމަށް އެކަލޭގެފާނު މަގުދެއްކެވިއެވެ. ދަހިވެތިކަމާއި ރިޝްވަތާއި ރިބާ ފަދަ ހުރިހާ މުންކަރާތްތަކުން މީސްތަކުން ސާފުކުރައްވައި ރައްކާތެރިކޮށްދެއްވިއެވެ. އެމީހުންގެ ކިބައިގައި ހުރި ނުބައި އާދަކާދަތައް ހުއްޓުވައި މަކާރިމްގެ އަޚުލާގުން އެމީހުން ޒީނަތްތެރިކުރެއްވިއެވެ. ރާބުއިމާއި ޒިނޭކުރުން ފަދަ މުޖުތަމަޢު ފަސާދަކުރާ ހުރިހާ ކަމަކުން މީސްތަކުން ދުރުކުރައްވައި އެމީހުން ޠޯހިރުކުރެއްވިއެވެ. އެކަލޭގެފާނު މިކަންކުރެއްވީ ކީރިތި ޤުރްއާން ވިދާޅުވެދެއްވައިގެންނެވެ. އަދި އެކަމުގައި އެކަލޭގެފާނު ދެމިހުންނަވައިގެންނެވެ.
ތަޒުކިއާއިން ކުރާ ކަމަކީ އިންސާނާ ސާފުކޮށް ޠޯހިރުކުރުމެވެ. ބައްތިއެއް ނުވަތަ ބޮތްކެއްގައި ހަރުކޮށްފައި ހުންނަ އުނބުގަނޑަށް ވިސްނަން ހިނގާށެވެ. ބައްތީގެ އަލިކަން ރަނގަޅަށް ހޯދުމަށްޓަކައި ގަވާއިދުން ބިއްލޫރި އުނބުގަނޑު ސާފުކުރަންޖެހެއެވެ. އުނބުގަނޑުގެ ބޭރުގައި ހިފާ ހިރަފުހާއި ދަމިލަ ދޮވެ ސާފުކުރަންޖެހެއެވެ. ހަމައެގޮތަށް އުނބުގަނޑުގެ އެތެރޭގައި ޖަހާ ގެދަބުޅިއާއި ދުމުގެ ނުތާހިރުކަމުން އުނބުގަނޑު ސާފުކުރަންޖެހެއެވެ. ހަމައެގޮތަށް އިންސާނާގެ އެތެރެއާއި ބޭރު ގަވާއިދުން ސާފުކޮށް ޠޯހިރުކުރަންޖެހެއެވެ. ރަސޫލުﷲ ކުރެއްވީ މިމަސައްކަތްޕުޅެވެ. ބަޔަކު އިސްލާހުކޮށް ރަނގަޅުކުރުމަށްޓަކައި ކުރަންޖެހޭ އެންމެ މުހިންމު އެއް ކަމަކީ ސާފުކޮށް ޠޯހިރުކުރުމެވެ. އަޅުގަނޑުމެންގެ ނަފުސުތައް ސީދާވެގެންވާ ތެދުމަގުގައި ގާއިމްކުރުމަށްޓަކައި ކުރަންޖެހޭ ކަމަކީ ނަފުސުތައް ޠޯހިރުކުރުމެވެ.
ފަޔާޒަކީ އުނގެނި ދަސްކުރުމަށް ފޯރި ހުންނަ ދަރިވަރެކެވެ. އޭނާއަކީ ވިލާ ކޮލެޖުގެ ދާރިސެކެވެ.