މާލެ ސިޓީ ކައުންސިލަށް ހުށަހެޅެމުންދާ ޝަކުވާތަކާ ގުޅިގެން، ކައުންސިލުން، މާލޭގެ ބައެއް ސަރަހައްދުތަކުން ގަސް ކޮށުމުގެ މަސައްކަތް ފަށައިގެން ކުރިއަށްގެންދާ ކަމަށް އެ ކައުންސިލުން ވިދާޅުވެއްޖެއެވެ.
ސިޓީކައުންސިލުން ވިދާޅުވެފައިވަނީ މާލޭގެ އެކި ސަރަހައްދުތަކަގައި ހުރި ގަސްތަކުގެ ގޮފިތައް އެލި، ބައެއް އިމާރާތްތަކަށް ގެއްލުން ވަމުންދާކަން ފާހަގަވެފައިކަމަށެވެ. މި ގޮތަށް ހުންނަ ގޮފިތަކުގެ އެހީގައި ވައްކަން ކުރާ މީހުންނަށް ގެތަކަށް ވަންނަން މަގުފަހިވާ ކަމަށްވެސް ވިދާޅުވެފައިވެއެވެ. އޭގެ އިތުރުން މީދާ ފަދަ ތަކެތި ގޭގެއަށް ވަންނަ ކަމަށް ބުނެ، ރައްޔިތުންގެ ޝަކުވާތައް ވަނީ ކައުންސިލަށް ލިބިފައި ކަމަށްވެސް ވިދާޅުވެފައިވެއެވެ. ބައެއް މަގުތަކުގައި ހުންނަ ގަސްތަކުގެ ގޮފިތައް އެލި، އެ ގަސްތަކުގެ ގޮފިތަކުގެ ސަބަބުން ދުއްވާ އުޅަނދުފަހަރަށާއި، ފަޔަރ ލޮރީ އަދި އެމްބިއުލާންސަށް އެ މަގުތަކަށް ވަނުމުގައި ދަތިތަކެއް ކުރިމަތިވާ ކަމަށް ވެސް ރައްޔިތުން ބުނެފައިވެއެވެ.
އެހެންކަމުން މާލޭގެ އެކި މަގުތަކާއި އެހެނިހެން ސަރަހައްދުތަކުގައި، ކޮށަންޖެހިފައި ހުރި ގަސްތައް ކޮށައި ސާފުކުރުމުގެ މަސައްކަތް، ރައްޔިތުންނަށް އުނދަގޫނުވާނެހެން އިންތިޒާމް ކޮށްގެން އެކި ވަގުތުތަކުގައި ކުރަމުންދާނެ ކަމަށް ސިޓީ ކައުންސިލުން ވަނީ ވިދާޅުވެފައެވެ. ”މީއީ މާލެ ސިޓީ ކައުންސިލުން އަބަދު ވެސް ކުރަމުން އަންނަ މަސައްކަތެކެވެ. ޝަކުވާ ހުށަހެޅޭ މިންވަރަށް ބަލައި އެ ކަމަށް ޕްލޭންކޮށް މި މަސައްކަތް ކުރިޔަށް ގެންދާކަމަށް އެކައުންސިލުން ވިދާޅުވެފައިވެއެވެ.
”ސިޓީ ކައުންސިލުން އަމިއްލަ ގޮތުން އިސްނަގައިގެން އެއްވެސް ގަހެއް ކޮށުމުގެ މަސައްކަތެއް ނުކުރެއެވެ. އެފަދަ މަސައްކަތެއް ކުރަން ޖެހެނީ ހަމައެކަނި ރައްޔިތުންގެ ފަރާތުން ހުށަހެޅޭ މައްސަލައެއް ނުވަތަ މުޖުތަމަޢުއަށް ދިމާވާ ދަތިތަކެއް ހައްލުކުރުމަށެވެ.“






