ކ. ގުޅީ ބިން ހިއްކުމުގެ މަސައްކަތް ކުރިއަށް ގެންދަވާނީ، ކައުންސިލުން ބައްޓަން ކޮށްފައިވާގޮތަށް، އިތުރު ބަދަލެއް ނުގެނެސް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު އެރަށަް ވަޑައިގެން ރައްޔިތުންނާ ބައްދަލު ކުރައްވައި ދެއްކެވި ވަހަކަފުޅުގައެވެ.
ބިން ހިއްކާނޭ ކަމުގެ ޔަގީންކަން ދެއްވުމުންގެ ގޮތުން ރައީސް ވިދާޅުވީ ބަންޑް ވޯލް ޖަހައި، ފަސްއަޅައި ނިމިގެން ނޫނީ، ގުޅީގެ ބިންހިއްކުމުގެ މަޝްރޫއު ދެން ނުހުއްޓޭނޭ ކަމަށެވެ.
ގުޅީ ބިންހިއްކުމުގެ މަޝްރޫއަކީ ކުރީ ސަރުކާރުން ފެށި މަޝްރޫއުއެކެވެ. އެހެންނަމަވެސް ރައީސް މުއިއްޒު ވިދާޅުވީ އެ ސަރުކާރު ނިމެން ދަނިކޮށް ބިން ހިއްކުމުގެ އެއްބަސްވުމުގައި ސޮއިކުރި ނަމަވެސް، އެކަމަށް އަމަލީ ސިފައެއް ގެނެވޭނޭ ފަދަ ބަޖެޓެއް ފަހިކޮށްދީފައި ނުވާކަމަށެވެ. އެހެންނަމަވެސް، މިވަގުތުވެސް، އެމްޓީސީސީ ގެ ޓީމެއް ގުޅީގައި ހަރަކާތްތެރިވަމުންދާ ދިއުމުންވެސް ދޭހަކޮށްދެނީ، ކުރިން ވީހެން މިހާރު ނުވާނޭކަން ކަމުގައި ރައީސް ވިދާޅުވިއެވެ.
އެރަށުގެ ބަނދަރުގެ ޖާގައިގެ މައްސަލައާ ބެހޭގޮތުން ރައީސް ވިދާޅުވީ އެ މަސައްކަތްކުރައްވާނީ އިތުރު ބަނދަރެއް އަޅައިގެންތޯ ނުވަތަ މިހާރު އޮތް ބަނދަރު ބޮޑުކޮށްގެންތޯ ނިންމާނީ ރަށު ކައުންސިލާއި، ކޮންސްޓްރަކްޝަން މިނިސްޓްރީން މަޝްވަރާކުރުމަށްފަހު ކަމަށެވެ. މި މަޝްވަރާގައި ނިންމުންތައް ނިންމަންވާނީ ރަށަށް ފައިދާ ބޮޑުވާނޭ އަދި އިގްތިސާދީ ނަފާ ބޮޑުވާނޭ ގޮތަށް އިސްކަންދެއްވައިގެން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން، ބަނދަރުގެ ނެރުފައިކަށީގެ މައްސަލައިގައި، މިހާރު ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހައްލެއް ހޯދެން އޮތްތޯ ބެއްލެވުމަށް ފަންނީ ލަފާއަށް އެދިވަޑައިގެން، އެ ފަދަ ހައްލެއް އޮތްނަމަ، ހައްލު ހޯއްދަވައިދެއްވާނޭކަމުގެ ޔަގީންކަންވެސް ރައީސް ދެއްވިއެވެ. ބިމުގެ ދަތިކަން ނައްތާލެވި، ބަނދަރުގެ މައްސަލަ ހައްލުކުރުމަކީ، ގުޅީގެ ތަރައްޤީއަށް ލާޒިމު މަސައްކަތެއް ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރަށަށް ފައިދާއެއް ނުވާނޭގޮތަށް
އެރަށުން ލޯކަލް ޓޫރިޒަމަށް ދޫކޮށްފައިވާ ބިންތައް ދޫކޮށްފައިވަނީ ރަށަށް ފައިދާއެއް ނުވާގޮތަށް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. އެހެން ކަމުން އެޓަރނީ ޖެނެރަލާއި ފަތުރުވެރިކަމުގެ ވުޒާރާ އާއި ރަށު ކައުންސިލުން މި މައްސަލަ ދިރާސާކޮށް، ރަށަށް އެންމެ ފައިދާވާނޭ ގޮތަކީ އެ އެއްބަސްވުން ނިމުމަކަށް ގެނައުން ކަމަށް ނިންމަވައިފިނަމަ، އެކަން އެގޮތަށް ކުރުމަށް މަގުފަހިކޮށްދެއްވާނޭ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން، ތަޢުލީމީ ދާއިރާގައި ހުއްޓިފައިހުރި މަސައްކަތްތައް އަލުން ފަށައި، ރަށުގެ ސިއްޙީ ދާއިރާގެ ޤާބިލުކަން އިތުރުކުރުމަކީ މި އަހަރުގެ ބަޖެޓުގައި އަހަންމިއްޔަތުކަން ދެއްވާ ކަންތައްތައް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި ގުޅިއަށް ދިމާވެފައިވާ މިސްކިތުގެ ޖާގައިގެ ދަތިކަމާއި، ކުނި މެނޭޖުކުރުމުގެ މައްސަލައަށްވެސް ހައްލެއް ހޯއްދަވައިދެއްވާނޭކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.






