ވޭޕުން ދުއިސައްތަ ޕަސެންޓު ސިގިރެޓުން ފަންސާސް ޕަސެންޓް ޑިޔުޓީ ބޮޑުކުރަން ފާސްކޮށްފި

އަހުމަދު މުހައްމަދު
އޮކްޓޯބަރ 31, 2024

މާދަމާއިން ފެށިގެން ސިނގޭޓް ބާވަތްތަކާއި، ވޭޕްގެ ބާވަތްތަކުން ނަގާ ޑިއުޓީ ބޮޑުކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްވިއެވެ.

ރާއްޖޭގެ އިންޕޯޓް އެކްސްޕޯޓިގެ ގާނުނަށް އިސްލާހުގެ ގެނައުމަށް ސަރުކާރުން ހުށަގަޅައިގެން މިއަދު ފާސްކުރި ބިލްގައި އިލެކްޓްރޯނިކް ސިނގިރޭޓާއި، ވޭޕް ކުރުމަށް ބޭނުންކުރާ އާލާތްތަކާއި އޭގެ ބައިތަކުގެ ޑީއުޓީ 25 ޕަސެންޓްގައި އޮއްވައި، އޭގެ ތެރެއަށް ޓޮބޭކޯ ހީޓިން ޕްރޮޑަކްޓްތައް (ޑިވައިސަސް) އާއި އެ އެއްޗެހީގެ ބައިބައި އިތުރުކޮށް ޑިއުޓީ 25 ޕަސެންޓުން 200 ޕަސެންޓަށް ވަނީ ބޮޑުކޮށްފައެވެ.

ސިނގިރޭޓާއި ބިޑީގެ ޑިއުޓީ ވެސް 25 ޕަސަންޓުން 50 ޕަސަންޓަށް ވަނީ ބޮޑުކޮށްފައެވެ. އެއީ ސިނގިރޭޓު އަދި ބިޑިއަކުން އަށް ރުފިޔާއަށެވެ. އިލެކްޓްރޯނިކް ސިނގިރޭޓަށް ނުވަތަ ދުންފަތުގެ އިސްތިއުމާލު ކުރުމަށް ބޭނުންކުރާ އެނޫން ވެސް އާލާތްތަކަށް އަޅާ ފްލޭވާ އާއި ކެމިކަލްގެ ޑިއުޓީވެސް 50 ޕަސަންޓަށް ވަނީ ހުށަހަޅައިފައެވެ.

އޭގެ އިތުރުން ހީޓަޑް ޓޮބޭކޯ ޕްރޮޑަކްޓުތައް ނުވަތަ ރޯކުރުމަކާ ނުލައި ހޫނުކޮށްގެން ބޭނުންކުރެވޭ ގޮތަށް އުފައްދާފައި ހުންނަ ދުންފަތުގެ އުފެއްދުންތަކުގެ ޑިއުޓީ ވެސް 50 ޕަސަންޓަށް ވަނީ ބޮޑުކޮށްފައެވެ. އެ ބާވަތްތައް ފިޔަވައި ދެން ހިމެނޭ ދުންފަތުގެ ބާވަތްތަކުން ޑިއުޓީ ވެސް ވަނީ 200 ޕަސަންޓަށް ބޮޑުކޮށްފައެވެ.

މި ބިލު މަޖިލީހުން ފާސްކުރީ ވޯޓުގައި ބައިވެރިވި 71 މެންބަރުންގެ ތާއިދާއެކު އެވެ. ބިލާ ދެކޮޅަށް ވޯޓު ދެއްވީ އެމްޑީޕީގެ އަށް މެންބަރުންނެވެ.

ބިލްގައިވާގޮތުން މި ގާނޫނަށް އަމަލު ކުރަން ފަށާނީ ނޮވެމްބަރުމަހުގެ އެކަކުން ފެށިގެންނެވެ. ނަމަވެސް އެއީ ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރައްވައި ގެޒެޓް ކުރެއްވުމުންނެވެ.

މި ބަދަލުގެ ސަބަބުން މި އަހަރު އެކަނިވެސް ދައުލަތަށް އާމްދަނީގެ ގޮތުގައި 180.3 މިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާ ކޮށްފައިވާއިރު، މި އަންނަ އަހަރު ދައުލަތަށް ހަމައެކަނި ސިނގިރޭޓުގެ އިމްޕޯޓު ޑިއުޓީން ވެސް އާމްދަނީގެ ގޮތުގައި 1،058.7 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާ ކޮށްފައިވެއެވެ.

ވޭޕްކުރުމަށް ބޭނުންކުރާ ތަކެއްޗާއި އެ ތަކެތީގެ ވަކިވަކި ބައިތައް ރާއްޖެއަށް އެތެރުކޮށް ވިއްކުން 15 ނޮވެމްބަރު 2024 އިން ފެށިގެން މަނާކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވީ މިމަހުގެ 14 ވަނަ ދުވަހުއެވެ.

ރައީސް އެކްސްގައި އެކަން އިއުލާންކުރެއްވުމަށް އެ ދުވަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ‏ވޭޕްކުރުމަށް ބޭނުންކުރާ ތަކެއްޗާއި އެ ތަކެތީގެ ވަކިވަކި ބައިތައް ދިވެހިރާއްޖެއަށް އެތެރުކުރުން ނޮވެމްބަރު 15، 2024 އިން ފެށިގެން މަނާ ކުރުމަށް ނިންމަވާފައިވާ ކަމަށެވެ. އަދި ރާއްޖޭގައި ވޭޕްކުރުމަށް ބޭނުންކުރާ ތަކެތި ބޭނުންކުރުމާއި ގެންގުޅުމާއި އުފެއްދުމާއި ވިއްކުމާއި ރާއްޖޭގައި އިޝްތިހާރު ކުރުމާއި ހިލޭބެހުން ޑިސެމްބަރު 15، 2024 އިން ފެށިގެން މަނާކުރުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ކުރުމަށް ކަމާބެހޭ ފަރާތްތަކަށް އަންގަވާފައިވާ ކަމަށެވެ.

މީގެ އިތުރުން ދުންފަތުގެ އުފެއްދުންތަކުގެ ވިޔަފާރީގެ މުއާމަލާތްކުރެވޭ އެންމެ ހަގު އުމުރަކީ 21 އަހަރު ކަމަށް ކަނޑައެޅުމަށް ގާނޫނަށް އިސްލާހު ގެނައުމަށް ވެސް ރައީސް ވަނީ ނިންމަވައިފައެވެ. ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ވޭޕްކުރުމަށް ބޭނުންކުރާ އާލާތްތައް ދިވެހިރާއްޖެއަށް އެތެރެކޮށް ބޭނުންކުރުން މަނާކުރުމުގެ އިތުރުން، ޒުވާނުން ދުންފަތުގެ ގޯސް އާދައިން ދުރުކުރުމަށްޓަކައި އެގޮތަށް ނިންމަވާފައިވާ ކަމަށާއި އެ އިސްލާހުތައް މަޖިލީހަށް ހުށަހެޅުމަށް ނިންމަވާފައިވާ ކަމަށެވެ.

މި ލިޔުމާ ގުޅޭ