ރާއްޖެއަށް 200 މާސްޓަރ ކާޓަން މެންޗެސްޓަރ ސިނގިރޭޓް ސިއްރުން އެތެރެކުރި މައްސަލައެއް ތަހުގީގު ކުރަން ފަށައިފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
ފުލުހުން ވިދާޅުވެފައިވަނީ މިމައްސަަލަ ބަލަނީ ފުލުހުންނާއި މޯލްޑިވްސް ކަސްޓަމްސް ސަރވިސް ގުޅިގެން ކަމަށެވެ.
މި ސިނގިރޭޓްތައް ރާއްޖެއަށް އެތެރެކޮށްފައިވާ ކަމަށް ތުހުމަތު ކުރެވެނީ ދަ ހޯކްސް ޕްރައިވެޓް ލިމިޓެޑްގެ ފޮރިންގޮއިންގ އުޅަނދެއް ކަމަށްވާ ދަ ހޯކްސް ޖަވާހިރު ބޯޓުން ކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ.
”މިހާތަނަށް ބެލި ބެލުމުން އެނގިފައިވާ ގޮތުގައި، 2024 އޮކްޓޯބަރ 24 ވަނަ ދުވަހު ރާއްޖެއަށް އައި ދަ ހޯކްސް ޖަވާހިރު ބޯޓުން މި ސިނގިރޭޓްތައް ބޯޓުގެ މެނިފެސްޓުގައި ނުހިމަނައި ރާއްޖެއަށް ގެނެސްފައިވެއެވެ. އަދި 2024 އޮކްޓޫބަރު 25 ވަނަ ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައި ކ. ތިލަފުށީގައި ހުންނަ ހޯކްސް ބޯޓު ޔާޑުގެ ޖެޓީއަށް މި ސިނގިރޭޓްތައް ބާލައިގެން ސިއްރުން ދިވެހިރާއްޖެއަށް ވަނީ އެތެރެކޮށްފައެވެ.“
މި މައްސަލައިގެ ތަހުގީގު ބިނާވެފައިވަނީ މައިގަނޑު ދެ ކުށެއްގެ މައްޗަށް ކަމަށް ފުލުހުން ވިދާޅުވިއެވެ. އޭގެ ތެރޭގައި ހިމެނެނީ ކަސްޓަމްސްގެ ގާނޫނު ގެ 97 ވަނަ މާއްދާގެ ދަށުން ދިވެހިރާއްޖެއަށް ސިއްރުން މުދާ އެތެރެކުރަން އުޅުމުގެ ކުށާއި، މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނު ގެ 53 ވަނަ މާއްދާގެ ދަށުން މަނީ ލޯންޑްރިންގ ކުށް ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.






