މިހާރު އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް އަހަރަކާ ގާތްވެފައި ވަނިކޮށް، އެ އިންތިހާބަށް ކެންޑިޑޭޓަކު ހޮވުމަށް ބޭއްވި ޕްރައިމަރީއަކާ ގުޅޭ މައްސަލައެއްގެ ހުކުމް ސިވިލްކޯޓުން އިއްވައިފިއެވެ.
މި މައްސަލައިގައި ޕީޕީއެމް/ޕީއެންސީގެ މެދުހެންވޭރު ދާއިރާގެ މަޖިލިސް ޕްރައިމަރީ ބާތިލުކުރަން ހުށަހެޅީ އެ ޕްރައިމަރީގައި ވާދަކުރި ހ. ފޭވަރިޓް ވިލާ ހަސަން ރަމީޒެވެ.
ރަމީޒު ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ، ޕީޕީއެމް/ޕީއެންސީ ކޯލީޝަނުން މިދިޔަ އަހަރުގެ ޖެނުއަރީ މަހުުގެ 27 ވަނަ ދުވަހު ބޭއްވި އެ ކޯލިޝަންގެ މަޖިލިސް ޕްރައިމަރީގައި، އޭނާގެ ހައްގު ގެއްލޭގޮތަށް ކަންކަން އިންތިޒާމުކޮށްފައިވާ ކަމަށެވެ.
އެގޮތުން އެ ޕްރައިމަރީގައި ވޯޓުލުމުގެ ހައްގު ގެއްލޭގޮތަށް ވޯޓުލާ މީހުންގެ ލިސްޓަށް އުނިއިތުރު ގެންސްފައިވާ ކަމަށާއި، ވޯޓު ގުނުމުގެ މަސައްކަތް ނުފެށެނީސް ވޯޓުލާ މަރުކަޒަށް މީހަކު ވަދެ، ހަމަނުޖެހުން ހިންގައި ވޯޓު ކަރުދާސްތައް ޖަހައިގަނެގެން އިންތިހާބީ މަރުކަޒުން ނުކުތް ކަމަށްވެސް ބުނެފައިވެއެވެ.
އެހެންކަމުން އެ ދާއިރާގެ ނަތީޖާ އިއުލާންކުރީ ވޯޓު ކަރުދާސްތަކަށް ވީނުވީއެއް ނޭނގި އޮޅުންބޮޅުން ތެރޭގައި ވަނިކޮށް ކަމަށްވެސް ބުނެފައިވެއެވެ.
ރަމީޒް ބުނެފައިވަނީ އެކަން ކޮށްފައިވަނީ، އިންތިހާބުތަކުގައި އަމަލުކުރާ އަދި ކޯލިޝަންގައި ހިމެނޭ ސިޔާސީ ދެ ޕާޓީގެ އަސާސީ ގަވާއިދުތަކާއި އުސޫލުތަކާއި މުޅި ޑިމޮކްރެޓިކް ޕްރޮސެސްއާ ހިލާފަށް ކަމަށެވެ.
އެހެންކަމުން ރަމީޒް ކޯޓުގައި އެދިފައިވަނީ، އެ ޕްރައިމަރީ ބާތިލުކަމަށް ކަނޑަަޅައި ދިނުމަށާއި، ޕާޓީ މެންބަރުންނާއި ކެނޑިޑޭޓުންގެ ހައްގުތައް ނުގެއްލޭގޮތަށް ޕްރައިމަރީ އަލުން ބާއްވައިދިނުމަށް ޕީޕީއެމް އާއި ޕީއެންސީގެ މައްޗަށް އަމުރު ކޮށްދިނުމަށެވެ. މީގެ އިތުރުން މި ދައުވާގައި ބުނާގޮތަށް ޕްރައިމަރީ ބާތިލުކަމަށް ކަނޑައަޅާ ހާލަތުގައި، މިކަމާ ގުޅިގެން ރަމީޒަށް އެއްވެސް ގެއްލުމެއް ލިބިފައިވާ ކަމަށް ދެކޭނަމަ ކޯޓު މެދުވެރިކޮށް އެކަމުގެ ބަދަލު ހޯދުމުގެ ހައްގު އޭނާއަށް ލިބިގެންވާ ކަމަށް ކަނޑައަޅައިދިނުމަށްވެސް އެދިފައިވެއެވެ.
މިދިޔަ 2024 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 13 ވަނަ ދުވަހު ހުށަހެޅި މި މައްސަލައަށް ސިވިލްކޯޓުން މިއަދު އިއްވި ހުކުމުގައި ވަނީ، ރަމީޒްގެ ފަރާތުން ޕީޕީއެމް/ޕީއެންސީގެ މައްޗަށް ކޮށްފައިވާ މި ދައުވާ ސާބިތު ނުވާ ކަމަށެވެ.






