އަންނައަހަރުގެ ދައުލަތުގެ ބަޖެޓަށް ރައްޔިތުން މާޔޫސްވާނޭ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ. އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައވަނީ އަންނައަހަރުގެ ބަޖެޓުވެގެންދަނީ ރައްޔިތުންނަށް މާޔޫސްކަން ގެނުވާނެ ޓެކްސް ބޮޑު، ޚަރަދު ބޮޑު، ދަރަނި ބޮޑު ބަޖެޓެއް ކަމަށެވެ.
އެ ބަޖެޓަށް ރައްޔިތުން މާޔޫސްވާންޖެހޭ ސަބަބުތަކަކީ އެއިން އާންމު ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތި ނުވާނެތީއެވެ. އޭގެ ބަދަލުގައި ރައްޔިތުންނާއި ވިޔަފާރިތަކުގެ ފައިސާ ސަރުކާރަށް ޓެކްސްގެ ގޮތުގައި އިތުރަށް ނަގައި، އެ ފައިސާ ސަރުކާރުން ޚަރަދުކުރަނީ ރައްޔިތުންނަށް ފައިދާއެއްނެތް ކަންކަމަށް ވެސް ވިދާޅުވެފައިވެއެވެ. އެ ފައިސާ ގެއްލި ދަނީ ސަރުކާރުގެ އިސްރާފަށް ކަމަށްވެސް ވިދާޅުވެފައިވެއެވެ.
”ކޮވިޑް-19އަށް ފަހު ބޭނުންވާ އިޤްތިސާދީ އިސްލާހީ އެޖެންޑާ މި ބަޖެޓުގައި ބޭނުންވާ މިންވަރަށް ހިމެނިފައިނެތް. މި ބަޖެޓަކީ ދަރަނި ބޮޑު ކުރާނެ ބަޖެޓެއް. 16.9 ބިލިއަން ރުފިޔާގެ އިތުރު ދަރަނި މި ބަޖެޓު ފޫބައްދަން ހޯދަން ޖެހޭ. ފައިސާ ހޯދަން ސަރުކާރު މިހާރުވެސް ފޭލިވަމުން ދާއިރު މި ފައިސާ ހޯދޭނެ ގޮތުގެ ރަނގަޅު ޕްލޭނެއް ނެތް،“ ފައްޔާޒު ވިދާޅުވެފައިވެއެވެ.
ފައްޔާޒު ވިދޅުވީ މި ފައިސާގެ ބޮޑުބައި ހޯދުމަށް ބަޖެޓުގައި ޖަހާފައިވަނީ ބޭރުގެ ކޮމާޝަލް ބޭންކުތަކުން ބަޖެޓް ސަޕޯޓް ލޯނު ނަގައިގެންކަމަށެވެ. މިއީ ކަންބޮޑުވާ ފައިނޭންސިންގ ސްޓްރެޓެޖީއެއް ކަމަށާއި،މިހާރުވެސް ނުހޯދިގެން އުޅޭއިރު، ކޮމާޝަލް ބޭންކްތަކުން ދޭނެކަމަށް ނިންމީ ކިހިނެއްބާވައޭ ވިދާޅުވެ އޭނާ ވަނީ ސުވާލު ކުރައްވައިފައެވެ. ސަރުކާރަށް ބަޖެޓަށް ބޭރުން ފައިސާ ނުހޯދިގެން ދައުލަތުގެ ކޭޝްފްލޯ އާއި ރިޒާވް ވަނީ ދުވަހަކު އަޑިނާޅާ މިންވަރަކަށް ހީނަރުވެފައި ކަމަށްވެސް ވިދާޅުވެފައިވެއެވެ. ”މި ބަޖެޓުން މި ހީނަރުކަން ފިލުވައިދޭނެ ހައްލެ ނުފެނޭ. ފޫބައްދަންޖެހޭ މިންވަރު ބޮޑުކަމުން ނަގަން ޖެހޭ ދަރަނި ބޮޑު،“
”ޓެކްސްތައް ބޮޑު ކުރުމާއި، ބަޖެޓު ފައިނޭންސް ކުރުމަށް ބެންކުގައި ހުރި ފައިސާ ސަރުކާރަށް ނެގުމުން ޕްރައިވެޓް ސެކްޓަރަށް ވަރަށް ދަތިވެފައި. އަދި ނުވިތާކަށް ސަރުކާރުން ޕްރައިވެޓް ސެކްޓަރަށް ގަވާއިދުން ފައިސާވެސް ނުދައްކާ. މި ބަޖެޓުން ފެންނަނީ ޕްރައިވެޓް ސެކްޓަރ އިތުރަށް ހީނަރު ކުރާނެ ތަން. މިއީ ސިޔާސީ ބޭނުމަށް ކައުންސިލްތަކަކީ ނުކުޅެދޭ ތަންތަން ގޮތުގައި ރައްޔިތުންނަށް ވިސްނައިދިނުމަށް ކައުންސިލްތަކަށް އެއްވެސް ކަމެއް ނުކުރެވޭ ގޮތަށް އޮތް ބަޖެޓެއް،“ އޭނާ ވިދާޅުވެފައިވެއެވެ.
ކައުންސިލްތަކުގެ ބަޖެޓު ލާމަރުކަޒީ ޤާނޫނާ ޚިލާފަށް އުނިކޮށް، ލޯކަލް ކައުންސިލްތަކުގެ ބާރު ކަނޑުވާލައި، ބާރުތައް މަރުކަޒުކުރާނޭ ކަމަށާއި ދައުރުގެ ކުރީކޮޅުގައި ރައީސް މުޢިއްޒު އިތުރު ބަޖެޓް ކައުންސިލުތަކަށް ދެއްވާނެ ކަމަށް ވައުދުވި ނަމަވެސް، އެކަން ބޮލާލައި ޖަހައި، ކުރީގެ ހައުސިން މިނިސްޓަރުގެ ގޮތުގައި ހުންނެވި އިރުވެސް ކައުންސިލުތަކުގެ ބާރު ކަނޑުވާލީ ރައްޔިތުންނަށް ބާރު ނުދީ، ބަޖެޓުން ސަރުކާރުން ހިންގާ ޖަރީމާތައް އިތުރުކުރާން ކަމަށް ވިދާޅުވެފައިވެއެވެ.
ބަޖެޓަށް ފާޑު ވިދާޅުވެ އޭނާ ކުރައްވާފއިވާ ޕޯސްޓުގައި ވަނީ ބަޖެޓުގެ މުހިއްމު ތަފްސީލުތައް ވަނީ ނުހިމަނައި ފޮރުވާފައި ކަމަށެވެ. މުސާރައިގެ ތަފްސީލު އަންގައިދޭ ތާވަލެއް، މަޝްރޫޢުތަކުގެ ލިސްޓެއް ބަޖެޓުގައި ހިމަނާފައި ނުވާކަމަށް އޭނާ ވިދާޅުވިއެވެ. މިއީ ސަރުކާރުގެ ސިއްރުވެރި ސިޔާސަތު ހާމަވެގެންދާ ބެޓެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
”މަޝްރޫޢުތަކުގެ ލިސްޓް ފޮރުވުމުން ރައްޔިތުންގެ ފަރާތުން މަޖިލީހުގެ މެންބަރުންނަށް ސަރުކާރު ޖަވާބުދާރީ ކުރެވޭނެ ގޮތެއްވެސް ނެތް. ރައްޔިތުންގެ އުއްމީދުތަކުގައި ކެރިގެން ކުލަޖައްސައިދެވޭނެ ޕްލޭނެއް ނެތް. ސަރުކާރު ދަނީ ރައްޔިތުންނާ ދުރަށް. ރައީސް މުޢިއްޒު ވީ ބޮޑެތި ވަޢުދުތައްވެސް މި ބަޖެޓުގައި ނުހިމެނޭ. އެކަން ބަޖެޓުގެ ތަފްސީލަކުން ނަންބަރަކުން ފެންނާނަކަށްނެތް،“
ފައްޔާޒު ވިދާޅުވެފައިވަނީ މިއީ ރައީސް މުޢިއްޒު އުނބަށް ޖަހައި ވަޢުދާ ޚިލާފުވި ބަޖެޓެއް ކަމަށެވެ. ރައްޔިތުންގެ އުއްމީދުތަކުގައި ކޮޅުފައިން ޖަހާ ބަޖެޓެއް ކަމަށް ވެސް ވިދާޅުވެފައިވެއެވެ. މި ބަޖެޓުން މި ފެންނަނީ އިޤްތިސާދީ މާލީ ކަންކަން މެނޭޖް ނުކުރެވި، ތިމާމެންނަށް ނުވާ ވަރުގެ ކަމަކާ ބޮލުގައި އެޅިގެން ނުކުރެވިގެން އުޅޭތަން ކަމަށާއި މިއީ ދިވެހި ރައްޔިތުންނަށް ހައްޤު މިންވަރެއް ނޫންކަމަށް ވެސް ވިދާޅުވެފައިވެއެވެ.






