ޕްރޮސިކިއުޓާޖެނރަލްގެ އޮފީސް (ޕީޖީ އޮސީސް) އިން ބުނީ އެ މައްސަލައުގައި އަމީން ކޮންސްޓްރަކްޝަންގެ މައްޗަށް މަނީ ލޯންޑާ ކުރުމަށް އެހީތެރިވުމުގެ ކުށުގެ ދައުވާ ކުރަން އިއްޔެ ކުރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.
އެފްއޭއެމްގެ ހިޔާނުގެ ގޮތުގައި އެ އެއޯސިއޭޝަންގެ ކުރީގެ ރައީސް ގ. ފަހިވާ ބައްސާމު އަދީލް ޖަލީލް، އަމީން އެވެނިއުގެ އެޕާޓްމަންޓް ގަތުމަށް، އެފްއޭއެމްގެ އެކައުންޓުން ކެނޑޭގޮތަށް އެ ކުންފުންޏަށް ދިން އެއްމިލިޔަން ޑޮލަރަކީ 14 އޭޕްރީލް 2021 ދުވަހު ފީފާއިން އެ އެސޯސިއޭޝަނަށް ޖަމާކުރި 1.9 މިލިޔަން ޑޮލަތުގެ ތެރެއިން ބައެއް ކަމަށެވެ.
އެ މައްސަލައިގައި އަމީން ކޮންސްޓްރަކްޝަންއަށް ދައުވާކުރަނީ، އެ ފައިސާ އަކީ އެފްއޭއެމްގެ ފައިސާކަން އެނގިތިބެ އެފައިސާ ބަލައިގަނެފައިވާތީ އާއި އެ ފައިސާއަކީ ޑޮލަރު ގަތުމުގެ މުއާމަލާތެއްކަމަށް ބަޔާންކޮށް، ބޭންކް އޮފް ސިލޯނަށް ސިޓީ ފޮނުވައި، އަމީން ކޮންސްޓްރަކްޝަންގެ އެކައުންޓަށް އެ ފައިސާ ޖަމާކޮށް، އެ ފައިސާއަށްވާ ދިވެހި ރުފިޔާ އެފްއޭއެމަށް އަނބުރާ ދެއްކުމަކާ ނުލައި، އެ ފައިސާއަށްވާ ދިވެހި ރުފިޔާ އެ އެސޯސިއޭޝަނަށް ދީފައިވާކަން ދެއްކުމަށް އަމީން ކޮންސްޓްރަކްޝަންގެ ނަމުގައި ކޭޝް ވައުޗަރުތަކެއް ތައްޔާރުކޮށް، މަނީ ލޯންޑާކުރުމަށް ބައްސާމަށް އެހީތެރިވެދީފައިވާތީއެވެ.
އެކަމުގެ ސަބަބުން އެފްއޭއެމަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި އެއް މިލިއަން އެމެރިކާ ޑޮލަރު އަމީން ކޮންސްޓްރަކްޝަންއިން ނަގައިދިނުމަށާއި، އަމީން ކޮންސްޓްރަކްޝަންގެ ސަބަބުން، ބައްސާމު ހޯދައި ލިބިގަނެ ބޭނުންކުރަމުން ގެންދިޔަ އަމީން އެވެނިއު ދެ އެޕާޓްމަންޓް ދައުލަތަށް ނަގައިދިނުމަށް ޕީޖީ ވަނީ ކޯޓަށް ހުށަހަޅައިފައެވެ.
އެފްއޭއެމްގެ ހިޔާނާތުގެ މައްސަލާގައި ބައްސާމުގެ މައްޗަށް، ހިޔާނާތްތެރިވުމުގެ ކުށުގެ ދެ ދައުވާ އާއި، މަނީ ލޯންޑްރިންގެ ދެ ދައުވާ ކޯޓަށް ހުށަހަޅައި މިހާރުވެސް ހިނގަމުން އެބަދެއެވެ.






