އިންޑިއާގެ ބްރަހަމަޕުތުރާ ކޯރުގައި ޗައިނާއިން ދަނީ 60 މެގަވޮޓްގެ ކަރަންޓު ފެނުން އުފައްދާ ޑޭމެއް ބިނާ ކުރަމުންނެވެ. އިންޑިއާއިން ބްރަހަމަޕުތުރާ ކަމަށް ބުނާ ކޯރަކީ، ޗައިނާއިން ކޮންޓްރޯލު ކުރާ ޓިބެޓްގެ މެޑޮގް ކައުންޓީގެ ޔާރލުންގް ޓްސަންގްޕޯ ކޯރެވެ.
ޗައިނާއިން ބިނާ ކުރަމުންދާ ކޯރަކީ، އިންޑިއާއާއި ޗައިނާގެ ސަރަހައްދާ އެންމެ 30 ކިލޯމީޓަރު ދުރުގައި އޮންނަ ކޯރެކެވެ.
މި ކޯރުން ޗައިނާއިން އުފައްދަން އުޅޭ ކަރަންޓަކީ ނިސްބަތުން ބަލައިފިނަމަ:
- އިންޑިއާއިން އުފައްދާ ޖުމުލަ ކަރަންޓުގެ 10 ޕަސެންޓް
- ބަނގްލަދޭޝް އިން އުފައްދާ ކަރަންޓުގެ ދެގުނަ
- 60 މިލިއަން ގޭބިސީއަށް ބޭނުންވާނެ ކަރަންޓު
- މިހާރު ދުނިޔޭގައި ބިނާކޮށްފައިވާ އެންމެ ބޮޑު ފެނުން ކަރަންޓު އުފައްދާ ޗައިނާގެ ތްރީ ގޯޖްސްގެ ކަރަންޓު އުފެއްދުމަށްވުރެން 3 ގުނަ އިތުރު އަދަދެ ކެވެ.
ޗައިނާގެ މި މަޝްރޫއުގެ ސަބަބުން ދެކުނު އޭޝިއާގެ ގައުމުތަކުން ނުރައްކާ އިހުސާސް ކުރެއެވެ. މި ކޯރަކީ އިންޑިއާއާ ދިމާއިން 7 ހާސް ފޫޓު އުސް ސަރަހައްދުގައި އޮންނަ ތަނެކެވެ. މި މަޝްރޫއު ނިމުމުން، އޭޝިއާގެ އެތައް މިލިއަން ބަޔަކަށް ފެން ލިބޭ ވަސީލަތުގެ ސްޓްރެޓެޖިކް ކޮންޓްރޯލު ޗައިނާގެ އަތްމައްޗަށް ލިބިގެން ދާނެއެވެ.
މި ތަނުގައި ޗައިނާއިން ކުރިއަށް ގެންދާ 5 އަހަރުގެ ކޮންސްޓްރަކްޝަން މަސައްކަތުގެ ސަބަބުން ފެން ލިބޭ މިންވަރުގެ ބާރު ކުޑަވެ، ތިމާވެށީގެ ބުރަށް ދިގު މުއްދަތަކަށް އަސަރު ކުރާނެ ކަމަށް ލަފާ ކުރެވެއެވެ. އަދި މިކަމަކީ ސަރަހައްދުގެ ހަމަޖެހުން ގެއްލިގެން ދާނެ ކަމެއް ކަމަށްވެސް ބެލެވެ އެވެ.
ޗައިނާއިން ވަނީ 2000 ވަނަ އަހަރުން ފެށިގެން މުޅި ޓިބެޓްގައި ކޯރު ފެނުން ކަރަންޓު އުފައްދާ 193 ހައިޑްރޯއިލެކްޓްރިކް ޑޭމް ބިނާ ކުރުމަށް ރާވާފައެވެ. މިމަސައްކަތާ ހެދި ޓިބެޓްގެ 1.2 މިލިއަން މީހުންނަށް ވަނީ ޒަމާނުއްސުރެން އެމީހުން ދިރއުޅެމުން ދިޔަ ވަޒަންތައް ދޫކޮށް ދިއުމަށް މަޖުބޫރުވެފައެވެ. އަދި އެތަންތަން ބިނާކުރުމަށް، ގަދީމީ ބުދު ދީނުގެ މޮނާސްޓަރީތައް ފަދަ ސަގާފީ ތަރިކަތައް ވަނީ ހަލާކުކޮށްފައެވެ.
އާންމު ދިރިއުޅުމާއި ސަގާފަތަށް އަންނަ ބަދަލުތަކުގެ އިތުރުން މިފަދަ މަޝްރޫއުތަކުން ބިންހެލުމާއި ފެންބޮޑުވުންތައް މެދުވެރިވާނެއެވެ.
ޗައިނާއިން ބްރަހަމްޕުޓުރާ ކޯރުގައި ޑޭމް ބިނާ ކުރުމުން، އެންމެ ބޮޑަށް އަސަރު ކުރާނީ، އިންޑިއާ އާއި ބަންގްލަދޭޝް ފަދަ ތިރިބިންތަކުގައި އޮންނަ ގައުމުތަކަށެވެ. އެ ގައުމުތަކަށް ކޯރުން ފެން ބެހިގެން އައުން ކޮންޓްރޯލު ކުރުމަށް ޗައިނާއަށް ބާރު ލިބޭނެއެވެ.
އޭގެ އިތުރުން މިކަމުން ހަމަނުޖެހުމަށް މަގު ފަހިވެގެންދާނީ، ޗައިނާގެ ފެނަށް، ނުފޫޒުގަދަވެ، ހައިޑްރޮލޮޖިކަލް ޑޭޓާ ސިއްރު ކުރުމާއި ގައުމުތަކުގެ މެދުގައި ފެން ހިއްސާކުރުމުގެ އެއްބަސްވުންތައް ނެތުމުން، ނޫނީ ކުރިން ހަދާފައިޥާ އެއްބަސްވުންތަކަށް އިޙުތިރާމު ނުކުރުމުގެ ސަބަބުން ދެބަސްވުން އުފެދުމުންނެވެ.
ޗައިނާއިން ފެނަށް ނުފޫޒު ފޯރުވުމަށް ކުރާ މަސައްކަތް ބައެއް ފަރާތްތަކުން ސިފަ ކުރަނީ، ހައިޑްރޯ ޑިޕްލޮމެސީ ގެ ގޮތުގައެވެ.
މިއީ ކުރިމަގުގެ ނުރައްކާ ކުޑަ ކުރުމަށް، މިހާރުން ފެށިގެން މަޝްވަރާއަށް ގޮވާލުމަށް ބޭނުން ޖެހިފައިވާ މަސައްކަތެކެވެ.