ދައުލަތުގެ ހަރަދުތައް ފޫބެއްދުމަށްޓަކައި މިއަހަރުގެ ކުރިއަށް އޮތް ތަނަށް ސަރުކާރުން ހުށަހެޅި 5.1 ބިލިއަން ރުފިޔާގެ ސަޕްލިމެންޓަރީ ބަޖެޓް، އެއްވެސް ބަދަލެއް ނުގެނެސް ހުށަހެޅިގޮތަށް ރައްޔިތުންގެ މަޖިލީހުން ދެންމެ ފާސްކޮށްފިއެވެ.
ސަރުކާރުން ހުށަހެޅި ސަޕްލިމެންޓަރީ ބަޖެޓުގެ ޖުމުލައަކީ 5،119،508،129 (ފަސް ބިލިޔަން އެއް ސަތޭކަ ނަވާރަ މިލިޔަން ފަސްލައްކަ އަށްހާސް އެއް ސަތޭކަ ނަވާވީސް) ރުފިޔާއެވެ. މި ބަޖެޓުގެ ތެރޭގައި ހިމެނެނީ ރިކަރަންޓް ހަރަދުގެ ގޮތުގައި 1.5 ބިލިއަން ރުފިޔާ އަދި ކެޕިޓަލް ހަރަދުގެ ގޮތުގައި 3.5 ބިލިއަން ރުފިޔާއެވެ.
ބަޖެޓް ބަޔާން މަޖިލީހަށް ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު ޒަމީރު ވިދާޅުވެފައިވަނީ މި އަހަރަށް ފާސްކޮށްފައިވާ ބަޖެޓަކީ ނިމިދިޔަ ސަރުކާރުން އެކުލަވާލާފައިވާ ބަޖެޓެއް ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ސަޕްލިމަންޓަރީ ބަޖެޓް ހުށަހެޅި މައިގަނޑު ސަބަބުތަކަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ތަސައްވުރާއި ވިސްނުން މިއަހަރުގެ ބަޖެޓުގައި ފުރިހަމައަށް ހިމެނުން ކަމަށެވެ.
މީގެ އިތުރުން ބަޖެޓުގައި ހިމަނާފައިވާ ރިފޯމްތައް ތަންފީޒުކުރަން ކުރަންޖެހޭ މަސައްކަތްތަކުގެ ބޮޑުބައި ކުރަން ޖެހުމުން، އަންދާޒާކޮށްފައިވާ މިންވަރަށްވުރެ ވަގުތު ނަގަން ޖެހުމާއި ހަރަދު އިތުރުވާނެ ކަމަށް ބެލެވުންވެސް އޭގެ ތެރޭގައި ހިމެނެއެވެ.
މިނިސްޓަރު ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ ހަރަދު ކުޑަކުރުމަށް ނިޒާމީގޮތުން ގެންނަންޖެހޭ ބަދަލުތައް ގެންނަ ގަޑީގައި، ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ހިދުމަތްތައް ހުއްޓުމެއްނެތި ފޯރުކޮށްދިނުން ކަމަށެވެ.
މީގެ އިތުރުން މެޑިކަލް ކޮންސިއުމަބަލްސްގެ ހަރަދު އަންދާޒާކޮށްފައިވާ މިންވަރަށްވުރެ އިތުރުވުމާއި އިންޑައިރެކްޓް ސަބްސިޑީތަކަށް ކުރާ ހޭދަ އިތުރުވާނެ ކަމަށް ބެލެވުމާއި މިއަހަރު ސްޓޫޑަންޓް ލޯން ސްކީމުގެ ދަށުން އިތުރު ދަރިވަރުންނަށް ލޯން ދޫކުރުމަށް ނިންމުން ވެސް ސަޕްލިމެންޓްރީ ބަޖެޓް ހުށަހަޅަން ޖެހުނު ސަބަބުތަކުގެ ތެރޭގައި ހިމެނެއެވެ.
ޕީއެސްއައިޕީގެ މަޝްރޫއުތައް ހުއްޓުމެއްނެތި ކުރިއަށް ގެންދިއުމަށް ދެ ބިލިއަން ރުފިޔާ މި ސަޕްލިމެންޓަރީ ބަޖެޓުގައި ވަނީ ހިމަނައިފައެވެ. މިއީ ހުސްވި އަހަރުގެ ބިލުތަކަށް ފައިސާ ދެއްކުމަށާއި އަލަށް ފަށާފައިވާ މެގަ މަޝްރުއޫތަކުގެ ދުވެލި އަންދާޒާ ކުރި މިންވަރަށްވުރެ ބާރަށް ހިންގާފައިވާތީ، އެ މަޝްރޫއުތަކަށް ފައިސާ ދެއްކުމަށާއި އަންޑަ ވެލިއު ކޮށްގެން ބަޖެޓުގައި ހިމަނާފައިވާ މަޝްރޫއުތައް ކުރިއަށްގެންދަން ބޭނުންވާ ޖާގަ ހޯދުމަށް ހިމަނާފައިވާ ފައިސާއެވެ.
ބަޖެޓުގައި ހިމެނޭ މައިގަނޑު ދާއިރާތައް:
- ޕީއެސްއައިޕީ އަށް އިތުރު 2 ބިލިއަން ރުފިޔާ
- ސަރުކާރު ހިއްސާވާ ކުންފުނިތަކަށް އިތުރު 441.4 މިލިއަން ރުފިޔާ
- ކޮންޓިންޖެންސީ ބަޖެޓަށް އިތުރު 650 މިލިއަން ރުފިޔާ
- ސްޓޫޑަންޓު ލޯނު ދޫކުރުމަށް 458.4 މިލިއަން ރުފިޔާ
- މެޑިކަލް ކޮންޒިމަބަލްސް އަށް 200 މިލިއަން ރުފިޔާ
- ބޭސްފަރުވާގެ އެހީއަށް 262.6 މިލިއަން ރުފިޔާ
- ސަބްސިޑީއަށް 1.02 ބިލިއަން ރުފިޔާ
- މުސާރައާއި އުޖޫރައަށް 24.4 މިލިއަން ރުފިޔާ
މި ސަޕްލިމެންޓަރީ ބަޖެޓަށް ބޭނުންވާ ފައިސާ ހޯދުމަށް ހަމަޖެހިފައިވަނީ ޕްރޮޖެކްޓް ލޯންތަކުންނާއި ރާއްޖޭގެ ފަރާތްތަކުން ލޯން ހޯދައިގެންނާއި ޓްރެޒަރީ ބިލު ވިއްކައިގެންނެވެ.
މިގޮތުން މި ސަޕްލިމެންޓަރި ބެޖެޓު ފައިނޭންސް ކުރަން ރާވާފައިވަނީ ބޭރުގެ ފަރާތްތަކުން އެއް ބިލިއަން ރުފިޔާ އަދި ރާއްޖޭގެ ފަރާތްތަކުން ތިން ބިލިއަން ރުފިޔާ ހޯދައިގެންނެވެ.
މިނިސްޓަރު ވިދާޅުވީ، ސަޕްލިމެންޓަރީ ބަޖެޓާއެކު، 2024 ވަނަ އަހަރުގެ ބަޖެޓުގެ ޖުމުލަ އަދަދު 55 ބިލިއަން ރުފިޔާ އިތުރުވެ، އަދި ސަޕްލިމެންޓަރީ ބަޖެޓުގެ އާމްދަނީ ހިމަނައިގެން އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކުރަނީ 34 ބިލިއަން ރުފިޔާ ކަމަށެވެ.
މިއާއެކު ސަޕްލިމެންޓަރީ ބަޖެޓުގެ އޯވަރޯލް ޑެފިސިޓަކީ ހަތަރު ބިލިއަން ރުފިޔާއެވެ. އެހެންކަމުން މިއަހަރުގެ ބަޖެޓު ޑެފިސިޓާއި ސަޕްލިމެންޓަރީ ބަޖެޓާއެކު އިތުރު ވެގެންދާނީ 18 ބިލިއަން ރުފިޔާއަށް ކަމަށް ވެސް ވިދާޅުވިއެވެ.
މިއީ އުފެއްދުންތެރިކަމުގެ ނިސްބަތުން 16 އިންސައްތައެވެ. މިއާއެކު އަހަރު ނިމޭއިރު ދައުލަތުގެ ދަރަނި ހުންނާނީ އުފެއްދުންތެރިކަމުގެ ނިސްބަތުން 118 އިންސައްތައިގައި ކަމަށް ވެސް ވަނީ ލަފާކޮށްފައެވެ.
މިދިޔަ އަހަރު ދައުލަތުގެ ހަރަދުތައް ފޫބެއްދުމަށް ފާސްކޮށްފައިވަނީ 6.5 ބިލިއަން ރުފިޔާގެ ސަޕްލިމެންޓަރީ ބަޖެޓެކެވެ.






