ގައުމުގެ އެންމެހާ ކަންކަމުގައި ރައްޔިތުންނަށް ލިބިދީފައިވާ ބާރުތައް ދެމެހެއްޓުމަކީ ޖުމްހޫރިއްޔަތެއްގެ އެންމެ މުހިއްމު އަސާސް ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.
ޖުމްހޫރީ ދުވަހުގެ ތަހުނިޔާ ދިވެހި ރައްޔިތުންނަށް ފޮނުވަމުން އެމަނިކުފާނު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ މިއީ މިކަން އޮންނަންވާ ގޮތްކަމަށް ވިޔަސް މިއަދު މި ވަނީ މި މަސައްކަތް އާ ހިތްވަރަކާއެކު ކުރަންޖެހިފައި ކަމަށެވެ.
ރައީސް ސާލިހު ވިދާޅުވެފައިވަނީ ޖުމްހޫރިއްޔަތެއްގައި ދައުލަތުގެ ބާރުތައް ފެށެނީ ރައްޔިތުންގެ ކިބައިން ކަމަށެވެ. އެހެންކަމުން އެބާރުތައް ރައްޔިތުންގެ ކިބައިގައި ދަމަހައްޓަން ޖެހޭނެއެވެ.
އެމްޑީޕީން ބުނަމުން ގެންދަނީ މިސަރުކާރުން މަސައްކަތް ކުރަނީ ރައްޔިތުންގެ އަތުގައި އޮތްހުރިހާ ބާރެއް އަތުލައި ރައީސްގެ ބާރުގެދަން ގެންދަން ކަމަށެވެ. އެގޮތުން މުހިންމު މުއައްސަސާތަކުގެ ރައީސުންނާއި ނާއިބުން އައްޔަން ކުރުމުގެ ބާރު ރައީސަށްދޭ ގޮތަށް މިހާރު ވަނީ ގާނޫނު އިސްލާހުކޮށްފައެވެ. މިފަދަ އެތައްކަމެއް މިސަރުކާރުން ކުރަމުންދާ ކަމަށް އެމްޑީޕީން ދަނީ ބުނަމުންނެވެ.






