ސިޔާސީ ފިކުރު އެއްކިބާކޮށް، ޤައުމަށާއި އަދި އަންނަން އޮތް ޖީލުތަކަށް ފައިދާވާނޭ ގޮތަށް ގައުމީ ތަރައްގީގެ ވިހިއަރުގެ މާސްޓަރ ޕްލޭން ރާވައި، ތަންފީޒުކުރުމުގައި އެންމެހާ ރައްޔިތުންގެ އެއްބާރުލެއްވުމަށް ރައީސް ޑޮކްޓަރ މުޙައްމަދު މުޢިއްޒު އެދިވަޑައިގެންފިއެވެ.
އެމަނިކުފާނު މިކަމަށް އެދިވަޑައިގެންނެވީ ޤައުމީ ތަރައްޤީގެ 20 އަހަރުގެ މާސްޓަރޕްލޭންގެ މަޝްވަރާ ބައްދަލުވުން އިފްތިތާހުކޮށްދެއްވަމުން ދެއްކެވި ވާހަކަފުޅުގައެވެ. މި ޕްލޭން އިފްތިތާޙްކޮށްދެއްވާފައިވަނީ އެކަމަށްޓަކައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ.
ރައީސް ވިދާޅުވީ މިޕްލޭން ރާވާ، ފުރިހަމައަށް ތަންފީޒުކުރެވިއްޖެނަމަ، ރާއްޖެއަކީ 2040 ވަނަ އަހަރުގެ ކުރިން، ފުރިހަމައަށް ތަރައްޤީވެފައިވާ ޤައުމެއްގެ ގޮތުގައި ގިންތިކުރެވިގެންދާނޭ ކަމަށެވެ.
ތަރައްޤީގެ މާސްޓަރޕްލޭންގައި ޒަމާނީ ޓެކްނޮލޮޖީއާއި ޑިޖިޓަލް އިޤްތިޞާދަށް އިސްކަންދީގެން، ރައްޔިތުންނަށް ކުރިމަތިވެފައިވާ މައި ގޮންޖެހުންތައް ޙައްލުކުރުމުގެ ވިސްނުން އިސްކުރުމަށްވެސް ރައީސް އިލްތިމާސްކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅަށްފަހު، ޤައުމީ ތަރައްޤީގެ 20 އަަހަރުގެ މާސްޓަރޕްލޭންގެ މަޝްވަރާ ބައްދަލުވުމުގެ ޕެނަލް ޑިސްކަޝަން ވަނީ ފަށާފައެވެ. މި ޕެނަލް ޑިސްކަޝަންގައި ބެލެނިވެރިންނާއި، މުދައްރިސުންނާއި، ދަރިވަރުންނާއި، މުޢައްސަސާތަކާއި، ސިވިލް ސޮސައިޓީއާއި، ޚާޢްޞައެހީއަށް ބޭނުންވާ ފަރާތްތަކާއި، އަދި އެކި ދާއިރާތަކުގެ ބައިވެރިން ހިމެނެއެވެ.
ޤައުމީ ތަރައްޤީގެ 20 އަހަރުގެ ޕްލޭން އެކުލަވައިލުމުގެ މަސައްކަތް ފަށާފައިވަނީ އަހަރު ދުވަހުގެ ތެރޭގައި އެއްކޮށް މަސައްކަތް ނިންމާލުމަށް އަޒުމު ކަނޑައަޅައިގެންނެވެ. މި ޕްލޭނަށް ޤާނޫނީ ބާރުވެރިކަންދިނުމަށާޓަކައި ގާނޫނުއަސާސީއަށް މާއްދާއެއް އިތުރުކުރުމަށްވެސް ސަރުކާރުން ވަނީ ނިންމަވާފައެވެ.






