ޑިސެމްބަރ 23, 2024 03:58

ޤުރުބާނީ (ފަސްވަނަ ބައި)

ޤުރުބާނީ (ފަސްވަނަ ބައި)

ޝިޔާމާ އަޙްމަދު (ސިޔައްތަ)
ނޮވެމްބަރ 30, 2024

”ޝަހާ؟ ޝަހާތަ؟ އަ….އަހަރެން ހީކުރީ….“ އަޙްސަން މިހާ ހިސާބަށް ބުނަންވާއިރަށް ”ފާތުން ކަމަށް.. އެހެންނު؟“ ތުރުތުރުލާ އަޑަކުން ޝަހާ ބުނެލިއެވެ. އަދި ޝަހާގެ ދެލޮލުން ހިފެހެއްޓުމެއް ނެތި ކަރުނަ އޮހިގަތެވެ. ”މީހުން ބުނެ އުޅޭނު ކޮންމެ ކަމެއްވެސް ވާނީ ރަނގަޅަކަށޭ. މިއަދު އަހަރުމެން ދެމީހުންނަށް އެއްވައްތަރުގެ ހެދުން މި ލެވުނީ އެއީ އަހަރެންގެ ނަޞީބު ނޫނީ ބަދު ނަޞީބު ކަމެއް ނުވަތަ ފާތުންގެ ނަޞީބު ނޫނީ ބަދު ނަޞީބު ކަމެއް އަހަރެންނަކަށް ބުނާކަށް ނޭންގެ. އަދި އަހަރެންނަކަށް މި ޙާޤީޤަތެއްވެސް މިހާ ފަސޭހައެއްކޮން ނޭންގުނިސްކަން ޔަޤީން. އެކަމަކު ރޭގަ ފާތުންނާ އަހަރެން ކުރި ސުވާލަށް އޭނަ ދިން ޖަވާބުގެ މާނަ ވަރަށް ރަނގަޅަށް އެނގިއްޖެ.“ ޝަހާގެ ވާހަކަ އެހާ ހިސާބަށް ދިއުމުން އަޙްސަން ބުނެލިއެވެ. ”އެއްގޮތަކަށްވެސް ތިހެން ހީނުކުރޭ ޝަހާ. ހިތަކީ އޭގެ މައްޗަށް އެއްވެސް މީހެއްގެ ބާރު ފޯރުވޭނެ އެއްޗެއް ނޫން. އަހަރެން ފާތުން ދެކެ ލޯބިވުން އެއީ އަހަރެންގެ ކުށެއް ނޫން.“ ”ދެން އެހެންވިއްޔާ އަހަރެންނަށް އަޙްސަން ދެކެ ލޯބި ވެވުން އެއީ އަހަރެންގެވެސް ކުށެއް ނޫން.“ ޝަހާއަށް ހަމަ ރަނގަޅަށް ރޮވިއްޖެއެވެ. ”އަހަރެން ނުބުނަމެއްނު އެއީ ޝަހާގެ ކުށެކޭ. ޙަޤީޤަތަށް ބުނާނަމަ މިއަދު އަހަރުމެން ދެމީހުންނަށްވެސް މިތިބެވުނީ އެއް އޮޑިއަކަށް ސަވާރު ވެވިފަ. މި އޮޑި އޭގެ މަންޒިލާ ހަމައަށް ރައްކާތެރިކަމާ އެކީ ފޯރާނީ ކަމެއް ނުވަތަ ކުރިމަތިލާން އޮތް ތޫފާނުގަ ޖެހި ފެތޭނީ ކަމެއް އަހަރުމެން ދެމީހުން ކުރެ އެކަކަށްވެސް ބުނާކަށް ނޭންގެ. ތެދު ތެދަށް ބުނަންޏާ މިވަޤުތު ޝަހާއަށް ކުރާނެ އަސަރު އަހަރެންނަށް އިޙުސާސް ކުރެވޭ.“ އަޙްސަން މަސައްކަތް ކުރީ ޝަހާ ހަމަ ޖެއްސޭތޯއެވެ. އެކަމަކު މިވަޤުތު ޝާހާ ހުރީ އެފަދަ ޙާލަތެއްގައެއް ނޫންކަންވެސް އަޙްސަންއަށް ރަނގަޅަށް އެނގެއެވެ. ”އެހެންވިއްޔާ އަޙްސަން ބުނެބަލަ. ފާތުން އަޙްސަން ދެކެ ލޯބިވާހެން އަޙްސަންއަށް ހީވޭތަ؟“ އިތުރަށް އޮޅުން ފިލުވަން ބޭނުންވެގެން ޝަހާ ސުވާލު ކޮށްލިއެވެ. ”ފާތުން އަހަރެން ދެކެ ލޯބިވާނަމަ ޝަހާގެ ހުށައެޅުން ހިފައިގެންނެއް އަހަރެން ކައިރިޔަކަށް ނާންނާނެތާ ދޯ. އެކަމަކު މިއޮއް ހުރިހާ ދުވަހު އަހަރެން ހީކޮށްގެން ހުރީ މި ދެހިތުގަ ޖަހަނީ އެއް ވިންދެއް ކަމަށް“ އަޙްސަންގެ އެ ޖުމްލަ ވެގެން ދިޔައީ ޝަހާގެ ހިތަށް ހަރާލި ތޫނު ހަންޖަރެއް ފަދަ އެއްޗަކަށެވެ. އަދި މަޑުމަޑުން ދެލޯ މަރާލާ ހިންދިރުވާލިއެވެ. ޝަހާގެ ކޯތާފަތް މައްޗަށް ފައިބައިގެން ދިޔަ ކަރުނަތައް އަޙްސަންއަށް ފެނުނެވެ. އެވަޤުތު މުޅި މާހައުލަށް ހަމަހިމޭންކަން ވެރިވެގެން ދިޔައެވެ.

ކުއްލިޔަކަށް  ދެމީހަކު ވާހަކަ ދައްކަމުން، ހެމުން ސިޑިން އަރާ އަޑު އިވުމުން ޝަހާ އަވަސްވެގަތީ، އޭނާގެ ކަރުނަ ފޮހެލާށެވެ. އަދި މޫނު މައްޗަށް އުފާވެރިކަން ގެނުވަންވެސް އެހާމެ މަސައްކަތް ކުރިއެވެ. އަޙްސަންވެސް މަސައްކަތް ކުރީ ހަމަ ޖެހިފައި ހުރިކަމަށް ދައްކާށެވެ. އެވަޤުތު ޓެރަސްއަށް އެރީ ފައިސަލް އާއި ފާތުންނެވެ. ފައިސަލްގެ މަޖާ ޖޯކު ތަކަށް ހެމުން މައްޗަށް އެރިއިރު އަޙްސަންއާއި ޝަހާ އެއްކޮން ހުއްޓާ ފެނުމުން ދެމީހުންގެ ފިޔަވަޅު އެއްފަހަރާ ހުއްޓުނެވެ. އަދި ހައިރާނުން ފުރިގެންވާ ނަޒަރަކުން އެކަކު އަނެކާއި ދިމާއަށް ބަލައިލިއެވެ. ”ކިހިނެއްވީ މާ ފާޑަކަށް ތި ބަލަނީ؟ ހީވަނީ މީ އަލަށް ފެނުން ދެމީހުންހެން.“ ހީނލާފައި ޝަހާ ބުނެލިއެވެ. ”އަސްލުވެސް ދޯ ޝަހާ. ބަލަ މީ ތިކުދިންގެ އެކުވެރި ޝަހާ އެންޑް އަޙްސަންއޭ.“ ދެކުދިން ތިބި ގޮތް ފެނިފައި ފާތުންގެ އުންމީދު އާލާވާހެން ހީވިއެވެ. އަނެއްކާ ޝަހާގެ ހުވަފެން ޙަޤީޤަތަކަށް ވަނީބާއޭ ފާތުންގެ ހިތަށް އެރިއެވެ. އެހެނަސް އޭނާ ހުރީ ޝައްކެއްގެ މަތީގައެވެ. އެހެނީ ރޭގައި ކަންތައް ދިމާވިގޮތަށް ބަލާނަމަ އަޙްސަންގެ ހިތް އެހާ އަވަހަކަށް ޝަހާގެ މައްޗަކަށް ނުލެނބޭނެއެވެ. ނަމަވެސް ފާތުން ޤަބޫލުކުރާ ހިތްވަނީ ކުރިމަތިން ފެންނަމުން އެދާ މަންޒަރަކީ، ޝަހާއަށް ޓަކައި އަންނަން އޮތް އުޖާލާ މުސްތަޤުބަލެއްގެ ފެށުމެއްގެ ގޮތުގައެވެ. މި ވިސްނުމުގައި ހުރެ ފާތުން ޝަހާއާއި ސުވާލު ކޮށްލިއެވެ. ”ޝަހާ، އާރ ޔޫ އޯކޭ؟“ އަދި ޝަހާގެ މޫނުމަތިން ބަދަލުވަމުންދާ ކުލަވަރަށް ވަރަށް ރަނގަޅަށް ފާތުން ބަލައިލިއެވެ. ”މަށަށް ކަމެއް ވެއްޖެތަ؟ އަނެއްކާ އަޙްސަން ކައިރީގަ މިތާ އެކަނި ހުރުމަކީ މަށަށް ކުރެވުނު ކުށެއްތަ؟“ ޝަހާ މިހެން ބުނުމާއި އެކު ފާތުންއާއި ދިމާއަށް ވަރަށް ރަނގަޅަށް ބަލައިލިއެވެ. އަދި އަޙްސަންއަށް ޓަކައި ފާތުންގެ ހިތުގައި އޮތީ ކޮންކަހަލަ އިޙުސާސެއްތޯ ދެނެގަންނަން މަސައްކަތް ކުރާހެން ހީވާ ކަހަލަ ގޮތަކަށްވެސް މެއެވެ. ޝަހާގެ ސުވާލުގެ ޖަވާބުގައި ކުށްވެރިއެއް ފަދައިން ފާތުން އިސްދަށަށް ޖަހާލިއެވެ. އެސުވާލުގެ ޖަވާބު ފާތުން ކިތަންމެ ފުރިހަމައެއްކޮން ދޭން ބޭނުންވިއެއް ކަމަކު އޭގެ ރައްދުގައި ބަހެއް ބޭރު ނުކުރެވުނީ ކީއްވެގެން ކަމެއް ޙުދު ފާތުންއަކަށްވެސް ނޭންގުނެވެ. އިރުކޮޅެއް ވަންދެން ހަނު ހުރުމަށްފަހު، ދެރަވެ ގޮތް ހުސްވެފައިވާ ޒާތަކަށް ޝަހާއަށް ގޮވާލުން ފިޔަވާ އެހެން އެއްވެސް އެއްޗެއް ފާތުންއަކަށް ނުބުނެވުނެވެ. ”އޭ މިހާރު ވަރަށް ލަސްވެސް ވެއްޖެއެއްނު. ފާތުން، ޝަހާ ދެން ހިނގާ އަވަހަށް ގެއަށް ދާން. ފައިސަލްއަށްވެސް މިނިވަންކަން ދޭން އެބަ ޖެހޭތާ ދޯ. އޭނަވެސް ކުރަން ހުރި ބައިވަރު ކަންތައްތައް ހުންނާނެހެން މަށަށް ހީވަނީ.“ މަޢުޟޫ ބަދަލު ކޮށްލުމުގެ ނިޔަތުގައި އަޙްސަން ބުނެލިއެވެ. ”އާން ހިނގާ އަވަހަށް ގެއަށް ދާން ދޯ ޝަހާ.“ ލަދުވެތި ރާގަކަށް ފާތުން ބުނެލިއެވެ. ޝަހާއާއި ހަތަރުކަޅި ހަމަކޮށްލަން ނުކެރިގެން އުޅޭ ކަހަލަ އިޙުސާސެއްވެސް ފާތުންއަށް ކުރެވެމުން ދިޔައެވެ. އަހްސަން އަދި ޝަހާގެ ދެމެދުގައި ދެކެވުނީ ކޮންކަހަލަ ވާހަކައެއްކަން ފާތުންއަށް ނޭންގޭ ޙާލަތުގައި ހުރެވެސް މެއެވެ. ”އާން ހިނގާ ދެން ދާން. މިތާ ކިތަންމެ އިރެއް ވަންދެން ހުއްޓަކަސް، މާ އަގުބޮޑު ހަދިޔާއެއް ލިބޭނީކީ ނޫންވިއްޔަ. ސޯ ލެޓްސް ގޯ ހޯމް ޑިޔަރސް.“ ހަމަޖެހުމުގެ ފުން ނޭވާއެއް ލުމާއިއެކު، ފާޑަކަށް ހީނލާފައި އަދި ސަމާސާ ރާގަކަށް ޝަހާ ބުނެލިއެވެ. ”ހިނގާ ދަމާ ދޯ“ ފާތުންއަށް ބުނެވުނުހާވެސް އެއްޗަކީ އެއީއެވެ. ”ފުރާ ދުވަސް ޔަޤީން ވީމަ އަންގާލާނަން އިނގޭ.“ މިހެން ބުނެލުމާއިއެކު، ފައިސަލް އަހްސަންގެ ބުރަކަށިގައި މަޑުމައިތިރި ކަމާއިއެކު އަތް ޖައްސާލިއެވެ. ހަތަރު ކުދިން އެކުގައި ތިރިއަށް ގޮސް ފައިސަލްގެ މަންމަ އަދި ބައްޕައާއި ސަލާމް ކޮށްލުމަށް ފަހު ދިޔައީއެވެ.

އަހްސަން ދިޔައީ އޭނާގެ ބައިސްކަލުގައެވެ. ފާތުން އަދި ޝަހާ ދިޔައީ ހިނގާފައެވެ. ދެކުދިން އެކުގައި ދިޔަ ކަމުގައި ވިޔަސް ދެމެދުގައި ވަނީ ޒާތެއްގެ ހަމަހިމޭން ކަމެއް ވެރިވެފައެވެ. ދެކުދިންވެސް އެކަކު އަނެކަކާއި އެތައް ބައިވަރު ސުވާލުތަކެއް ކުރަން ބޭނުންވެފައި ހުރި ކަހަލައެވެ. އެހެނަސް ކުރިން ވާހަކަ ދައްކާނީ ކާކުކަން ނޭންގިފައި ހުރި ކަހަލަ ގޮތަކަށް ދެކުދިން މަޑުމަޑުން ހިނގާލާފައި ގޮސް ގެއާއި އަރާ ހަމަ ކޮށްލިއެވެ. ޖެހިޖެހިގެން ހުރި ދެގޭގެ ދޮރޯއްޓާއި ދިމާއަށް ދެކުދިން ހިނގައިގަތެވެ. އެވަޤުތު ފާތުން އިސްވެ ”ގުޑް ނައިޓް“ ކިޔާލިއެވެ. ރައްދުގައި ޝަހާވެސް ޖަވާބު ދިނެވެ. ލުއިލުއި ހިނިތުން ވުމަކާއި އެކުގައެވެ. ޝަހާ ގެއަށް ވަދެގެން ދިޔައިރު ސިޓިންގ ރޫމުގައި އޭނާގެ މަންމަ ފޮތެއް ހިފައިގެން އިނެވެ. އެހެނަސް ޝަހާއަކަށް މަންމައެއް ނުފެނެއެވެ. ނޫނީ ފިކުރެއްގައި ހުރީތީ ސަމާލުކަން ނުދެވުނީ ކަމަށް ވެދާނެއެވެ. ”ޝަހާ“ މަންމަ ގޮވާލުމުން ޝަހާ ސިއްސައިގެން ގޮސް ހުއްޓުނެވެ. ”މަންމަ މިތާ އެބަ އިނިންތަ؟ ސޮރީ މަންމާ، ލޮލުގަ އަޅައިނުގަތީ.“ މަންމައާއި ދިމާއަށް އެނބުރިލަމުން ޝަހާ ބުނެލިއެވެ. ”އެހާ ބޮޑު ފިކުރެއްގަ ހުރެގެން ދާއިރު، މަންމަ ކީއްކުރަން މިއޮއްބޮޑު ސޯފާ ސެޓް، އެހެރަ މޭޒު، މިހިރަ ޓީވީ، މިއިން އެއްވެސް އެއްޗެއް ލޮލަކު އަޅައެއް ނުގަންނާނެތާ ދޯ. އެކަމަކު ދަރިފުޅާ. ހާދަ ފުން ޚިޔާލެއްގަ ހުރެގެންނޭ ތިދަނީ. އަނެއްކާ ކިހިނެއްވީ؟ ފާތުމަތާ ދެކުދިން ކަމަކާ ދެބަސްވީތަ؟“ ޝަހާގެ މަންމަ ޝަހާގެ ޙާލަތު ބަޔާން ކޮށްދިނެވެ. ”ނޫން މަންމާ. ފާތުންއަކާ އެއްވެސް މައްސަލައެއް ނުޖެހޭ. ހިނގާފަ އައިމަ ތަންކޮޅެއް ވަރުބަލި ވެފަ މިހުރީ.“ ޝަހާ އޭނާގެ އިޙުސާސްތައް ފޮރުވަން މަސައްކަތް ކުރިއެވެ. ހިނގާދިޔަ އެއްވެސް ކަމެއް ޝަހާގެ މަންމައަށް އަދި ހިއްސާ ކުރަން ބޭނުންނުވާ ކަހަލަ ގޮތަކަށްވެސް މެއެވެ. އެހެނަސް ޝަހާއަކީ، އޭނާގެ މަންމައާއި ގިނަ ވާހަކަތައް ހިއްސާކުރާ ކުއްޖެކެވެ. އެގޮތުގެ މަތިން މިކަންތައްވެސް ވަޤުތު ޖެހުމުން ހިއްސާކުރަން ޝަހާ ހުރީ ވިސްނައިގެންނެވެ. އުފާވެރި ޚަބަރެއްގެ ގޮތުގައެވެ. އެކަމަކު އަޙްސަންއާއި ޝަހާ ގުޅެން ޝަހާގެ ބައްޕަ ޤަބޫލު ނުވާނެކަން ޝަހާއަށް އެނގެއެވެ. އެހެނީ އަޙްސަންއަކީ އާދައިގެ ނިކަމެތި ޢާއިލާއަކަށް ނިސްބަތްވާ ކުއްޖަކަށް ވާތީއެވެ. ކަން އޮތީ އެހެން ކަމުގައި ވީނަމަވެސް ޝަހާގެ މަންމަ ރުހިއްޖެ ނަމަ ބައްޕަގެ ރުހުން ހޯދަން އުނދަގޫ ނުވާނެކަންވެސް ޝަހާއަށް އެނެގެއެވެ. އެހެނަސް މިހާރު އެވަނީ އެހުރިހާ އުންމީދެއް ގެއްލިފައެވެ. ދެން އަޙްސަން ނުލިބޭނެކަމަށް ޝަހާ އެހުރީ ނިންމައިގެންނެވެ. ސަބަބަކީ ފާތުންއެއް ނޫނެވެ. އެހެނީ މިކަމުގައި ފާތުންގެ އެއްވެސް ކުށެއް ނެތްކަން ޝަހާ ޤަބޫލު ކުރެއެވެ. އަދި ފާތުންއާއިމެދު ޝަހާގެ ހިތްވެސް ސާފުކަން ފާތުންއަށް އަންގައިދޭން ޝަހާ ބޭނުންވެއެވެ. ވީހާވެސް އަވަހަކަށް އެކަން ކުރަންވެސް ޝަހާ ބޭނުން ވެއެވެ.

އަނެއް ދުވަހު ފަތިހު ތެދުވެ ނަމާދު ކޮށްލައިގެން ޝަހާ އަވަސްވެގަތީ ފާތުންއާއި ބައްދަލު ކުރުމަށް އެގެއަށް ދިއުމަށެވެ. އެހެނީ އެގަޑިގައި ފާތުންވެސް ހޭލާ އުޅޭނެކަން ޝަހާއަށް އެނގޭތީއެވެ. ޝަހާ ތައްޔާރުވެލައިގެން ވަރަށް އަވަހަށް ފާތުންގެ ގެއަށް ދިޔައެވެ. ފާތުންގެ ގެއިން ޝަހާއާއި އެންމެ ފުރަތަމަ ބައްދަލުވީ ފާތުންގެ ބޮޑުދައިތައާއިއެވެ. ”ފާތުން މަންމާ. ކޮބާ ފާތުން؟ އަދިވެސް ނިދަނީތަ؟“ ޝަހާ، ފާތުންގެ ބޮޑުދައިތައަށް މުޚާތަބު ކުރަނީ ފަތުންވެސް މުޚާތަބު ކުރާ ގޮތަށެވެ. އެހެނީ ފާތުންއަށް އެއީ އޭނާގެ މަންމައެވެ. އެންމެ ތުއްތުއިރުއްސުރެ ބަލާ ބޮޑުކުރި ބެލެހެއްޓުން ތެރިޔާއަށް ވީތީއެވެ. މަންމައެއްގެ ލޯބިވެސް އެ ބޮޑުދައިތަގެ ފަރާތުން ލިބުނީތީއެވެ. ”އަސްތާ ހާދަ ފަތިހަކާ ތި އައީ. އަނެއްކާ ކިހިނެއްވީ؟ ހިނގާލަން ދިޔުމުގެ ޕްރޮގްރާމެއް ހަމަޖެހިފަ އޮތީތަ؟“ ފާތުންގެ މަންމަ އަހާލިއެވެ. ”އާނ، އެހެން ކަމަށް ވިސްނައިގެން މި އައީ ފާތުން ހޯދަން. ކޮބައިތަ ފާތުން؟“ މިހެން ބުނުމާއިއެކު ޝަހާ ހިނގައިގަތީ ފާތުންގެ ކޮޓަރިއާއި ދިމާއަށެވެ. ”ފާތުމަތު އެބަ އުޅޭ ހޭލާ. ދޭބަލަ ބަލައިލަން“ ފާތުންގެ މަންމަ ބުނެލިއެވެ. ޝަހާ ގޮސް ފާތުންގެ ކޮޓަރީގައި ޓަކި ޖަހާލިއެވެ. ފާތުން އައިސް ދޮރު ހުޅުވާލިއިރު، ކުރިމަތީގައި ޝަހާ ހުއްޓާ ފެނުމުން ކޮންމެވެސް ވަރެއްގެ ސިހުމެއްވެސް ލިބުނެވެ. ބަލާބެލުމަށް ހީވަނީ ފާތުން ރޭ ހަތަރުދަމު ނުނިދާ ހުރިހެންނެވެ. އެހެނީ ލޯމަތި ކޮންމެވެސް ވަރަކަށް ދުޅަ ކަމަށް ދައްކައެވެ. ”ޝަހާ، ހާދަ ހެނދުނަކާ؟‘ ހައިރާންވެފައި ހުރެ ފާތުން އަހާލިއެވެ. ”ފަތިސް ގަޑީގަ ހިނގާލަން ނުދާތާ ވަރަށް ގިނަ ދުވަސް ވެއްޖެއެއްނު. އެހެންވެ ހިތަށް އެރީ މިއަދު ގޮސްލަން. ހިނގާބަލަ ދާން. ކުޑަކޮން އެންޖޯއި ކޮށްލަން“ އެހެން ބުނުމާއިއެކު ޝަހާ ކޮޓަރިތެރެއަށް ވަނެވެ. އެނގޭ ކަމަށް ނުހެދި ނަމަވެސް ފާތުން ރޭ ހަތަރުދަމު ނުނިދާކަން ޝަހާއަށް އެނގުނެވެ. ކޮޓަރިތެރެއަށް ވަނުމާއިއެކު އަވަހަށް ތައްޔާރު ވުމަށް ބުނެލިއެވެ. ”އާނ ހިނގާ ދަމާ ދޯ. ޝަހާ މަޑުކޮށްލާ އިނގޭ. ވަރަށް އަވަހަށް ރެޑީ ވެލައިގެން އެބަ އަންނަން“. މިހެން ބުނުމާއިއެކު، ފާތުން ވަރަށް އަވަހަށް ތައްޔާރު ވެލައިގެން ނުކުތެވެ.

މަޑު ހިނގުމެއްގައި ދެކުދިން ހިނގާލާފައި ދިޔައީ މާފަންނުކޮޅު އަތިރިމައްޗާއި ދިމާއަށެވެ. ވަކި ހިސާބަކަށް ދެވުމުން ދެކުދިން ތޮށިގަނޑު މަތީގައި އިށީންދެލިއެވެ. ދެމެދުގައިވާ ހަމަހިމޭންކަން ރޫޅާލީ ޝަހާއެވެ. ”ފާތުން. ވާހަކައެއް އަހާލަންތަ؟“. ”އަހާބަލަ. އެކަމަކު އަސްލު ޝަހާ އަހަން ތިއުޅެނީ ކީކޭކަން މަށަށް އެނގޭ. ޝަހާއަށް އެނގޭނެ އަހަރެން ޝަހާއަކަށް އެއްވެސް ކަމެއް ސިއްރެއް ނުކުރާނެކަން. އެކަމަކު މި ދިމާވި ކަންތަކުގަ ޝަހާ ކައިރީގަ އެއްވެސް ވާހަކައެއް އޭރުގަ ނުދެއްކީ، ޚުދު އަހަރެންވެސް ހުރީ ޝޮކެއްގަ ކަމަށް ވާތީ. ބުނާނެ ގޮތްވެސް ނޭންގުނީތީ.“ ފާތުން ބޭނުންވީ ޝަހާ ސުވާލު ކުރުމުގެ ކުރިން ހުރިހާ ކަމެއް އޮޅުން ފިލުވައިދޭށެވެ. ”ދެން އެހެން ވިއްޔާ އެރޭ ކަންތައް ވީގޮތް އަހަރެންނަށް ވަރަށް ރަނގަޅަށް  ކިޔައިދިބަލަ. އެއްވެސް ކަމެއް ސިއްރު ނުކޮށް.“ ޝަހާ ބޭނުންވަނީ ހުރިހާ ކަމެއްވެސް ހަމަ އެންމެ ތަފްސީލުކޮށް ދެނެގަންނާށެވެ. ”ޝަހާއަށް ރަނގަޅަށް އެގޭނެ އަހަރެން ޝަހާއަކަށް އެއްވެސް ޙާލެއްގަ ދެރައެއް ނުދޭނެކަން. އެކަމަކު މިއީ ޝަހާއަށް ކެތްކުރަން އުނދަގޫ ކަމަކަށް ވާނެތީ މިވާހަކަ ދައްކާނެ ގޮތެއް ނޭންގިފަ މި ހުންނަނީ. އެކަމަކުވެސް އަހަރެން ބޭނުމެއް ނޫން ޝަހާ އަހަރެންނާއި މެދު ކުށްހީއެއް ކުރާކަށް.“ ފާތުން މިހެން ބުނުމާއިއެކު، ސްކޫލްގެ ވަދާޢީ ޕާރޓީގައި ކަންތައް ވީގޮތް ވަރަށް ތަފްސީލުކޮން ޝަހާއަށް ކިޔައި ދިނެވެ. ފައިސަލް ދެއްކި ހުރިހާ ވާހަކައެއްވެސް އޮޅުން ފިލުވައިދިނެވެ. ”ދެން އެހެން ވިއްޔާ ބުނެބަލަ. ފާތުންގެ ހިތުގަ އަޙްސަންއާ މެދު އޮތީ ކޮންކަހަލަ ފީލިންގއެއް؟“ އެވަޤުތު ފަތުންގެ މޫނުމަތީގެ ކުލަވަރު ބަދަލު ވެގެން ދިޔަތަން ޝަހާއަށް ފެނުނެވެ.

  • ނުނިމޭ –

 

މި ލިޔުމާ ގުޅޭ

Leave a Reply

Your email address will not be published. Required fields are marked *