ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމާ ގުޅޭ ޖިނާއީ ތަހުގީގެއް ހިންގުމަށް ޕްރޮސިކިއުޓަރ ޖެނެރަލް (ޕީޖީ) އައްބާސް ޝަރީފް ކުރެއްވި އަމުރާ އެއްގޮތަށް، ފުލުހުންނާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ހާއްސަ ތަހުގީގެއް ފަށައިފިއެވެ.
ޕީޖީ އޮފީހުން ވިދާޅުވެފައިވަނީ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފޯމު ބަލައިގަތުމާއި، ގޯއްޗާއި ފްލެޓް ލިބޭ މީހުން ކަނޑައެޅުމުގައި އަދި ގޯއްޗާއި ފްލެޓް ދޫކުރުމުގައި ކަނޑައެޅިފައިވާ އުސޫލުތަކާއި ގަވާއިދުތަކާ ހިލާފަށް އަމަލުކޮށްފައިވާ ކަން ޕީޖީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. މިއީ އާންމު މަސްލަހަތު މަތީ މިންވަރަކަށް އެކުލެވޭ ކަމަކަށްވާތީ، ފުރިހަމަ ޖިނާއީ ތަހުގީގެއް ހިންގަންޖެހޭ ކަމެއްކަމަށް ޕީޖީ ދެކެވަޑައިގަންނަވާ ކަމަށްވެސް އެ އޮފީހުން ވިދާޅުވެފައިވެއެވެ.
އޭސީސީން ކުރިން ހިންގި ތަހުގީގުން ދައްކާގޮތުން ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓު ލިބޭ މީހުންގެ ލިސްޓުގައި ހިމެނޭ 60 ޕަސަންޓު މީހުންނަކީ ފްލެޓު ހައްގުވާ ފަރާތްތަކެއް ނޫނެވެ. މި ލިސްޓް ރިވިއު ކުރުމުގެ މަސައްކަތް މިހާރު ދަނީ ސޯޝަލް ހައުސިންއާ ގުޅޭ ކޮމިޓީން ކުރަމުންނެވެ.
މި މައްސަލައިގެ ތަހުގީގު ހިނގަމުންދާ ގޮތް، ކޮންމެ ހަފްތާއަކު އެއްފަހަރު ޕީޖީ އާ ހިއްސާ ކުރަމުން ގެންދިއުމަށް އަންގާފައިވާއިރު، މި މައްސަލައިގެ އަވަސް ތަހުގީގެއް ހިންގުމަށްވެސް ޕީޖީ އަމުރުކުރައްވާފައިވެއެވެ. އަދި މިކަމުގައި އެއްވެސް މީހެއްގެ މައްޗަށް ޖިނާއީ ތުހުމަތެއް ކުރެވޭނަމަ، އެކަން ތަހުގީގު ކުރުމަށްފަހު ދައުވާކުރަން ފޮނުވުމަށްވެސް އަމުރުކުރައްވާފައިވެއެވެ.
މި މައްސަލަ މިހާރު ފާހަގަވެފައިވަނީ އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދުގެ ބޭބެ މުހައްމަދު ފަޒީލް ރަޝީދަށް ޝަރުތު ހަމަނުވާ ކަމަށް ކަނޑައަޅާފައި އޮއްވައި ގޯއްޗެއްގެ ހުއްދަ ދޫކޮށްފައިވާ މައްސަލައެކެވެ. މި މައްސަލައާ ގުޅިގެން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް އާއި ބޯޑު އެއްކޮށް ވަނީ ސަސްޕެންޑް ކޮށްފައެވެ. އަދި އެމްޑަބްލިއުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ފަޒީލްވެސް ވަނީ މަގާމުން ސަސްޕެންޑްކޮށްފައެވެ.