މިސަރުކާރުން ވެރިކަމާ ހާވާލުވިއިރު ރާއްޖޭގެ 72 ރަށެއްގައި ފުލުހުންގެ ޚިދުމަތް ނުފެށިއޮތް ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވަޒީރު ޢަލީ އިހްސާން ވިދާޅުވެއްޖެއެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބައެއް މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ އެރަށްރަށުގެ ތެރެއިން 25 ރަށެއްގައި މިހާރުވާނީ ޚިދުމަތް ފަށާފައި ކަމަށެވެ.
ކުޅުދުއްފުށި ސީޓީގައި އިމާރާތްކުރުމަށް ހަމަޖެހިފައިވާ ޒަމާނީ ޕޮލިސް ސްޓޭޝަންގެ އިމާރާތުގެ އަމަލީ މަސައްކަތް ފެށޭނެ ތާރީޚެއް އޮޅުންފިލުވުމަށް މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ވަޒީރު ވިދާޅުވީ އެސިޓީއަކީ މިހާރުވެސް ފުލުހުންގެ ޚިދުމަތް ގާއިމްކުރެވިފަ އޮތް ރަށެއް ކަމަށެވެ. އެފަދަ ރަށްރަށުގައިހުރި ޕޮލިސް އިންފްރާސްޓްރަކްޗަރ މިހާރަށް ވުރެ ރަނގަޅު ފެންވަރަކަށް ގާއިމްކުރުމުގެ މަސައްކަތްތައް ކުރައްވަމުން ގެންދަވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެ މަސައްކަތުގެ ދަށުން 115 ރަށެއްގެ ޕޮލިސް ސްޓޭޝަންގެ އިންފްރާސްޓްރަކްޗަރ މަސައްކަތްތައް ބަހާލައިގެން ދައުލަތުގެ ބަޖެޓުން ބުރަނުވާ ގޮތަށް ފެންވަރު ރަނގަޅު ކުރުމުގެ މަސައްކަތް ކުރައްވާނޭ ކަމަށް ވިދާޅުވިއެވެ. އެހެންނަމަވެސް ވަކި މަޝްރޫއު ތަކުގެ ވާހަކަ ދަންނަވަން އަދި ދަތިކަމަށްވެސް ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ ޕޮލިސް ސްޓޭޝަންތަކުގެ މަސައްކަތް ކުރިއަށްގެންދާނީ ވަކި ތަރުތީބަކުން ކަމަށެވެ. އެ ތަރުތީބު އެބައޮތް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ހާލަތަށް ބަލާފައި އިސްކަންދޭންޖެހޭ ތަންތަނަށް އިސްކަން ދެއްވާނޭ ކަމަށް ވެސް ވިދާޅުވިއެވެ.






