ދިވެހިރާއްޖޭގެ ތައުލީމަށް ޚިދުމަތްކުރުމުގެ އެންމެ މަތިވެރި ޝަރަފު ޑރ. މުހައްމަދު ޒާހިރު ހުސައިނަށް މިރޭ އަރުވައިފިއެވެ.
އެމަނިކުފާނަށް މިޝަރަފު އެރުވީ މިރޭ ދަރުބާރުގޭގައި ކުރިއަށްދިޔަ ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒެވެ.
ޑރ. ޒާހިރު ހުސައިންނަކީ އެތައް އަހަރެއް ވަންދެން ރާއްޖޭގެ އެޑިޔުކޭޝަން މިނިސްޓަރަކަށް ހުންނަވައިގެން ތައުލީމީ ދާއިރާއިން ރާއްޖެއަށް އެތަ ޚިދުމަތްތަކެއް ކޮށްދެއްވައިފައިވާ ބޭފުޅެވެ. ނިޝާން ޢިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާ (ނ.ޢ.ޢ.ވ)، މިހާރު ވެސް ގެންދަވަނީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ޗާންސެލަރ ކަމުގެ މަގާމުގައި ހުންވައިގެން ވެސް ތައުލީމަށް ޚިދުމަތް ކޮށްދެއްވަމުންނެވެ.
ޑރ. ޒާހިރު ހުސައިނަކީ ދިވެހިރާއްޖޭގެ ތަޢުލީމީ ތަރައްޤީއަށާއި، ރާއްޖޭގައި ތަޢުލީމު ފުޅާކުރެއްވުމަށާއި، ތަޢުލީމީ ރޮނގުން ރާއްޖޭގެ ރައްޔިތުން ހޭލުންތެރިކުރުވުމަށް އިޚްލާސްތެރިކަމާއެކުގައި، ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވާ އަދި މިހާރުވެސް ކޮށްދެއްވަމުން ގެންދަވާ ބޭފުޅެކެވެ.
އެމަނިކުފާނަކީ މިސްރުގެ އަލްއަޒްހަރު ޔުނިވަރސިޓީއިން މަތީ ތައުލީމު ފުރިހަމަ ކުރައްވާފައިވާ އިލްމީ ބޭފުޅެކެވެ. އަޒުހަރުން ކިޔަވާވިދާޅުވުމަށްފަހު މާލެ ވަޑައިގެން އެމަނިކުފާނުވަނީ އަމީނިއްޔާ ސްކޫލްގައި މަސައްކަތް ކުރައްވައިފައެވެ. އެއަށްފަހު ތަޢުލީމީ ދާއިރާގެ އެކި މަގާމުތައް ފުރުއްވިއެވެ. އެންމެ ޚާސަ މަގާމެއްގެ ގޮތުގައި ފާހަގަކޮށްލެވެނީ މިނިސްޓަރ އޮފް އެޑިޔުކޭޝަންގެ މަގާމެވެ. މިއީ ރާއްޖޭގެ ތައުލީމަށް އެންމެ ފުޅާދާއިރާއެއްގައި ޚިދުމަތް ކޮށްދެއްވުމަށް އެމަނިކުފާނަށް ލިބިވަޑައިގެންނެވި އެންމެ ފަހި ފުރުސަތެވެ. މި ފުރުސަތުގައި ތަޢުލީމީ ދާއިރާގެ ކުރިއެރުމަށް ގިނަގުނަ މަސައްކަތްތަކެއް ކޮށްދެއްވިއެވެ.
އެގޮތުން 1979 ވަނަ އަހަރު ހުޅުވި ސައިންސް އެޑިޔުކޭޝަން ސެންޓަރަކީ އެ މަނިކުފާނުގެ މޭސްތިރިކަމުގެ ދަށުން ހުޅުވި ތައުލީމީ ބިނާއެކެވެ. ”މީގެއިތުރުން ޒަމާނާ އެކަށޭނަ އަދި ދިވެހިވަންތަ ނިޒާމަކަށް ކިޔަވައިދެވޭނެ ގޮތަކަށް، ރާއްޖޭގެ ތަޢުލީމީ މުޤައްރަރަށްވެސް އެކިފަހަރު މަތިން އިޞްލާޙީ ހެޔޮ ބަދަލުތަކެއް ގެނެސްދެއްވިއެވެ. އެގޮތުން ޑޮކްޓަރ މުޙައްމަދު ޒާހިރު ޙުސައިން އިސްވެ ހުންނަވައިގެން ހިންގެވި އެންމެބޮޑު އަނެއް މަޝްރޫޢަކީ، އަސާސީ ތަޢުލީމުގެ މަޝްރޫޢެވެ.“
ރާއްޖޭގެ ތަޢުލީމީ ވަޒީރުކަން އެމަނިކުފާނު ވަނީ ދިހަ އަހަރާއި ނުވަމަހަށްވުރެ ގިނަދުވަހު ކުރައްވައިފައެވެ. އެއަށްފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރެއްގެ މަގާމް ވެސް ފުރުއްވިއެވެ. އެއަށްފަހު މިނިސްޓަރ އޮފް ޔޫތު އެންޑް ސްޕޯޓްސްގެ މަގާމާއި، މިނިސްޓަރ އޮފް ޔޫތު ޑިވެލޮޕްމަންޓް އެންޑް ސްޕޯޓްސްގެ މަގާމުވެސް ފުރުއްވިއެވެ.
ރާއްޖޭގެ ދުސްތޫރީ ނިޒާމު ހަރުދަނާ ކުރެއްވުމުގައި ރައްޔިތުންގެ މަޖިލީހުގައި ރައީސުލްޖުމްހޫރިއްޔާގެ މެންބަރެއްގެ ހައިސިއްޔަތުންވެސް އެ މަނިކުފާނު ވަނީ ޚިދުމަތް ކުރައްވާފައެވެ. އަދި، ކީރިތި ޤުރްއާން ދިވެހިބަހަށް ތަރުޖަމާކުރާ ކޮމިޓީގައިވެސް ދިގު މުއްދަތެއްގައި އެމަނިކުފާނު ޚިދުމަތް ކޮށްދެއްވިއެވެ.
މީގެއިތުރުން ހުކުރު ޚުތުބާ ލިޔުއްވުމާއި، މާލޭގައި ހުކުރުނަމާދާއި ޢީދުނަމާދު އިމާމުވެ ކޮށްދެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވި ”ދީނުގެ މަގު“ ނޫހަށް އެކި މައުޟޫއުތަކަށް މަޒުމޫނުތައްވެސް އެމަނިކުފާނު ލިޔުއްވިއެވެ. އެމަނިކުފާނު ވަނީ 1989ވަނަ އަހަރު، ނޫސްވެރިކަމުގެ ރޮނގުން ޢާންމު ޚިދުމަތުގެ ޝަރަފުވެރިކަމުގެ އިނާމު ހާސިލް ކުރައްވައިފައެވެ. އަދި 1990ވަނަ އަހަރު، މިނިވަން 25ގެ ޢާންމު ޚިދުމަތުގެ އިނާމު ވެސް އެމަނިކުފާނަށް ވަނީ ލިބިވަޑައިގެންފައެވެ. ނޫސްވެރިކަމުގެ ”އަލިމަސް ގަލަން“ ވެސް އެމަނިކުފާނަށް ވަނީ ލިބިވަޑައިގެންފައެވެ.
ޑޮކްޓަރ މުޙައްމަދު ޒާހިރު ހުސައިން ޕީ.އެޗް.ޑީ. ހާސިލުކުރެއްވީ، ތިއޯލޮޖީ އެންޑް ފިލޯސޮފީގެ ރޮނގުން، 2001ވަނަ އަހަރު މެލޭޝިއާއިންނެވެ. ޕީ.އެޗް.ޑީ. ހާސިލުކުރެއްވުމާ ގުޅިގެން، ސަރުކާރުން ދެއްވާ ޚާއްސަ އިނާމު، އެ އަހަރު އެ މަނިކުފާނަށް ވަނީ ލިބިވަޑައިގެންފައެވެ. ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތުގެ ލަޤަބު، އެ މަނިކުފާނަށް އެރުވުނީ 10 ނޮވެންބަރު 2008 ގައެވެ.
އެމަނިކުފާނަކީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގެ ޗާންސެލަރ ކަމުގެ މަގާމުވެސް ފުރުއްވައިފައިވާ ބޭފުޅެކެވެ. ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ޗާންސެލަރ ކަމުގެ މަގާމު ފުރުއްވަން އެމަނިކުފާނު ފެށްޓެވީ 2019 ވަނަ އަހަރު އޮގަސްޓް މަހު 20 ވަނަދުހުއެވެ. އަދާ ހަމައަށް އެހުންނެވީ އެމަގާމުގައެވެ.
ޑޮކްޓަރ މުޙައްމަދު ޒާހިރު ޙުސައިން، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަމުން ގެންދަވާތާ މިހާރު 48 އަހަރުވެއްޖެއެވެ. އަދި ތައުލީމީ ދާއިރާގައި އެމަނިކުފާނު ޚިދުމަތް ކުރައްވަމުން ގެންދަވާތާ މިހާރު 32 އަހަރަށްވުރެ ގިނަ ދުވަސް ވެއްޖެއެވެ.






