ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނު އަސާސީއަށް ގެނެސްފައިވާ އިލާހު ބާތިލްކޮށް ދެއްވުމަށް އެދި ކުރީގެ މެންބަރު ޢަލީ ހުސައިން ސުޕްރީމްކޯޓަށް މައްސަލަ ހުށަހަޅައިފިއެވެ.
އޭނާ ވިދާޅުވެފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއަށް 6 ވަނަ އިސްލާހު ގެނެސްފައިވަނީ ގާނޫނުއަސާސީގެ 4، 8، 26، 75 އަދި 90 ވަނަ މާއްދާއާހިލާފަށް ކަމަށެވެ. އޭގެ އިތުރުން ގާނޫނުއަސާސީގެ އަސާސީ އޮނިގަނޑާވެސް ހިލާފަށް ކަމަށް ވިދާޅުވެފައިވެއެވެ. އެހެން ކަމުން އެ އިސްލާހު ބާތިލުކޮށް ދިނުމަށްއެދި ސުޕްރީމް ކޯޓަށް ހުށަހެޅުއްވީ ކަމަށް ވިދާޅުވެފައިވެއެވެ.
މިމައްސަލައިގެ ތެރެއަށް އެމްޑީޕީން ވަނީ ތަދައްޚުލް ވެފައެވެ. އެ ޕާޓީން ބުނެފައިވަނީ މިއީ ގާނޫނުއަސާސީގެ ބާރު ކެނޑިގެންދާގޮތަށް، ގާނޫނުއަސާސީ އާއި މުޅި ދިވެހި ދައުލަތް އެ މައްޗަށް ބިނާވެފައިވާ ޑިމޮކްރަސީގެ އަސާސީ ހަމަތަކާ ޚިލާފު އިސްލާހެއް ކަމަށެވެ. މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުން ގާނޫނުތައް ފާސްކުރުމުގައި މީގެ ކުރިން އަމަލުކުރަމުން ގޮސްފައިވާ އުސޫލުތަކާ ހިލާފަށް ގެނެސްފައިވާ އިސްލާހެއް ކަމަށް ވެސް ބުނެފައިވެއެވެ.
”ގާނޫނުއަސާސީއަށް އެ އިސްލާހު ގެނެސްފައިވަނީ ދިވެހި ދައުލަތުގެ އެންމެހައި ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިން ކަމާއި، އަދި މި ބާރުތައް ދެމިއޮންނާނީ ރައްޔިތުންގެ ކިބައިގައި ކަމަށް ގާނޫނުއަސާސީގެ 4 ވަނަ މާއްދާގައި ކަނޑައަޅާފައި އޮތް އޮތުމަށް ރިއާޔަތްކުރުމެއްނެތި،“ އެޕާޓީން ބުނެފައިވެއެވެ. މީގެ އިތުރުން ގާނޫނުއަސާސީގެ 26 ވަނަ މާއްދާގެ ދަށުން، ރައްޔިތުންގެ މަޖިލީހުގައި ރައްޔިތުން ތަމްސީލުކުރާނެ މަންދޫބަކު ހިޔާރުކުރުމަށް ރައްޔިތުންނަށް ލިބިފައި އޮތް ހައްގު އެކީ އެކަށް މީގެ ސަބަބުން ނިގުޅިގެންދާ ކަމަށް ވެސް ބުނެފައިވެއެވެ. އެހެން ކަމުން މިމައްސަލަ ”ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުމަށް ނިންމާފައިވާ ނިންމުމަށް މަރުހަބާ ކިޔައި، އެ މައްސަލައިގެ ތެރެއަށް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން ތަދައްހުލުވުމަށް ނިންމާފައިވާކަން، އެންމެހައި ރައްޔިތުންގެ މައުލޫމާތަށްޓަކައި ދެންނެވީމެވެ.“






