ކުރިއަށް މި ދާ ފަސް އަހަރު (2024 – 2028) ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ޙާޞިލްކުރަން ބޭނުންވާ ލަނޑުދަނޑިތައް ހިމަނައިގެން އެ ކުންފުނީގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭން (SAP) އިފްތިތާޙުކޮށްފި އެވެ. މި ޕްލޭން އިފްތިތާޙުކޮށްފައިވަނީ އެކަމަށްޓަކައި މިއަދު ސްޓެލްކޯގައި ބޭއްވި ރަސްމިއްޔާތެއްގައި އެކުންފުނީގެ މެނޭޖިންގް ޑިރެކްޓަރ، ޙުސައިން ފަހުމީއެވެ.
މި ޕްލޭންއަކީ، ޙުސައިން ފަހުމީ ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމާއި ހަވާލުވެވަޑައިގަތުމަށްފަހު، ރާއްޖެއަށް އަންނަމުން މިދާ ތަރައްގީއާއި ތަހުޒީބާއި، ކުރިއެރުންތަކާއި އެއް ހަމަޔަކަށް ކަރަންޓާއި، ފެނާއި ނަރުދަމާގެ ސިނާއަތް ގެންދިއުމަށް ކުރެވެން ހުރީ ކޮން މަސައްކަތްތަކެއްތޯ ބައްލަވައި، އެ މަސައްކަތްތައް ބާރު ސްޕީޑެއްގައި ކުރެވިގެންދާނެ މަގުކޮށްޓެވުމަށް ފެއްޓެވި މަސައްކަތްޕުޅުގެ ތެރެއިން، ކުންފުނީގެ ބޯޑުގެ ހަރުދަނާ ލަފަޔާއި އިރުޝާދާއި އެކުގައި ތައްޔާރުކުރެވިފައިވާ ޕްލޭނެއް ކަމަށް ސްޓެލްކޯއިން ވިދާޅުވިއެވެ.

އެކުންފުނީން ވިދާޅުވެފައިވަނީ މި ޕްލޭން އެކުލަވާލުމުގައި އަސާސްތަކެއްގެ ގޮތުގައި ބަލާފައިވަނީ ޚިދުމަތުގެ ކުރިއެރުމާއި، ދެމެހެއްޓެނިވިކަން ކަށަވަރުކުރުމާއިއެކު، ރައްޔިތުންގެ އިތުބާރާއި ޔަޤީންކަން ކަށަވަރު ކުރުން ކަމަށެވެ. ”މި ޕްލޭން އެކުލަވާލުމުގެ މަސައްކަތް ކޮށްފައިވަނީ ކުންފުނީގެ އެކި ދާއިރާތަކުގެ ޓެކްނިކަލް އަދި މެނޭޖިރިއަލް މުވައްޒަފުން ހިމަނައިގެން އެކުލަވާލެވުނު އިލްމީ އަދި ގާބިލް ޓީމަކުން. މި ޓީމްގެ މަސައްކަތްތައް ކުރިއަށް ގެންގޮސްފައިވަނީ ކުންފުނީގެ ސްޓްރެޓިޖިކް ކޮމިޓީގެ ހާއްސަ ބެއްލެވުމާއި އިރުޝާދުގެ ދަށުން،“ ސްޓެލްކޯއިން ވިދާޅުވިއެވެ.
އެކުންފުނީން ވިދާޅުވީ މި މަސައްކަތުގެ ތެރެއިން، ކުންފުނި ހިންގުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރާ އިސްވެރިންގެ ޚިޔާލާއި މަޝްވަރާ ހޯދުމަށްފަހު ކުންފުނީގެ މިޑްލް މެނޭޖްމަންޓްގައި ހިމެނޭ ޔުނިޓް ހެޑުންނާއި އެ މުވައްޒަފުންގެ ދަށުން މަސައްކަތްކުރާ ޓީމުތަކުގެ ޚީޔާލާއި އެއްގޮތަށް ޑިޕާޓްމަންޓްތައް ހިންގުމުގެ ޕްލޭންތައް އެކުލަވާލައި، SAP ގައި ވަނީ ހިމެނިފައި ކަމަށެވެ.
މީގައި އެކުލަވާލެވިފައިވާ ފްރޭމްވަރކްގައި 5 ސްޓްރެޓިޖިކް އޮބްޖެކްޓިވް، 19 ސްޓްރެޓިޖިކް ގޯލް، 55 ޓާގެޓް އަދި 96 އެކްޝަން ކަނޑައެޅިފައިވެއެވެ.
އަދި މި ސްޓްރެޓިޖިކް އެކްޝަން ޕްލޭންގައި ކޮންމެ ޑިޕާޓްމަންޓަކަށްވެސް އެކްޝަންތަކަކާއި ޓާގެޓްތަކެއް ކަނޑައެޅިފައިވާނެއެވެ. އަދި މި ޓާގެޓްތައް ޙާޞިލްވޭތޯ މޮނިޓަރކުރެވޭނެ ނިޒާމެއް ޤާއިމްކުރެވިފައިވާ ކަމަށް ވެސް ސްޓެލްކޯއިން ވިދާޅުވެފައިވެއެވެ.

”މިހާރު ތައްޔާރުކުރެވިފާ މިވާ ސްޓްރެޓެޖިކް އެކްޝަން ޕްލޭނަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ޤައުމަށާއި ޔުޓިލިޓީ ހިދުމަތްތަކުގެ ސިނާއަތްތަކަށް ކަނޑައަޅުއްވާފައިވާ ހަރުދަނާ ސިޔާސަތުތަކާއި އެއްގޮތްވާގޮތުގެ މަތީންނާއި، ސްޓެލްކޯގެ ސްޓްރެޓެޖިކް ކޮމިޓީގެ ލަފާގެ މަތިން ތައްޔާރުކުރެވި އަދި، ކުންފުނީގެ ބޯޑުގެ ފުރިހަމަ ތާޢީދާއެކު އެކުލަވާލެވިފައިވާ ޕްލޭނެއް،“
މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީ ވިދާޅުވީ، ޒަމާނީ ވިސްނުމާއިއެކު ތައުލީމީ ޒުވާނުން މިތައްޔާރު ކުރީ އެކްޝަން ޕްލޭނަކީ މުސްތަގުބަލް ކަނޑައެޅުމުގެ ހަރުދަނާ ބިންގަލެއް ކަމަށެވެ.

މިފަދަ ޕްލޭނެއް އޮތުމުން ކުންފުނި ހިންގުމަށް އިތުރަށް ފަސޭހަވެ، ކުންފުނީގެ ހުރިހާ ދާއިރާއަކުންވެސް އެއް އަމާޒަކަށް މަސައްކަތްކުރެވި، ހިންގުން ހަރުދަނާކުރެވި، ކުންފުނީގެ މާލިއްޔާއިން ކުރެވޭ ޚަރަދުތަކަކީ ކުންފުނިން އެކަށައަޅާފައިވާ ލަނޑުދަނޑިތަކަށް ވާޞިލްވުމަށް މަގުފަހިވެގެންދާ ގޮތަށް ކުރެވޭ ޚަރަދުތަކެއް ކަމުގައި ވެގެންދާނެ ކަމަށްވެސް ވިދާޅުވެފައިވެއެވެ. އަދި ކުންފުނިން ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު މަތި ކުރެވި، ރައްޔިތުންނާއި ކުންފުންޏާއި ދެމުދު އޮންނަ އިތުބާރާއި ގުޅުން އިތުރަށް ރަނގަޅު ކުރެވިގެންދާނެ ކަމަށްވެސް ވިދާޅުވެފައިވެއެވެ.






