ފެށިގެން ކުރިއަށްމިދާ 2025 ވަނަ އަހަރު ވެގެންދާނީ އެއް އަހަރުތެރޭ ގެދޮރުގެ ދަތިކަމުގެ މައްސަލަ ހައްލު ކުރުމަށް އެންމެގިނަ މަސައްކަތް އަމަލީ ގޮތުން ކުރެވޭނޭ އަހަރަށް ކަމަށް ރައީސް ޑރ. މުހައްމްދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެ މަނިކުފާނު މިހެން ވިދާޅުވީ ކ. ގުޅިއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ މިއަދު ހަވީރުގެ ވަގުތެއްގައި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
މި އަހަރަކީ ”ބޯހިޔާވަހިކަމުގެ އަހަރަށް“ ހައްދަވާނެ ކަމަށް ވިދާޅުވެ ރައީސް ވަނީ ވައުދުވެފައެވެ. އެގޮތުން މާލެ ފިޔަވައި ރާއްޖޭގެ އެހެން ހުރިހައި ސަރަޙައްދެއްގައި ކުރިއަށް ގެންދަވާނެ ކަމަށް ވަޢުދުވެވަޑައިގެންފައިވާ ބޯހިޔާވަހިކަމުގެ ހުރިހައި މަޝްރޫޢުތައް ޢަމަލީ ގޮތުން ހިންގައިދޭނެ ފަރާތްތައް ހޯދުމަށް، މި ހިނގާ ޖަނަވަރީ މަހުގެ ތެރޭގައި އިޢުލާން ކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން އެކި ފަރާތްތަކާ މަސައްކަތްތައް ޙަވާލު ކުރެވޭ ތަރުތީބުން، މި އަހަރު ވެގެންދާނީ ގެދޮރުވެރިކަމުގެ ދާއިރާއިން އެއް އަހަރެއްގެ ތެރޭގައި ޢަމަލީ ގޮތުން އެންމެ ގިނަ މަޝްރޫޢު ހިންގޭނެ އަހަރަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ބިން ހިއްކައި، ޖާގަ އިތުރު ކުރެވިފައިވާ ރަށްތަކުގައިވެސް ކުރިއަށް ހުރި އަހަރުތަކުގެ ތެރޭގައި މިކަން ހިނގަމުންދާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. ވެރިރަށް މާލެ ސަރަޙައްދުގެ މަޝްރޫޢުތައްވެސް އިޢުލާންކުރައްވާފައިވާ ގޮތަށް ކުރިއަށްދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ”ރަސްމާލެ“ މަޝްރޫޢަކީ ރާއްޖެއަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް އެއް ސަރަޙައްދަކުން އެންމެ ބޮޑު ޙައްލެއް ލިބޭނެ މަޝްރޫޢުކަމުގައެވެ. އެގޮތުން އެމަޝްރޫޢުގެ ބިން ހިއްކުމުގެ ޢަމަލީ މަސައްކަތްތައް މިހާރުވެސް ކުރިއަށްދާ ކަމަށް ވިދާޅުވިއެވެ. އިތުރު ފަރާތްތަކާ ގުޅިގެން މަޝްރޫޢު ފުޅާކޮށް، މަސައްކަތުގެ ދުވެލި، ދެތިންގުނައަށް ހަލުވިކުރެވިގެންދާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.






