މިހާރުގެ ޖީލާއި، އަންނަން އޮތް ޖީލުތަކަށް ޤުދުރަތީ ވެށްޓެއް ޤާއިމް ކުރުމަށް ކްލީން މޯލްޑިވްސް އިން ކުރަމުން އަންނަ މަސައްކަތަކީ ވަރަށް ފުރިހަމަ މަސައްކަތެއް ކަމަށް މާލާސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ. އެހެންކަމުން ތިމާވެށި ހިމާޔަތް ކުރުމަށް ކްލީން މޯލްޑިވްސްއިން ކުރާ މިފަދަ މަސައްކަތްތަކަށް މާލެ ސިޓީ ކައުންސިލުން ދެވެން އޮތް އެއްބާރުލުން ދެއްވާނެ ކަމަށް މޭޔަރު ވިދާޅުވިއެވެ.
މޭޔަރޔ މިހެން ވިދާޅުވީ ކުރިއަށް އޮތްތަނުގައި މާލެ ސިޓީ ކައުންސިލުން ކްލީން މޯލްޑިވްސް އާއެކު ގުޅިގެން މަސައްކަތް ކުރުމަށް އަންގާރަދުވަހު ބޭއްވި ޝްވަރާ ބައްދަލުވުމުގައެވެ.
މި ބައްދަލުވުމުގައި ކްލީން މޯލްޑިވްސްގެ ރައީސް ހަފްޝަތު އަލީމް ވިދާޅުވީ، ކްލީން މޯލްޑިވްސްގެ މަޤްޞަދަކީ، ނާޒުކު ތިމާވެށްޓެއް އޮތް، ދިވެހިރާއްޖެއަށް ހެޔޮ ބަދަލުތަކެއް ގެނައުން ކަމަށެވެ. އަދި ތިމާވެށީގެ މުހިންމުކަމާއި ތިމާވެށްޓާ ގުޅުންހުރި މައްސަލަތަކަށް މީހުން ހޭލުންތެރިކުރުމުގެ މަސައްކަތްވެސް ކުރަމުންދާ ކަމަށް ވިދާޅުވިއެވެ. އޭގެ އިތުރުން ތަޣައްޔަރުވެފައިވާ ތިމާވެށީގެ ސަބަބުން ދިރިއުޅުމަށްކުރާ ނޭދެވޭ އަސަރުތަކާ ބެހޭގޮތުން ހޭލުންތެރިކަން އިތުރުކޮށް، މަޢުލޫމާތު ފަތުރައި، ދެމެހެއްޓެނިވި ގޮތެއްގައި ސާފު ތިމާވެށްޓަކަށް މީހުން އަހުލުވެރިކުރުވުމުގެ މަސައްކަތް ވެސް ކުރަމުންދާ ކަމަށް ހަފްޝަތު ވިދާޅުވިއެވެ.
ހަފްޝަތު ވިދާޅުވި، މާލެ ސިޓީގައި ދިރިއުޅުއްވާ ރައްޔިތުންނަށް ތިމާވެއްޓަށް އަހުލުވެރި ކުރުމުގެ ގޮތުން މީގެ ކުރިން ވެސް މަގުތަކާއި މޫދަށް ކުނި ނާޅަން ދަސް ކޮށްދިނުމަށް އެކި ޕްރޮގްރާމްތައް ގެންދަމުން އަންނަ ކަމަށާއި އަދި ބޭނުން ހިފޭ ކަހަލަ ގިނަ ގަސް، ގަސް ގޭގޭގެ ބެލްކަނީ ގައި އިންދުމުގެ ހަރަކާތައް ކުރިއަށް ރޭވިފައިވާ ކަމަށެވެ. އަދި މިކަންކަން ކުރުމުގައި މާލެ ސިޓީ ކައުންސިލުން ދެއްވި އެއްބާރުލުމަށް މޭޔަރު އާދަމް އާޒިމް އަށާއި ކައުންސިލަރުންނަށް ހަފްޝަތު ވަނީ ޝުކުރު އަދާ ކުރައްވާފައެވެ.






