ރިޔާސީ ވައުދުތަކުގެ މަތީން ހަނދާން އެބަހުރި: ރައީސް

މުހައްމަދު އަލީ
ޖެނުއަރީ 29, 2025

ރިޔާސީ ވައުދުތަކުގެ މަތީން ހަނދާން އެބަހުރި ކަމަށާއި، ކުރިއަށްއޮތީ ތަރައްގީގެ ބައިވަރު މަސައްކަތްތަކެއް ހިނގަމުންދާނެ ދުވަސްތަކެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ހއ. މާރަންދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ ކުޅިވަރުގެ ދާއިރާ ކަމުގައިވިޔަސް، ބަނދަރާއި ރަށްގިރުމުގެ މައްސަލަކަމުގައި ވީ ނަމަވެސް، އުމްރާނީ ކަންކަން ކަމުގައިވިޔަސް، ކުނި މެނޭޖުކުރުމާއި، އިޖުތިމާއީ، ސިއްޙީ އަދި ތައުލީ ދާއިރާއިން ރަށަށް ބޭނުންވާ ކަންކަމުގައި ކުރިއަށްއޮތްތަނުގައި ހަގީގި ކުލަޖެހޭނޭ ކަމަށެވެ.

ރައީސް ވިދާޅުވީ ރިޔާސީ އިންތިޚާބުގައި ވެވަޑައިގެންނެވި ވަޢުދުތައް ފުއްދެވުމުގައި ސަރުކާރުން ސީރިއަސްކަމާއެކު ދެމިއޮންނާނޭ ކަމަށެވެ. މި އަހަރު، މި ކަންކަމަށް އަމަލީ ސިފަ ގެނެސްދެއްވުމަކީ ސަރުކާރުގެ ޕްލޭން ކަމުގައި ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ އެކި ސަބަބުތަކާ ހެދި މިދިޔަ އަހަރު ކުރިއަށް ނުގެންދެވި ހުރި މަސައްކަތްތައްވެސް ބާރު ދުވެލީގައި ކުރިއަށް ގެންގޮސްދެއްވާނެ ކަމަށެވެ.

ރައީސް ވިދާޅުވީ ފެށުމަށްފަހު ހުއްޓިފައި ހުރި މަޝްރޫއުތައްވެސް ކުރިއަށް ގެންދެވޭނެ މަގުތައް ސަރުކާރުން ހޯއްދަވާފައިވާ ކަމަށާ، އެކަންކަންވެސް ކުރިއަށް ގެންދަވާނެ ކަމުގައެވެ. އެގޮތުން ރަށުގެ ބަނދަރުގެ މައްސަލައަށް ފުރިހަމަ ޙައްލެއް ހޯއްދަވައިދެއްވާނެ ކަމުގެ ޔަޤީންކަން މާރަންދޫގެ ރައްޔިތުންނަށް ދެއްވިއެވެ. މީގެ އިތުރުން ރަށުގެ ގިރާ ސަރަޙައްދުގެ މައްސަލައާއި، ސްކޫލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމުގެ މައްސަލައާއި، ޞިއްޙީ މަރުކަޒުގެ ޚިދުމަތް އެކަށީގެންވާ ގޮތެއްގައި ފޯރުކޮށްދިނުމުގައި ހުރި މައްސަލަތަކަށް ޙައްލު ހޯއްދަވައިދެއްވައި، ކުރިއަށް އޮތް ދުވަސްތަކުގައި މާ ލަސްތަކެއް ނުވެ، މަސައްކަތްތައް އަލުން ފަށްޓަވާނޭ ކަމަށް ވެސް ވިދާޅުވިއެވެ.

ވަކި ތާވަލެއްގެ ތެރެއިން ހއ. މާރަންދޫ އަކީ ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރް.ޓީ.އެލް) އިން ޝެޑިއުލް ފެރީ ދަތުރުކުރާ މަންޒިލެއް ކަމުގައި ރަމަޟާން މަސް އައުމުގެ ކުރިން ހަމަޖައްސަވައިދެއްވަން ކަނޑައަޅުއްވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މި ލިޔުމާ ގުޅޭ