އަމިއްލަ ކުންފުންޏެއް ކަމަށްވާ ދިމަހް ޕްރައިވެޓް ލިމިޓެޑަށް 28.1 މިލިޔަން ރުފިޔާ ދޭން ފެނަކަ ކޯޕަރޭޝަންގެ މައްޗަށް ސިވިލް ކޯޓުން ހުކުމް ކޮށްފިއެވެ.
މިއީ ދިމަހް އިން ފެނަކައަށް ދީފައިވާ ހިދުމަތާއި މުދަލުގެ އަގަށްވާ 31.1 މިލިޔަން ރުފިޔާ ހޯދުމަށް އެފަރާތުން ހުށަހެޅި މައްސަލައެކެވެ.
މި މައްސަލަ ކޯޓުން ބޭރުން ހައްލު ކުރުމަށް 14 ދުވަހުގެ ފުރުސަތަކަށް މީގެ ކުރިން ފެނައިން އެދުނެވެ. ނަމަވެސް ކޯޓުން ބޭރުން މައްސަލަ ހައްލު ނުވުމުން، މައްސަލައިގެ އިތުރު އަޑުއެހުމެއް ބޭއްވުމެއްނެތި، ހުކުމްކޮށްދިނުމަށް މިމަހުގެ 20 ވަނަ ދުވަހު ދިމަހް ޕްރައިވެޓް ލިމިޓެޑުން މައްސަލަ ސިވިލްކޯޓަށް ހުށަހެޅިއެވެ.
އެ ހުށަހެޅުމުގައި އެދިފައި ވަނީ ފެނަކައަށް ފޯރުކޮށްދިން ހިދުމަތާއި މުދަލުގެ އަގަށް ޖުމްލަ 28.1 މިލިޔަން ރުފިޔާ އަރާ ކަމަށެވެ. އަދި 11 މަސްދުހަށް ބަހާލައިގެން ކޮންމެ މަހަކު 2.5 މިލިޔން ރުފިޔާ އަށްވުރެން މަދުނޫން އަދަދެއް ދައްކައި ހަލާސްކުރުމަށް ފެނަކައިގެ މައްޗަށް ހުކުމްކޮށްދިނުމަށް ވެސް އެދުނެވެ.
އެ ފަރާތުން ހުށަހެޅިގޮތަށް، 11 މަސްދުވަހަށް ބަހާލައިގެން ކޮންމެ މަހަކު 2.5 މިލިޔަން ރުފިޔާއްވުރެން މަދުނޫން އަދަދެއް ދައްކައި، 28.1 މިލިޔަން ރުފިޔާ ދައްކަން ކޯޓުން އިއްޔެ ވަނީ ހުކުމް ކޮށްފައެވެ.






