މީޑިއާ ބިލަކީ ވެރިންގެ ފަސާދައިގެ އަމަލުތައް ފަރުދާކުރަން: ޝާހިދު

އަހުމަދު މުހައްމަދު
ނޮވެމްބަރ 13, 2024

ދަލާއި ލޭ އޮހޮރުވައިގެން ހޯދި ޚިޔާލު ފާޅުކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަން އޮބަހައްޓައި ތަޅު އެޅުވޭ ގޮތަށް ސަރުކާރުގެ ފަރާތުން މަޖިލީހަށް ބިލެއް ހުށަހެޅުމަކީ އިންތިހާއަށް ކަންބޮޑުވާ ކަމެއް ކަމަށް އިދިކޮޅު އެމްޑީޕީގެ ރައީސް އަބުދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ޝާހިދު މިހެން ވިދާޅުވީ، ސަރުކާރުގެ ކޮންޓްރޯލް އޮންނަ ގޮތަށް މީޑިއާ ކޮމިޝަނެއް އުފައްދަން މަޖިލީހަށް ހުށަހެޅި ބިލާގުޅިގެން ކަންބޮޑުވުން ފާޅުކޮށް، އެކްސްގައި ކުރެއްވި ޓްވީޓެއްގައެވެ.

ޝާހިދު ވިދާޅުވީ، އެފަދަ ބިލެއް ހުށަހެޅީ، ވެރީންގެ ނާޤާބިލުކަމާއި ފަސާދައިގެ ޢަމަލުތައް ފަރުދާކުރަން ކަމަށްވެ. އަދި ކޮންމެ ދުވަހަކު ވެސް މި ސަރުކާރުން ފެނިގެން މިދަނީ ޚުދުމުޚްތާރުކަމުގެ ސިފަ ކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން އުފެއްދުމަށް ބިލް ހުށަހަޅާފައި ވަނީ ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ ހަތަރު މެންބަރުން ހިމެނޭގޮތަށެވެ.

މި ބިލްގެ މަގުސަދުގެ ގޮތުގައި ބިލްގައި ހިމަނާފައިވަނީ، ރާއްޖޭގައި ނޫސްވެރިކަމުގެ މިނިވަންކަން ކުރިއަރުގައި ތަރައްގީކޮށް، ގާނޫނުއަސާސީން ނޫސްވެރިންނަށް ލިބިދޭ ހައްގުތައް، ޒިންމާދާރުކަމާއެކު ބޭނުންކުރާކަން ކަށަވަރު ކުރުމުގެ ގޮތުން މީޑީޔާތަކާއި މީޑިޔާތަކުގައި މަސައްކަތްކުރާ ނޫސްވެރިންނާއި އެހެނިހެން ފަރާތްތަކުން އަމަލު ކުރާނެ ހަމަތަކާއި އުސޫލުތައް ކަނޑައެޅުން ކަމަށެވެ.

ބިލްގައި ބުނެފައިވަނީ މި ކޮމިޝަންގައި ހަތް ބެންބަރުން ހިމެނޭނެ ކަމަށެވެ. އެއީ ރައްޔިތުންގެ މަޖިލީހުގެ ރުހުން ލިބިގެން ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ ހަތަރު މެންބަރުންނައި، މީޑިއާތަކުން އިންތިހާބުކުރާ ތިން މެންބަރުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ކޮމިޝަނަށް އައްޔަންކުރަން ފެންނަ ފަރާތްތަކުގެ ނަންތައް މަޖިލީހަށް ފޮނުވައިގެން ރުހުން ހޯދަން ޖެހޭނެ ކަމަށް ބިލްގައި ވަނީ ކަނޑައަޅައިފައެވެ. ބިލުގައިވާގޮތުން މީޑިއާތަކުން ކޮމިޝަންގައި ހިމެނޭ މެންބަރުން އިންތިހާބު ކުރާނީ މި ގާނޫނުނުގެ ދަށުން ހަދާ ގަވާއިދުގައިވާގޮތުގެ މަތީން އިލެކްޝަން ކޮމިޝަނުން ބާއްވާ އިންތިހާބަކުންނެވެ.

މި އިންތިހާބުގައި ވޯޓު ލެވޭނީ ބްރޯޑްކާސްޓް މީޑިއާ ހިމެނޭހެން، ނޫސް މަޖައްލާ ފަދަ ތަކެތީގެ ގާނޫނާއި ބްރޯޑްކާސްޓް ކުރުމުގެ ގާނޫނުގެ ދަށުން ރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ ފަސް އަހަރު ވެފައިވާ ބްރޯޑްކާސްޓަރުންނާއި މީޑިއާތަކާއި އެތަންތަނުގައި މަސައްކަތްކުރާ ނޫސްވެރީންނަށެވެ.

މި ބިލްގައި ވަނީ ކޮމިޝަންގެ މެންބަރުންގެ ތެރެއިން ކޮމިޝަންގެ ރައީސަކާއި ނައިބު ރައީސެއް އައްޔަން ކުރާނީ މަޖިލީސްގެ ރުހުމާއެކު ރައީސުލްޖުމްހޫރިއްޔާ ކަމަށެވެ. މި ކޮމިޝަންގެ މެންބަރުކަމުގެ މުއްދަތަކީ ފަސް އަހަރު ދުވަހެވެ. ނަމަވެސް ވިދިވިދިގެން ދެ ދައުރަށްވުރެ ގިނަ ދުވަހު މެންބަރުކަމެއް ނުކުރެވޭނެ އެވެ.

ބިލްގައިވާ ގޮތުން، ކަނޑައަޅާފައިވާ ގޮތުގެމަތީން ނޫހުގައި ޝާއިއު ނުރާތާ 12 މަސްދުވަސްވެފައިވާ ނޫސްތަކާއި، ރަޖިސްޓްރީ ކުރުމުގައި ކަމެއް އޮޅުވާލައިފައިވާ ނޫސްތަކުގެ ރަޖިސްޓްރީ ބާތިލު ކުރެވޭނެ އެވެ. ބްރޯޑްކާސްޓް ކުރުމުގެ ހިދުމަތް ދިނުމުގެ ލައިސަންސް އޮތް ފަރާތަކުން މި ގާނޫނާއި ސުލޫކީ މިންގަނޑާ ހިލާފު ވެއްޖެ ނަމަ، ވޭތުވެދިޔަ އަހަރު އެ ފަރާތަށް ލިބުނު އާމްދަނީގެ 10 ޕަސެންޓަށްވުރެ ބޮޑުނޫން އަދަދަކުން އެ ފަރާތެއް ޖޫރިމަނާ ކުރެވޭނެއެވެ. ކޮމިޝަނުން އަންގާ ގޮތަށް، ކުރި ކުށް ރަނގަޅު ނުކޮށްފިނަމަ އެ ފަރާތެއްގެ ޕްރޮގްރާމް ޝެޑިއުލްގެ ބައެއް ވަގުތީގޮތުން މެދުކަނޑާލުމަށް އެންގުމާއި، އެ ތަނަކުން ފޮނުވާ ކޮންޓެންޓަކީ އިސްލާމްދީނާއި، ގައުމީ ސަލާކަތާއި، އާއްމު ނިޒާމު ނުވަތަ އާންމު ސިއްހަތަށް އޮތް ނުރައްކަލެއް ކަމަށް ބެލެވިދާނެ ހާލަތުގައި ދައުލަތުގެ ކަމާ ގުޅުން ހުރި އިދާރާތައް މެދުވެރިކޮށް އެ ކޮންޓެއްޓެއް ބްރޯޑްކާސްޓްކުރުން ހުއްޓުވޭނެ ކަމަށްވެސް ބިލްގައިވެއެވެ. މީގެ އިތުރުން މަސައްކަތް ކުރުމަށް ބޭނުންކުރާ އާލާތްތައް ހިފެހެއްޓުމާއި، ކޯޓަށް ހުށަޅައިގެން ލައިސަންސް ބާތިލު ކުރުމާ ހަމައަށް ފިޔަވަޅު އެޅުމަށްވެސް ބިލުގައި ހިމަނާފައިވެއެވެ.

ކޮމިޝަނުން ކަނޑައަޅާ ސުލޫކީ މިންގަނޑާ ތަކުރާރުކޮށް ހިލާފު ވާނަމަ އެ ނޫހެއް ނުވަތަ މަޖައްލާއެއް، 5000، ރުފިޔާ އާއި 50،000 ރުފިޔާއާ ދެމެދުގެ އަދަދަކަށް ޖޫރިމަނާ ކުރުމާއި، މީޑީއާގައި މަސައްކަތްކުރާ ފަރާތްތަކާއި ނޫސްވެރީން 5،000 ރުފިޔާ އާއި 10،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭ ގޮތަށްވެސް ބިލްގައި ހިމަނާފައިވެއެވެ.

މި ލިޔުމާ ގުޅޭ