ރިޔާސީ ބަޔާން: ރައީސް މުއިއްޒަށް އިދިކޮޅުގެ އަޑު ފަނޑުކޮށް ނުލެވޭނެ: ޝާހިދު

މުހައްމަދު އަލީ
ފެބްރުއަރީ 6, 2025

ރައީސުލް ޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދުގެ ރިޔާސީ ބަޔާން އިއްވެވީ އިދިކޮޅު މެމްބަރުން ގަދަ ބާރުން މަޖިލިހުގެ ތަޅުމުން ނެރެ، މިނިވަންކަމާއެކު އަޑު އުފުލުމުގެ ހުރިހާ ދޮރެއްމެ ބަންދުކޮށްފައި ކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝާހިދު ވިދާޅުވެފައިވަނީ، މީގެ އިތުރުން މިއަދުގެ ރިޔާސީ ބަޔާން އިއްވާފައިވަނީ، އަސްކަރީ ސިފައިން ހަތިޔާރާއެކު މާލޭގެ މަގުތަކަށް ނެރެގެން ކަމަށެވެ. އޭގެ ސަބަބުން ރައްޔިތުން ބޮޑު ބިރުވެރިކަމެއްގެތެރެއަށް ދިޔަކަމަށް ވެސް ވިދާޅުވެފައިވެއެވެ. ރައްޔިތުން ބިރުވެރި ކަމެއްގެ ތެރޭގައި  ބައިތިއްބައިގެން ރައީސް މިއަދު އިއްވެވި ރިޔާސީ ބަޔާނުން ހާމަވީ، ޑިމޮކްރަސީގެ އެންމެހާ އަސާސްތަކެއް ސަރުކާރުން ފުނޑާލަމުން ދާކަން ކަމަށްވެސް ވިދާޅުވިއެވެ.

”ހަމަ އެއާއެކު, ފާއިތުވި އަހަރު ރައްޔިތުންގެ މަޖިލީހަށް ރައީސް މުއިއްޒު އިއްވެވި ރިޔާސީ ބަޔާނުގައި ވީ ވައުދުތައް ރައްޔިތުންނަށް ނުފުއްދަވާ، މިއަދު އާ ވައުދުތަކެއް މަތިމައްޗަށް ވެވަޑައިގެންނެވުމަކީ ގާނޫނު އަސާސީން އެމަނިކުފާނަށް މަތިކޮށްފައިވާ ޒިންމާތަކާއި މަސްއޫލިއްޔަތަށް އެމަނިކުފާނު ވެވަޑައިގެންނެވި ބޮޑު އިހުމާލެއް، ކުރެއްވި ޖެއްސުމެއް،“ ޝާހިދު ވިދާޅުވެފައިވެއެވެ.

ޝާހިދު ވިދާޅުވެފައިވަނީ ކޮންމެ ގޮތަކަށްވިޔަސް ރައީސް މުއިއްޒަކަށް އިދިކޮޅުގެ އަޑު ފަނޑު ކޮށެއް ނުލެވޭނޭ ކަމަށެވެ. މިސަރުކާރު ޒިންމާދާރުކޮށް، ގާނޫނު އަސާސީ ހިމާޔަތް ކުރުމުގައި އެމްޑީޕީ ދެގޮތެއް ނުވެ ދެމި އޮންނާނޭ ކަމަށް ވެސް ވިދާޅުވިއެވެ.

މި ލިޔުމާ ގުޅޭ