ދައުލަތުގެ އެއްވެސް ބާރެއް ނުވަތަ މިނިވަން މުއައްސަސާއަކަށް ވިޔަސް އެއްވެސް ނުފޫޒެއް ނުފޯރުވާނޭ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ މިފަދަ އެއްވެސް ބައެއްގެ ތެރެއަށް ނުފޫޒު ފޯރުވުމަކީ މިހާތަނަށް ކުރައްވާފައިވާ ކަމެއްނޫން ކަމަށެވެ. ކުރިއަށްއޮތްތާނގައި ވެސް އެކަން ނުކުރައްވާނޭ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.
”ދައުލަތުގެ އެއްވެސް ބާރެއްގެ، ނުވަތަ މިނިވަން މުއައްސަސާއެއްގެ، ނުވަތަ އިންތިޚާބު ކުރެވޭ އެއްވެސް ބައެއްގެ ބާރުތަކުގެ ތެރެއަށް ނުފޫޒު ފޯރުވުމަކީ އަޅުގަނޑު މިއަދާ ހަމަޔަށްވެސް ކުރިކަމެއްނޫން އަދި ކުރިޔަށް އޮތް ތާނގައިވެސް ކުރާނޭކަމެއްނޫން،“ ރައީސް ވިދާޅުވެފައިވެއެވެ.
ރައީސް ވިދާޅުވެފައިވަނީ ނުފޫޒު ނުފޯރުވިޔަސް އެފަދަ ފަރާތްތަކުން އަދުލުވެރިކަމާއި އިންސާފާއެކު މަސައްކަތް ކުރަމުންދޭތޯ ކަށަވަރު ކުރައްވާނޭ ކަމަށެވެ. އެމަގަށް ކަންކަން ބައްޓަން ކުރުމަށް ކުރައްވަން ޖެހިވަޑައިގެންނެވި އެންމެހާ ކަންކަން ކުރެއްވުމަށް ގާނޫނާއި ގަވާއިދަށް ގެންނަންޖެހޭ އިސްލާހެއްވާނަމަ އެ އިސްލާހެއް ގެންނަން ސަރުކާރުން ހުށަހަޅުއްވާނޭ ކަމަށް ވެސް ވިދާޅުވިއެވެ.
ނުފޫޒު ފޯރުވުމުގެ ”ބަދަލުގައި، އެފަދަ ފަރާތްތަކުން ޢަދުލުވެރިކަމާއި، އިންސާފާއި، ހަމަހަމަކަމާއެކު، ވަކި މީހަކަށް ބެލުމެއްނެތި، ހަލުއި ދުވެލީގައި މަސައްކަތްކުރަމުން ދޭތޯ ކަށަވަރުކުރުމާއި އެ މަގަށް ކަންކަން ބައްޓަން ކުރުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ކުރުމަށް، ޤާނޫނާއި ޤަވާޢިދަށް ގެންނަންޖެހޭ އިސްލާހެއްވާނަމަ އެ އިސްލާޙެއް ގެންނަން ސަރުކާރުން ހުށަހަޅަމުން ގެންދާނެ ވާހަކަ ދަންނަވަން،“ ރައީސް ވިދާޅުވެފައިވެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވެ ޕޯސްޓު މިކުރެއްވީ އޭސީސީއާއި އީސީގެ ރައީސުންނާއި ނާއިބު ރައީސުން އައްޔަން ކުރެއްވުމުގެ ބާރު ރައީސަށް ދެއްވުމުން އެތަންތަނަށް ނުފޫޒު ފޯރުއްވާނޭ ކަމަށް ސިޔާސީ ބައެއް ފަރާތްތަކުން ވިދާޅުވަމުން ގެންދަވާތީ އެއަށް ޖަވާބު ދެއްވުމުގެ ގޮތުންނެވެ.






