ގެވެށިއަނިޔާގެ ގާނޫންނަށް އަންހެނުން ހޭލުތެރި ކުރުމުގެ މަގުސަދުގައި އެމްޑީޕީ އަންހެނުންގެ ރޫހުގެ ފަރާތުން ސޯޅަ ދުވަހުގެ ކެންޕޭނެއް ފަށަން ނިންމައިފިއެވެ.
އަންހެނުންގެ ރޫހުގެ ފަރާތުން ބުނެފައިވަނީ މިއީ ”އަންހެނުންނަށް ކުރާ އަނިޔާ ހުއްޓުވުމުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން“ ބާއްވާ ކެންޕޭނެއް ކަމަށެވެ. މިއީ ސޯޝަލް މީޑިއާ ކެންޕޭނެކެވެ. އެހެންކަމުން ވީހާވެސް ގިނަ ބަޔަކު މިކެންޕޭނުގައި ބައިވެރިވެދިނުމަށް އަންހެނުންގެ ރޫހުގެ ފަރާތުންވަނީ އެދިފައެވެ.
ގެވެށި އަނިޔާގެ މައްސަލަތައް ރާއްޖޭގައިވަނީ އިތުރުވެފައެވެ. އެހެންނަމަވެސް މިކަން ފޮރުވައިގެން ތިބުމުގެ ސަބަބުން ނިކުންނަ ނަތީޖާ މާގޯސްކަމަށް ކަމާ ބެހޭފަރާތްތަކުން ބުނެއެވެ. އެހެންކަމުން އެފަދަ އަނިޔާ ސިއްރު ކުރުމުގެ ބަދަލުގައި ކަމާބެހޭ ފަރާތްތަކަށް އަންގައިގެން ހައްލު ހޯދުމަށް އެފަރާތްތަކުން އިލްތިމާސް ކުރެއެވެ.
ރާއްޖޭގައި ގެވެށި އަނިޔާ ލިބެނީ ހަމައެކަނި އަންހެނުންނަށް ނޫނެވެ. ފިރިހެނުންނަށް ވެސް ލިބޭ ކަމަށް ކަމާބެހޭފަރާތްތަކުން ދަނީ ބުނަމުންނެވެ. އެހެންވީމާ މިކަމަށް ފިރިހެނުންވެސް ހޭލުންތެރިވާންޖެހެއެވެ.






