އެމްޑީޕީން އަވަސް ހަރަކާތްތަކެއް ރާވައި ސަރުކާރު ޖަވާބުދާރީ ކުރުމުގެ މަސައްކަތް ފެށުމުން އެފްއެސްއެމްގެ ކުރީގެ މެނޭޖިން ޑިރެކްޓަރ މުހައްމަދު ގަސަމް އެޕާޓީގެ ލީޑަރޝިޕަށް ތައުރީފް ކޮށްފިއެވެ.
އޭނާ ބުނީ އެމްޑީޕީ އިދިކޮޅު ޕާޓީއެއްގެ ހައިސިއްޔަތުން މިހާ އަވަހަށް ހަރަކާތްތެރިވާން ފެށި ފަހަރެއް އައިސްފައިނުވާ ކަމަށެވެ. ”މީއީ އެމްޑީޕީ އިދިކޮޅު ޕާޓީއެއްގެ ގޮތުގައި ހަރަކާތްތެރިވާ ތިންވަނަ ފަހަރު. އޭގެ ކުރީފަހަރު ތަކަށްވުރެ އަވަހަށް އެމްޑީޕީން މިފަހަރުވަނީ ސިޔާސީ ހަރަކާތްތައް ފަށައިފައި. ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ ގޮތުން މިފަހަރު ވަރަށް އަވަހަށްވަނީ ސޯޝަލް މީޑިއާ ހަރަކާތްތައް ފަށައިފައި. ކަންމަތީ ބައްދަލުވުންތަކާއި، ހަރުގެ ޖަލްސާތަކާއި، ނިއުސްލެޓަރ ނެރުމާއި ބޮޑެތި ޖަލްސާ ބާއްވައި ސަރުކާރު ހަމަމަގަށް އަޅުވަން އެމްޑީޕީގެ މިފަހަރުގެ ހަރަކާތްތައް ވަރަށް އަވަސްކަން ފާހަގަކޮށްލަން،“ ގަސަމް ބުންޏެވެ.
އޭނާ ބުނީ ޖަނަވަރީ އެއްތިރީހުގައި އެމްޑީޕީން ބާއްވާ ސުލްހަވެރި ހިނގާލުމަކީ ފާހަގަކޮށްލެވޭ ހިނގާލުމަކަށްވާނޭ ކަމަށެވެ. އެއީ ޕާޓީ ރަނގަޅަށް ގަރާރުވެ އެކުވެރިކަމާއި އެއްބައިވަންތަކަން މިހާރަށްވުރެ ވަރުގަދަވާނޭ ހަރަކާތެއް ކަމަށް އޭނާ ބުންޏެވެ. މީގެ ސަބަބުން ޕާޓީގެ އަސްލު ސިފައާއި ރޫހާއި ޖޯޝު އުފައްދައި ކުރިއަށް އޮތްތަނުގައި ފުރިހަމަ ނަތީޖާއެއް ނެރެން އިންތިހާއަށް ފަސޭހަވެގެންދާނޭ ކަމަށް އޭނާ ބުންޏެވެ.






