ގަބުވެފައިވާ ޙާލު ފުން ޚިޔާލެއްގެ ތެރެއަށް ގެއްލިފައި ފާތުން އިނެވެ. އެވަޤުތު ޝަހާ އައިސް ކައިރީގައި އިށީނދެލާފައި ވަރަށް މަޑުމައިތިރި ކަމާއިއކު، ގޮވާލިއެވެ. އަދި އަތުގައި ހުރި ޖޫސްތަށި ފާތުންއަށް ދިއްކޮށްލިއެވެ. ނަމަވެސް އެ ޖޫސްތަށީގައި ހިފާނެހާ ހިތްވަރެއް ފާތުންގެ ކިބަޔަކު ނެތެވެ. އެހެންކަމުން ޖޫސްތަށިން ކުޑަ ކޯވަރެއް ނަމަވެސް ދެވޭތޯ ޝަހާ ވަރަށް މަސައްކަތް ކުރިއެވެ. ފާތުންގެ ބައްޕަވެސް ޝަހާއަށް އެއްބާރުލުން ދެމުން ގެންދިޔައެވެ. އެހެންނަމަވެސް ފާތުން އިނީ ފުން ޚިޔާލެއްގެ ތެރެއަށް ގެއްލިފައެވެ. ދުނިޔޭގެ ވާނުވާ ނޭންގޭ ޙާލުގައެވެ. ފާތުން ވިސްނަމުން ދިޔަ އެއްޗެއް ޝަހާއަށް އިޙުސާސްވި ކަހަލައެވެ. އެހެންކަމުން ފާތުން ބައްޕަގެ ޢިޒުނައާއިއެކު، ފާތުން ގޮވައިގެން ޝަހާ ދިޔައީ ކޮޓަރިއަށެވެ. ފާތުންއާއި ވާހަކަ ދައްކާލުމަކީ މި ދަނޑިވަޅަށް އެންމެ މުހިންމު ކަން ކަމުގައި ޝަހާއަށް ޤަބޫލު ކުރެވޭތީވެސް މެއެވެ.
ކޮޓަރިއަށް ވަދެ އެނދުމަތީގައި ބޭންދުމަށްފަހު ޝަހާވެސް ކައިރީގައި އިށީންދެލިއެވެ. އަދި ފާތުންގެ އަތް މަޑުމަޑުން ނަގާ ޝަހާގެ އަތްމަތީގައި ބާއްވާލިއެވެ. އެވަޤުތު ވަރަށް ވަރުދެރަ ގޮތަކަށް ފާތުން ޝަހާއަށް ގޮވާލިއެވެ. ޝަހާވެސް ފާތުންގެ އެގޮވާލުމަށް އިޖާބަ ދިނެވެ. ”އަހަރެން ދެން ކިހިނެއް ހަދާނީ ޝަހާ؟ އަހަރެން އެންމެ ލޯބިވާ މަންމަޔާ ބައްޕަ ކުޑަ ވަޤުތުކޮޅެއްގެ ތެރޭގަ އަހަރެންނާ ވަކިވެގެން އެދިޔައީ. އަހަރެން މުޅިން އެކަނިވީ.“ ފާތުންގެ ލޮލުން ހިފެހެއްޓުމެއް ނެތި ކަރުނަ ފައިބަން ފެށިއެވެ. އެމަންޒަރު ފެނިފައި ޝަހާއަކަށްވެސް ކެތެއް ނުވިއެވެ. ”ފާތުންއަށް ކުރާނެ އަސަރު އަހަރެންނަށް އިހުސާސް ކުރެވޭ. އަހަރެންގެ އުފަން މައިންބަފައިން އަހަރެންނާ ވަކިވެގެން ދިޔަ ކަހަލަ އިޙުސާސެއް މިއަދު އަހަރެންނަށްވެސް ކުރެވޭ. އެކަމަކު ތަޤުދީރުގެ ނިޔާއަކަށް އަހަރުމެންގެ ބާރެއް ނުފޯރުވޭނެއެއްނު. ކިތަންމެ ހިތް ނޭދުނަސް އަހަރުމެންނަށް ޖެހޭނީ އެނިޔާއަށް ތަބާވާން. އަހަރުމެންނަށް ކުރެވޭނެހާވެސް ކަމަކީ ފާފަ ފުއްސެވުމާ ހެޔޮ ރަޙުމަތް ލެއްވުމަށް އެދި ދުޢާ ކުރުން.“ ފާތުންއަށް ކުޑަނަމަވެސް ހިތްވަރެއް ދެވޭތޯ ޝަހާ މަސައްކަތް ކުރަމުން ގެންދިޔައެވެ. ”އާން. ދެން ކުރާނެ ކަމެއް ނެތް. އެކަމަކު އިންޝާﷲ އަހަރެންގެ އެންމެ ފަހު ނޭވާޔާ ހަމަޔަށްވެސް އެދެމީހުންނަށް ޓަކައި ދުޢާކުރުންމަތީ ދެމި ހުންނާނަން. އެކަމަކު ޝަހާއަށްވެސް އެނގޭނު މަންމަވެސް އަދި ބައްޕަވެސް އަހަރެންނަށް ޓަކައި އެތައް ހުވަފެންތަކެއް ދެކެމުން އައިކަން ދޯ. އެމީހުންގެ އެހުރިހާ ހުވަފެންތަކެއްގަ ކުލަ ޖައްސައިދޭން އަހަރެންވެސް ވަރަށް މަސައްކަތް ކުރިން. އެއީ އަހަރެންގެ އުފަން މައިންބަފައިންނަށް ނުވާއިރުވެސް އުފަން ދަރިއެކޭ އެއްފަދައިން އަހަރެން ގެންގުޅެ ބޮޑުކުރީ. އެއްވެސް ކަމަކަށް އަދި އެއްވެސް އެއްޗަކަށްވެސް ދުވަހަކުވެސް ދަތިވިޔަކަ ނުދޭ. އޭގެ ބަދަލު އަހަރެންވެސް ދޭން ބޭނުން. އެކަމަކު..“ ފާތުންގެ ވާހަކަ މިހާ ހިސާބަށް ދިޔުމުން، ޝަހާ ފާތުންގެ ވާހަކަ މެދު ކަނޑުވާލިއެވެ. އެވާހަކަތައް އަޑުއަހަން ޝަހާގެ ހިތަށްވެސް ކުޅަދާނަ ނުވުމުންނެވެ. ”ފާތުންއަށް އޭގެ ބަދަލު ދެވޭނެ. ކުޑަކުޑަ ހިތްވަރެއް ކޮށްލާ. އެދެމީހުންވެސް ފާތުންއަށް ޓަކައި ވީ ޤުރުބާނީގެ ބަދަލު ދިނުން އެއީ ފާތުންގެ ކޮނޑުގަ އެޅިފަ އޮތް ޒިންމާއެއްކަން ހަނދާން ބަހައްޓަން ވާނެ. އަހަރެންވެސް ޤަބޫލުކުރަން މިހާރުން މިހާރަށް އެއިން އެއްވެސް ކަމަކާ ކުރިމަތި ލުމަކީ ފާތުންނަށް އެހާ ފަސޭހަ ކަމެއް ނޫންކަން.“ ޝަހާ މަސައްކަތް ކުރަމުން ގެންދިޔައީ ފާތުންއަށް ހިތްވަރު ދެވޭތޯއެވެ. ”ދެން އެކަމަކު އަހަރެންގެ އުފަން ބައްޕަގެ މައްޗަށްވެސް އަހަރެންގެ ވާޖިބުތަކެއް އެބަ އޮތްތާ ދޯ. ދެންމެގަ އެތާ ބޭރުގަ އިން އިރުވެސް އަހަރެން ވިސްނަމުން ގެންދިޔައީ މިހުރިހާ ކަމަކާ. އަހަރެން މިހާރު މިހުރީ ދެކަފިވެފަ އޮތް މަގެއްގެ އެއްކޮޅުގަ. ދާނެ ވަކި ކޮޅެއް ނޭންގިފަ. އެއްކޮޅުން އަހަރެން ގެންގުޅެ ބޮޑުކުރި މައިބަފައިން އަހަރެންނަށް ޓަކައި ވީ ޤުރުބާނީގެ ބަދަލު އަދާކުރުން. އަނެއްކޮޅުން އުފަން ބައްޕަގެ ބަލި ޙާލުގެ ސަބަބުން އެކަނި ދޫކޮށްލެވޭކަށް ނެތް.“ ފާތުންގެ މަޖުބޫރީ ޙާލަތު ޝަހާއަށް ކިޔައިދެމުން ގެންދިޔައެވެ. ”ތި ހުރިހާ ކަމެއްވެސް އަހަރެން ޤަބޫލުކުރަން ފާތުން. އޭގެ ހައްލުވެސް އެބަ އޮތެއްނު. ފާތުންއަކަށް ނުޖެހޭނެއެއްނު ރަށަށް ދާކަށް. ބައްޕަވެސް މިކޮޅުގަ ފާތުން ކައިރީގަ ބަހައްޓާ. ދެން ޒަވާޖީ ޙަޔާތެއް ފަށައިގެން ފާތުންގެ މިގޭ ބައްޕަގެ މަސައްކަތް ކުރިޔަށް ގެންގޮސްގެން ރަނގަޅު ދިރިއުޅުމެއް އުޅެވޭނެތާ ދޯ. ދެން އޮތީ ފާތުންގެ ޑްރީމް. ޤާނޫނީ ދާއިރާއިން ކުރިޔަށް ދިއުމަށް ފާތުން ދެކެމުން އައި ހުވަފެން ފުރިހަމަ ކުރުން. އިންޝާﷲ އެކަންވެސް ވާނެ.“ ޝަހާގެ ވާހަކަ މިހާ ހިސާބަށް ދިއުމުން ފާތުންގެ ހިތުގައި އެތައް ސުވާލުތަކެއް އުފެދުނު ކަހަލައެވެ. ”ޒަވާޖީ ޙަޔާތެކޭ؟ މިހާރުގެ ޙާލަތަށް ވިސްނާއިރު އަހަރެންގެ ކޮނޑުގަ އެތައް ޒިންމާތަކެއް އެބަ އޮތް. ޝަހާއަށް ހީވޭތަ މިކަހަލަ ޙާލަތެއްގަ ހުރެ އަހަރެން ޒަވާޖީ ޙަޔާތަކާ މެދު ވިސްނާނެހެން. ދެން އެހެން ނޫނަސް އަހަރެންނާ މެރީ ކުރާނީ ކާކު؟“ ”އަޙްސަން“ ފާތުންގެ އެ ސުވާލަށް އެއްވެސް ޖެހިލުމެއް ނެތި ޝަހާ ޖަވާބު ދިނެވެ.
ފާތުންގެ ކުރިމަތީގައި ކޮޓަރީގެ ހަތަރު ފާރު ބާރަށް އެނބުރެން ފެށި ކަހަލައެވެ. ހަމަ އެވަޤުތު ދެލޯ ބޮޑުކޮށްލާފައި ހައިރާނުން ފުރިގެންވާ ނަޒަރަކުން ޝަހާއާއި ދިމާއަށް ބަލައިލިއެވެ. އަދި ވަރަށް ބާރަށް ޝަހާއަށް ގޮވާލިއެވެ. ފާތުން ހިތްހަމަ ނުޖެހުނުކަން ޝަހާއަށް ވަރަށް ރަނގަޅަށް އެނގުނެވެ. ”މިކަހަލަ ނާޒުކު ދަނޑިވަޅެއްގަ ޝަހާވެސް އަހަރެންނާ ސަމާސާ ކުރަން ނޫޅޭ.“ ”މިއީ ސަމާސާއެއް ނޫން ފާތުން. އަހަރެން މި ދައްކަނީ ހަމަ ސީރިޔަސް ވާހަކައެއް. ފާތުންދެކެ އަޙްސަން ވާ ލޯބި މިވީ ދުވަސްކޮޅުގެ ތެރޭގަ އަހަރެންނަށް ވަރަށް ރަނގަޅަށް ފެނިއްޖެ. އަދި ޤަބޫލުވެސް ކުރެވިއްޖެ. މިވަޤުތު ފާތުންއަށް ބޭނުންވަނީ އެފަދަ އޯގާތެރި އިންސާނެއްގެ އެހީތެރިކަމާ އަޅާލުން.“ ޝަހާގެ ވާހަކަ މިހާ ހިސާބަށް ދިއުމުން ފާތުންއަށް ކެތް ނުވި ކަހަލައެވެ. ”އެކަމަކު ޝަހާ. އަހަރެންނަކަށް ތިކަމެއް ނުވާނެ. އަހަރެންގެ ކުރިމަގު ބިނާ ކުރަން ޝަހާ ތި ދިން ޚިޔާލު ގޯހެކޭ މަށެއް ނުބުނާނަން. އެކަމަކު އަޙްސަން. އެއީ ޝަހާގެ އަމާނާތެއް. މަށަކަށް ތިކަމެއް ނުވާނެ.“ ފާތުން ބުނަން އެއުޅެނީ ކީކޭކަން ޝަހާއަށް އެނގިހުރެވެސް ސުވާލު ކުރިއެވެ.“ކީއްވެ ނުވާންވީ؟ އަޙްސަންއަށް ޓަކައި އަހަރެންގެ ހިތުގަ އޮތް ފީލިންގްސްއާ މެދު ނުވިސްނާ. ހީކޮށްލާ މިހާރަކު އެކަހަލަ އެއްވެސް ކަމެއް ނެތޭ.“ ޝަހާ އެބުނި އެއްޗެއް ބުނީ ހިތާ ދެކޮޅަށްކަން ފާތުންއަށް އެނގެއެވެ. އަދި ޝަހާއާއި ދިމާއަށް ފާޑަކަށް ބަލައިލިއެވެ. ”ހަމަ ސީރިއަސްކޮންނޭ. ފާތުން ވިސްނާލަބަލަ. އަހަރެން އަޙްސަން ދެކެ ވާ ލޯބި.. އުހުން. ވީ ލޯބި އެއީ ހަމައެކަނި އަހަރެންގެ ސައިޑުން ވީ ލޯތްބެއް. އަދި އަޙްސަން ޙާސިލުކުރަން އަހަރެން ކުރި މަސައްކަތްވެސް ވީ ބޭކާރު. އަނެއްކޮޅުން އަހަރެން އަޙްސަން ދެކެ ވީ ލޯތްބަށްވުރެ އަހްސަން ފާތުން ދެކެ ވާ ލޯބި މާ ވަރުގަދަ. އެކަން އަހަރެންނަސް ވަރަށް ރަނގަޅަށް އެނގިއްޖެ.“ ޝަހާގެ ވާހަކަ މިހާ ހިސާބަށް ދިއުމުން ފާތުން ބޭނުންވީ މަޢުލޫ އޮޅުވާލާށެވެ. އެހެނީ ޝަހާ ދެއްކި ވާހަކައަށް ދެކޮޅު ހެދުމުގެ ހިތްވަރުވެސް ފާތުންގެ ކިބައިގާ ނެތް ކަހަލައެވެ. ”ތިކަހަލަ ކަމަކާ ވިސްނާ ވަރަށް ވުރެން އަހަރެންގެ ޒިންމާތައް މާ ބޮޑުކަން އަދިވެސް އެއްފަހަރު ޝަހާއަށް ހަނދާން ކޮށްލަދޭންވީތަ؟ މިވަޤުތު އަހަރެން އެންމެ ބޮޑަށް މިވިސްނަނީ ބައްޕަގެ ޒިންމާ ނެގުމަށް. ބައްޕައަށް ރަނގަޅު ބޭސް ފަރުވާއެއް ކުރުމަށް. ރަށުގަ ހުރެގެން ދިވެހި ބޭސް ކުރުމަށް ރަށަށް ދާން ބޭނުންވަނީ. އަހަރެންގެ ކުރިމަގާ މެދު ވިސްނާނީ އޭގެފަހުން. މިގޭ މަންމަޔާ ބައްޕަ އަހަރެންނަށް ޓަކާ ކުރި އުންމީދު ތަކުގަ ކޮޅުފައިން ޖަހާކަށްވެސް ބޭނުމެއް ނޫން.“ ފާތުންގެ އެވާހަކަތަކަށް ޝަހާ އެއްބަސް ވިއެވެ. ”އެންމެ ރަނގަޅު. ފާތުންއަށް ފެންނަ ގޮތަކަށް ކަންތައް ކުރީމަ ރަނގާޅުވާނެ. އެކަމަކު ރަށަށް ދާން ވިސްނުން އެއީ އެހާ ރަނގަޅު ޚިޔާލެއް ކަމަކަށް އަހަރެންނެއް ނުދެކެން. ކޮންމެ ފަދަ ޙާލަތެއްގައިވެސް ފާތުންއަށް ކުރިމަތިވާ ކޮންމެ ކަމެއްގަވެސް ފާތުންގެ މި އެކުވެރިޔާ އަބަދުވެސް އެންމެ ގާތުގަ ހުންނާނެކަން ހަނދާން ކުރާތި. “ ވަރުގަދަ އަޒުމަކާއިއެކު، ޝަހާ، ފާތުންއަށް ޔަޤީންކަން ދިނެވެ. އަދި އަރާމުކޮށްލާ ނިދާލުމަށް ބުނެ ޝަހާ ކޮޓަރިން ނިކުމެގެން ދިޔައެވެ.
ގެއަށް ދިޔުމުގެ ކުރިން ފާތުންގެ ބައްޕަ އަދި ބޮޑުދައިތައާއި ބައްދަލު ކޮށްލުމަށް އެމީހުންގެ ގާތަށް ޝަހާ ދިޔައެވެ. ފާތުން ކައިރީގައި ނިދާލަން ބުނެފައި އައި ކަމަށް ބުންޏެވެ. އަދި އެއްވެސް ކަމަކު ބޭނުންވާނަމަ އެއްވެސް ޖެހިލުމެއް ނެތި ޝަހާ ގާތުގައި ބުނެލުމަށް ބުނެފައި ޝަހާ ދިޔައީ ގެއަށެވެ. ގެއަށް ވަނުމުން ފާތުންގެ ޙާލު އަދި ފާތުން ބައްޕައާއި ބޮޑުދައިގެ ޙާލު، ޝަހާގެ މަންމަ އަދި ބައްޕަ އޮޅުން ފިލުވިއެވެ. ޝަހާއަށް ވީވަރަކުން ފާތުންއަށް އަޅާލާ، އެހީތެރިވުމަށް ހިތްވަރުވެސް ދިނެވެ. ކުރީ ދުވަހުންސުރެ ޝަހާވެސް އުޅުނީ ފާތުންއަށް މިދިމާވި ހިތާމަވެރި ޙާދިސާގައި، ފާތުންއަށް އެކި ގޮތްގޮތުން އެހީތެރި ވުމަށެވެ. ހަމައަށް ނުނިދައެވެ. އެހެންކަމުން ޝަހާ ވަރުބަލި ވެފައި ހުންނާނެ މިންވަރު އެދެމަފިރިންނަށް އިޙުސާސް ކުރެވެއެވެ. ވީމާ، އަރާމު ކޮށްލަން ދިއުމަށް، ޝަހާގެ މަންމަ ޝަހާ ގާތުގައި ބުންޏެވެ. ކޮޓަރިއަށް ގޮސް ފެންވަރާލައިގެން ނިކުމެ ނަމާދު ކޮށްލައިގެން އެދުގައި އޮށޯވެލީ ނިދާލުމަށް ގަސްތު ކޮށްގެންނެވެ. އެހެނަސް ޝަހާގެ ވިސްނުމުގައި ހުރީ މީގެ އިރުކޮޅެއް ކުރިން ފާތުންނާއި ދެކެވުނު ވާހަކަ ތަކެވެ. އެކަމާއި މެދު ފާތުން ވިސްނާނެ ގޮތަކާއި މެދުއެވެ. ހަމަ ޙަޤީޤަތުގައިވެސް ޝަހާ މިހާރު ބޭނުންވަނީ ފާތުންއާއި އަޙްސަން ގުޅޭށެވެ. ޝަހާގެ އިޚްލާސްތެރި ދުޢާއަކީވެސް ފާތުންގެ ޙަޔާތަށް އުފާވެރި ދުވަސްތަކެއް އައުމެވެ. ކުރިމަގު އުޖާލާ ވުމެވެ. މިފަދަ ޚިޔާލުތަކެއްގައި އޮއްވާ ޝަހާއަށް ނިދުނީއެވެ.
ޝަހާ ސިއްސައިގެން ދިޔައީ ކޮންމެވެސް މީހަކު ދޮރުގައި ޓަކިޖެހި އަޑަށެވެ. ”ޝަހާ ދައްތާ.“ މިހެން ގޮވާލި އަޑަށް ޝަހާ ފަހަތަށް އެނބުރި ބަލައިލިއެވެ. ދޮރުކައިރީގައި ހުރީ ފާތުންގެ އަޙްމަދު ކޮއްކޮއެވެ. ރަނގަޅަށް ހަމަޖެހިލާފައި، ކޮޓަރިތެރެއަށް ވަށައިގެން ބަލައިލިއެވެ. ޝަހާއަށް ރެއަކާލީ އަދި ކިރިޔާއެވެ. ޝަހާއަށް މި އިނދެވުނީ ހޮސްޕިޓަލްގެ ޕްރައިވެޓް ކޮޓަރިއެއްގައެވެ. ކުރިމަތީގައި ހުރި އެދުގައި އެއޮތީ ޝަހާގެ އެންމެ ގާތް އެކުވެރިޔާއެވެ. ފުރާނަނެތް މަސްގަނޑެއް ފަދައިންނެވެ. ފާތުންގެ އަތް އަދިވެސް އޮތީ ޝަހާ އަތްމަތީގައެވެ. ޝަހާ އިނީ ފެންކަޅި ވެފައެވެ. މާޒީގައި ވެދިޔަ އެއްވެސް ކަމަކީ، ޝަހާގެ ހަނދާނުން ފޮހެވިގެން ދާނެ ކަމެއް ނޫނެވެ. އެހެނަސް މިހާރު ޝަހާ އެންމެ ބޮޑަށް ބަލަން ބޭނުންވާ ކަމަކީ އޭނާގެ އެކުވެރިޔާއަށް އެފަދަ ޙާލެއް ކުރިމަތިވި ސަބަބު އޮޅުން ފިލިވުމެވެ. މިވަޤުތު އެކަން އެންމެ ރަނގަޅަށް އެނގޭނީ އަޙްމަދު ކޮއްކޮއަށްކަން ޝަހާ ޤަބޫލުކުރެއެވެ. ”ސޮރީ ޝަހާ ދައްތާ. ކެންޓީނުގައި ވަރަށް މީހުން ގިނަ. އެހެންވެ ވަރަށް ގިނައިރު ވަންދެން ބޭރުގަ މަޑުކުރަން ޖެހުނު. އެހެންވެ ލަސްވީ އިނގޭ.“ އަޙްމަދު ކޮއްކޮ ލަސްވި ސަބަބު އޮޅުން ފިލުވައިދިނެވެ. ”އެއީ އެއްވެސް މައްސަލައެއް ނޫން. ކެންޓީނުގެ ޙާލަތު ދައްތައަށްވެސް އެނގޭ. މެންދުރު ގަޑި ވީމަ ވަރަށް މީހުން ގިނަ ވާނެ“. ޝަހާ ބުންޏެވެ. ”އެކަމަކު މިހާރު އެއޮއް އަސުރު ވަޤުތު ވީ.“ މާޒީގެ ތެރެއަށް ގެއްލިފައި އިނދެވުނު އިރު ވަޤުތު ދިޔަ ގޮތްވެސް ޝަހާއަށް ނޭންގޭ ކަހަލައެވެ. ”ޝަހާ ދައްތަ ދެން އަވަހަށް ގެއަށް ދޭ އިނގޭ. އަހަރެން މިތާ އިނދެލާނަން. މަންމަވެސް އަހަރުމެންނާއެކު އައޭ. އެކަމަކު މިހާރަކަށް އައިސް ވަރަށް ބަލިކޮން އުޅެނީ. އެހެންވެ ހޮސްޕިޓަލަށް ނުގެނައީ.“ އަހްމަދު އެހެން ބުނުމުން ޝަހާ ބޭނުންވީ ފާތުންގެ ބޮޑުދައިތަ ދެކިލާށެވެ. ”ބޮޑުދައިތަ ކޮބާ؟ ދައްތަ ބޭނުން ބޮޑުދައިތަޔާ ބައްދަލު ކޮށްލަން. އަހަރެންގެ އެކުވެރިޔާއަށް ވެފަ މިއޮތް ގޮތަކާއި ސަބަބެއް ބަލަން ބޭނުން“ އެވަޤުތު އަޙްމަދު ކޮއްކޮގެ ކޮނޑުގައި އޮތް ދަބަސް ހުޅުވާލާފައި، އޭގެތެރެއިން ފޮތެއް ނެގިއެވެ. ބަލާބެލުމަށް ހީވަނީޑައިރީއެއް ހެންނެވެ.
އަހްމަދު ކޮއްކޮ އެފޮތް ނެގުމާއިއެކު، ޝަހާ އަތަށް ދިއްކޮށްލިއެވެ. ހައިރާނުން ފުރިގެންވާ ނަޒަރަކުން އަޙްމަދު ކޮއްކޮއާއި ދިމާއަށް ބަލައިލަމުން މަޑުމައިތިރި ކަމާއިއެކު އެފޮތުގައި ހިފިއެވެ. ”މީ ކޯޗެއް؟ މީ ކާކުގެ ފޮތެއް؟“ ޝަހާ އަހާލިއެވެ. ”ތީ ދޮންތަގެ ޑައިރީ. ޝަހާ ދައްތަގެ އަމާނާތެއް. އަހަރެން ހަނދާން ހުންނަން ފެށީއްސުރެވެސް ދޮންތަ ތިފޮތުގަ ލިޔާތަން ދެކެން. ކުރީކޮޅުގަ، މިބުނީ އަހަރެން ކުޑައިރު ދޮންތަ ލިޔާ އެއްޗެއް ބަލަންވެސް އުޅެން. އެކަމަކު ދޮންތަ ތިފޮތް ގެންގުޅުނީ އެކަކަށްވެސް ނުދައްކާ. އެކަމަކު ފޮރުވާފަ އޮންނަތަން އަހަރެން ކައިރީގަ ބުނި. ވަރަށް ފަހުން ބުނީ. އަބަދުވެސް ބުނާނެ މީ އަހަރެންގެ އެންމެ ގާތް އެކުވެރިޔާއަށް އަހަރެން ލިޔާ އެއްޗެކޭ. ދޮންތަ ނެތް ދުނިޔެއެއްގަ މިފޮތް އަމާނާތްތެރި ކަމާއެކީ ޝަހާ ދައްތައަށް ރައްދު ކޮށްދެއްޗޭ. އެހެންވީމަ ދޮންތަ މިފަހަރު ބަލިވެގެން މާލެއަށް ގެންނަން ޖެހުނީމަ ހިތަށް އެރީ މިފޮތްވެސް ހިފައިގެންނޭ ދާނީ. ޝަހާ ދައްތައަކީ ޑޮކްޓަރެއްކަން އެނގޭތީ ހޮސްޕިޓަލްއިން ދައްތަގެ މަޢުލޫމާތު ލިބޭނެ ކަމަށްވެސް ބަލާފަ. ކަން ދިމާކުރި ގޮތުން ދޮންތަ ގޮވައިގެން މިއާދެވުނީވެސް ޝަހާ ދައްތަ ވޯރކް ކުރާ ހޮސްޕިޓަލްއަށް. މި ފޮތުން ދޮންތަގެ ހުރިހާ ކަމެއްވެސް ޝަހާ ދައްތައަށް އެނގިގެން ދާނެ.“ އެފޮތުގެ ޙަޤީޤަތް އަހްމަދު ކޮއްކޮ އޮޅުންފިލުވައިދިނެވެ. ވަރަށް ރައްކާތެރިކަމާއިއެކު، ޝަހާގެ އަތުގައި އޮތް އަތް ދަބަހަށް އެފޮތް ލިއެވެ. އެފޮތުގައިވާ އެއްޗެއް ގެއަށް ގޮސް ހަމަޖެހިލައިގެން ކިޔާލުމުގެ ނިޔަތުގައެވެ. ”ވަރަށް ބޮޑަށް ޝުކުރިއްޔާ އަޙްމަދު ކޮއްކޯ. ދެން މިވަޤުތު ދައްތަ ގޮސްލާނަން އިނގޭ. އަދި ބޮޑުދައިތަ ކައިރިއަށްވެސް ދާނަން އިންޝާﷲ. ޓެސްޓުތަކުގެ ނަތީޖާ ލިބުނީމަ ދައްތައަށް ގުޅާލައްޗޭ. އަޙްމަދު ކޮއްކޮގެ ނަމްބަރުވެސް ދައްތައަށް ދޭންވާނެއެއްނު.“ މިހެން ބުނުމާއިއެކު މޯބައިލް ފޯނު ނަގާ، އަހްމަދު ކޮއްކޮގެ ނަމްބަރު އޮޅުން ފިލުވުމާއިއެކު، ފޯނުގައި ސޭވް ކޮށްލިއެވެ. އަދި ދަބަހުން ޝަހާގެ ކާރޑު ނަގާ އަހްމަދު ކޮއްކޮ އަތަށް ދިއްކޮށްލިއެވެ. ”އަން މިއޮތީ ދައްތަގެ ކާޑު. މީގަ ހުންނާނެ ދައްތަގެ ހުރިހާ މަޢުލޫމާތެއް“. ކާޑުގައި ހިފުމާއިއެކު، އަހްމަދު ކޮއްކޮ ޝަހާއަށް ޝުކުރު އަދާކުރިއެވެ.
ހޮސްޕިޓަލްއިން ނިކުމެގެން ޝަހާ ދިޔައީ އޭނާގެ ކާރުގައި ގެއަށެވެ. ވޭތުވެ ދިޔަ ސަތާރަ އަހަރުގެ ތެރޭގައި ޝަހާގެ ޙަޔާތަށްވެސް ވަނީ ބޮޑެތި އިންޤިލާބީ ބަދަލުތަކެއް އައިސްފައެވެ. ޝަހާގެ ބައްޕަ ނިޔައުވިތާ މިހާރު އަށް އަހަރު ވެއްޖެއެވެ. އެދުވަހު، ޝަހާއަށް ކުރިމަތިވި ހިތާމައިގާ ބައިވެރިވާނެ ގާތް ރަޙުމަތްތެރިއެއްވެސް އޭނާގެ ކައިރިޔަކު ނެތެވެ. ފާތުންވެސް ހުރިހާ އެއްޗެއް ދޫކޮށްލާފައި އޭނާގެ ބައްޕަ އަދި ބޮޑުދައިތައާއިއެކު، ރަށަށް ހިޖުރަ ކުރީއެވެ. ނުދިއުމަށް އެދި އެތައް އާދޭހެއް ޝަހާ ކުރިއެވެ. ފާތުންގެ މުސްތަޤުބަލު ބަނަވާނެކަން އެނގޭތީއެވެ. ސަބަބު އޮޅުން ފިލުވަން އެތައް މަސައްކަތެއް ޝަހާ ކުރިއެވެ. އެހެނަސް އެދުވަހު ފާތުން އިޚްތިޔާރުކުރީ ހަނު ހުރުމަށެވެ. ފާތުންއަށް ދިމާވި އެއްވެސް ކަމެއް ޝަހާއަށް ސިއްރު ކޮށްފައި ނުވާއިރު، ކުއްލި ގޮތަކަށް ދާއިމީކޮށް ރަށަށް ބަދަލުވާން މެދުވެރިވި ސަބަބު ޝަހާ ގާތުގައި ނުބުނުން އެއީ ޝަހާގެ ހިތުގައި އެތައް ސުވާލުތަކެއް އުފެދުނު ކަމެކެވެ. އެދުވަހުން ފެށިގެން އަދި އަދަށް ދާންދެންވެސް ޝަހާގެ ދިރިއުޅުން ވޭތުކުރަމުން އެ އައީ އެސުވާލުތައް ހިތުތެރޭގައި ފޮރުވައިގެންނެވެ.
- ނުނިމޭ