އިޒްރޭލު ޕާސްޕޯޓް މަނާކުރުމުގެ ބިލް އަވަސްކުރަން ގޮވާލި ގަރާރު ބޭރު ކޮށްލައިފި

އަހުމަދު މުހައްމަދު
ނޮވެމްބަރ 20, 2024

އިޒްރޭލުން ގާޒާގައި ހިންގާ އަނިޔާވެރި އަމަލުތަކާ ގުޅިގެން އިޒްރޭލު ރައްޔިތުން ރާއްޖެ އަޔަނުދިނުމަށްޓަކައި، އިޒްރޭލު ޕާސްޕޯޓް މަނާކުރުމުގެ ގޮތުން ”ދިވެހިރާއްޖޭގެ އިމިގްރޭޝަން ގާނޫނު“ އަށް އިސްލާހު ގެންނަން ހުށަހެޅި ބިލުގެ މަސައްކަތް އަވަސްކުރަން ބާރުއަޅައިދިނުމަށް ސަރުކާރަށް ގޮވާލައި މަޖިލީހަށް ހުށަހެޅި ގަރާރު މަޖިލީހުން ބޭރު ކޮށްލައިފިއެވެ.

އެ ގަރާރު ބޭރުކޮށްލީ، ވެރިކަންކުރާ ޕީއެންސީ އާއި އެޕާޓީގެ ކޯޅީޝަން ޕާޓްނާ ޕާޓީތައް ހިމެނޭހެން 63 މެންބަރުން ވޯޓު ދެއްވައިގެންނެވެ. އެ ގަރާރު ބޭުކޮށް ނުލުމަށް ވޯޓު ދެއްވީ ޕީއެންސީގެ އެންމެ މެންބަރަކެވެ. އެއި މަހިނބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގެވެ. އޭގެ އިތުރުން އަމިއްލަ މެންބަރެއް ކަމަށްވާ އައްޑޫ މީދޫ ދާއިރާގެ މެންބަރު އަބްދުއްރަހުމާންވެސް ވޯޓު ދެއްވި ގަރަރު ބޭރުކޮށްނުލުމަށެވެ. އެ މެންބަރުންނާއި އެމްޑީޕީ މެންބަރުންނާއެކު 15 މެންބަރުން އެ ގަރާރު ޞޭރުކޮށް ނުލުމަށް ވޯޓު ދެއްވިއެވެ.

ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހިމް ހުށަހެޅުއްވިމި ގަރާރަކީ، އިޒްރޭލް ޕާސްޕޯޓް މަނާކުރުމުގެ ބިލުގެ މަަސައްކަތް އަވަސްކުރަން ގޮވާލަން ގަރާރު ހުށަހެޅިއިރު، އެ ބިލުގެ މަސައްކަތް އޮތީ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކުގެ ކޮމިޓީ (241 ކޮމިޓީ)ގައި ތާށީވެފައެވެ.

އެބިލް ކޮމިޓީގައި އެޖެންޑާކޮށްފައި މިބަނީ ބިލް ކޮމިޓީއަށް ފޮނުވިތާ ފަސް މަހަށްވުރެ ވެސް ގިނަ ދުވަސް ވެފައިވާ އިރު، އެ ބިލްގެ މަސައްކަތް ފަށާފައިނުވާ މައްސަލައިގައި އިދިކޮޅު އެމްޑީޕީން ކަންބޮޑުވުންތައް ފާޅުކޮށްފައި ވަނިކޮށެވެ.

އެ ބިލަކީ އިދިކޮޅު އެމްޑީޕީގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް މަޖިލީހަށް ހުށަހެޅުއްވި ބިލެކެވެ. އެ ބިލު މަޖިލީހަށް ބަލައިގަނެ އިތުރަށް ދިރާސާކުރުމަށް 241 ކޮމިޓީއަށް ފޮނުވީ، މިދިޔަ ޖުލައި މަހުގެ 10 ވަނަ ދުވަހުއެވެ.

ބިލުގެ މަސައްކަތް ނުފަށައި ކޮމިޓީގައި އޮންނަތާ ގިނަ ދުވަސްވުމާ ގުޅިގެން، ބިލު ހުށަހެޅުއްވި މެންބަރު މީކާއީލް ވަނީ، ބިލުގެ މަސައްކަތް ހުއްޓާލާފައިވާ ސަބަބު އޮޅުންފިލުވައި ދިނުމަށް މަޖިލިސް ރައީސް އަބްދުއްރަހީމް އަބުދުﷲގެ ކިބައިން އެދިވަޑައިގެންފައެވެ. މީކާއީލް އެކަމަށް އެދިވަޑައިގެންފައިވަނީ، މަޖިލިސް ރައީސަށް ފޮނުއްވި ސިޓީއެއްގައެވެ.

އެ ބިލު މަޖިލީހަށް ބަލައިގަތީ މިދިޔަ ޖޫން މަހުގެ 10 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އެވަގުތު ތިއްބެވި 88 މެންބަރުންގެ އިއްތިފާގުންނެވެ.

މީކާއީލް އިސްލާހު ހުށަހަޅުއްވާފައިވަނީ އިމިގްރޭޝަންގެ ގާނޫނުގެ އަށް ވަނަ މާއްދާއަށެވެ. އެ މާއްދާއަކީ ”ރާއްޖެ އެތެރެވުމުގެ ހުއްދަ ނެތް މީހުން“ ބަޔާންކުރާ މާއްދާއެވެ. އެ މާއްދާގައި ވަނީ ރާއްޖެއަށް އެތެރެ ނުވެވޭނެ ހަތް ކެޓަގަރީއެއްގެ ބަޔަކު ކަނޑައަޅައިފައެވެ. މީކާއީލް އިސްލާހު ހުށަހެޅުއްވީ އަށް ވަނަ މާއްދާގެ ހަތްވަނަ ނަންބަރުގެ ފަހަތަށް ނަންބަރެއް އިތުރުކޮށް އެ ކެޓަގަރީގައި އިޒްރޭލު ޕާސްޕޯޓް ގެންގުޅޭ މީހުން ހިމެނުމަށެވެ.

އިޒްރޭލު މީހުން ރާއްޖެއަށް އެތެރެވެވޭ ގޮތަށް އޮންނަ އޮތުން ބަދަލުކުރަން ގާނޫނު އިސްލާހުކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓުން ވެސް ވަނީ ނިންމައިފައެވެ.

މިއަހަރުގެ ޖުލައި މަހުގެ ދެވަނަ ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ވިދާޅުވެފައިވަނީ ފަލަސްތީނަށް އަވަސް ހައްލެއް ގެނެސްދިނުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ކެބިނެޓުގައި މަޝްވަރާކޮށް މުހިއްމު ކަންތައްތަކެއް މިހާރު ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.

މިނިސްޓަރު ވިދާޅުވެފައިވަނީ، ކެބިނެޓުގެ ބައްދަލުވުމުގައި ރައީސް ނިންމަވާފައިވަނީ އިޒްރޭލުގެ މީހުން ރާއްޖެ އެތެރެވިޔަ ނުދިނުމަށްޓަކައި ގާނޫނަށް ގެންނަން ޖެހޭ އިސްލާހުތައް ގެންނަން ކަމަށެވެ. އެހެންވެ، އެކަމަށް ހާއްސަ ކޮމިޓީއެއް އެކުލަވައިލާފައިވާ ކަމަށެވެ.

މި ލިޔުމާ ގުޅޭ