ނިމިދިޔަ އަހަރުގެ ޑިސެންބަރު މަހު މީރާއަށް ލިބިފައިވަނީ 2.33 ބިލިއަން ރުފިޔާ ކަމަށް އެ އިދާރާއިން ބުނެފިއެވެ. މި އަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ %4.7 އިތުރު އަދަދެކެވެ. އަދި، ޑިސެންބަރު 2024 ގައި ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ %20.1 އިތުރު އަދަދެއް ކަމަށް ވެސް މީރާއިން ވަނީ ބުނެފައެވެ.
މީރާއިން މައުލޫމާތުދޭ ގޮތުގައި، ޑިސެންބަރު 2023 ގައި ލިބުނު އާމްދަނީ އާ އަޅައިބަލާއިރު ޑިސެންބަރު 2024 ގައި ލިބިފައިވާ އާމްދަނީ މަތިވުމުގެ މައިގަނޑު ސަބަބަކީ، ޖީއެސްޓީ، ގްރީން ޓެކްސް އަދި ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީގެ ފީ ގެ ގޮތުގައި ލިބިފައިވާ އާމްދަނީ އިތުރުވުމެވެ. މީގެ އިތުރުން، ޑިސެންބަރު 2024 ގައި ދިވެހިރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރާނެ ކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ %5.7 އިތުރަށް ފަތުރުވެރިން ޒިޔާރަތްކުރުމުގެ ސަބަބުން، އެ ދައިރާއާއި ގުޅުންހުރި އާމްދަނީ އިތުރުވެފައިވުމަކީ ވެސް ޑިސެންބަރުމަހުގެ އާމްދަނީ އިތުރުވުމުގެ އެއްސަބަބު ކަމަށް މީރާއިން ބުންޏެވެ.
ޑިސެންބަރު 2024 އަންދާޒާ ކޮށްފައިވާ އާމްދަނީއަށްވުރެ %20.1 އިތުރުވެފައިވާ މައިގަނޑު އެއް ސަބަބަކީ ގްރީން ޓެކުހާއި، ވާރކް ޕާރމިޓް ފީ، ޓޫރިޒަމް ދާއިރާގެ ޖީ.އެސް.ޓީ، ބިދޭސީންގެ ކޯޓާ ފީ އަދި ޓޫރިޒަމް ދާއިރާ ނޫން އެހެނިހެން ދާއިރާ ތަކުގެ ޖީ.އެސް.ޓީ އިން ލިބުނު އާމްދަނީ އިތުރުވުމެވެ. އަދި މީގެ އިތުރުން، ޑިސެންބަރު 2024 ގައި ލިބިފައިވާ އާމްދަނީގެ %17.5 އަކީ މީރާގެ އެންފޯސްމަންޓް ފިޔަވަޅުތަކުގެ ދަށުން ހޯދާފައިވާ އާމްދަނީކަމުގައި މީރާއިން މައުލޫމާތުދެއެވެ.
ޑިސެންބަރު 2024 ގައި މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީ.އެސް.ޓީއެވެ. އެއީ %57.34 ނުވަތަ 1.33 ބިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޓޫރިޒަމް ލޭންޑް ރެންޓް ގެ ގޮތުގައެވެ. އެއީ %16.25 ނުވަތަ 378.55 މިލިއަން ރުފިޔާއެވެ. މީގެ އިތުރުން އާމްދަނީން ނަގާ ޓެކުހުގެ ގޮތުގައި 116.16 މިލިއަން ރުފިޔާ (%5.0)، ގްރީން ޓެކުހުގެ ގޮތުގައި 109.46 މިލިއަން ރުފިޔާ (%4.7)، އެއަރޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 95.39 މިލިއަން ރުފިޔާ (%4.1)، އަދި ޑިޕާޗަރ ޓެކުހުގެ ގޮތުގައި 93.93 މިލިއަން ރުފިޔާ (%4.0) ލިބިފައިވެއެވެ.
ޑިސެންބަރު 2024 ގައި ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 112.75 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ.