ރިޔާސީ ބަޔާން: ވީއައިއޭގެ ޓަރމިނަލް މި އަހަރު އޮކްޓޫބަރުގެ ކުރިން ހުޅުވޭނެ: ރައީސް

މުހައްމަދު އަލީ
ފެބްރުއަރީ 6, 2025

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު (ވީއައިއޭ) ގެ ޓަރމިނަލް މި އަހަރު އޮކްޓޫބަރު މަހުގެ ކުރިން ހުޅުވޭނޭ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި މިއަދު އިއްވި ރިޔާސީ ބަޔާނުގައެވެ.

އެމަނިކުފާނު ވިދާޅުވީ ޖިއޮގްރެފިކަލީ ރާއްޖެ އުފެދިފައި އޮންނަ ގޮތުން، އެއްރަށުން އަނެއްރަށަށް ދަތުރުފަތުރު ކުރުމަކީ، ޒަރޫރީ ބޭނުމަކަށް ވެފައިވާ ކަމެއް ކަމަށެވެ. އެހެންކަމުން، އާންމު ރައްޔިތުންނަށްވެސް ޒަމާނުއްސުރެ އޮތް ދަތުރުފަތުރުގެ ދަތިކަމަށް ޙައްލު ހޯދައިދިނުމަށާއި، ފަތުރުވެރިކަން ރާއްޖޭގައި ކުރިއެރުވުމަށް ވައިގެ ދަތުރުފަތުރުގެ ނިޒާމު ފުޅާކުރުމަށް އެތައް މަސައްކަތްތަކެއް ސަރުކާރުން ކުރިއަށް ގެންދަވާ ކަމަށެވެ.

މި މަސައްކަތުގެ ދަށުން، ހަނިމާދޫ އެއަރޕޯޓާއި، އައްޑޫ ގަން އެއަރޕޯޓް، މިއަހަރު ހުޅުވޭނޭ ކަމަށް ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން މ. މުލީ އެއަރޕޯޓް، އެޕްރީލް މަހު ހުޅުވުމަށް މަސައްކަތް ދަނީ ކުރެވެމުން ކަމަށް ވިދާޅުވިއެވެ. އެމަނިކުފާނުގެ ވައުދުވެފައިވާ ގޮތަށް، ފ. ނިލަންދޫ، ތ. ގުރައިދޫ، ތ. ވިލުފުށި، އއ. މަތިވެރި، ގދ. ކާޑެއްދޫ، ގއ. ވިލިނގިލި، ށ. މިލަންދޫ، ށ. ކޮމަންޑޫ، ށ. ބިލެތްފަހި، ރ. ފައިނު، ހއ. ދިއްދޫ، ރ. އަލިފުށި، ބ. ތުޅާދޫ، ލ. ކައްދޫ އެއަރޕޯޓުގެ މަސައްކަތް، މި އަހަރު އެކި މަރުހަލާތަކުގައި ކުރިއަށް ގެންދަވާނޭ ކަމަށްވެސް ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން، ހދ. ކުޅުދުއްފުށްޓާއި، ށ. ފުނަދޫ އެއަރޕޯޓުގެ ޚިދުމަތް ފުޅާކުރުމަށް ރައީސްގެ ވައުދާ އެއްގޮތަށް މިއަހަރު މަސައްކަތް ފަށާނޭ ކަމަށް ވެސް ވިދާޅުވިއެވެ.

”މީގެ އިތުރުން، ކަނޑުމަގުންވެސް ދަތުރުފަތުރު ކުރުމުގެ ނިޒާމު ފުޅާކޮށް، ހަލުއިކޮށް، ރައްޔިތުންނަށް ލުއިފަސޭހަވާނެ މަގުތައް ފަހިކޮށްދިނުމަކީ ސަރުކާރުގެ ސިޔާސަތު. އެހެންކަމުން، މި އަހަރު ނިމުމުގެ ކުރިން، ރާއްޖޭގެ ހުރިހާ އަތޮޅެއްގައި އާރު.ޓީ.އެލް.ގެ ފެރީ ޚިދުމަތް ދޭން ފަށާނެ،“ ރައީސް ވިދާޅުވިއެވެ. ދެން އެންމެ ފުރަތަމަ އާރު.ޓީ.އެލް ޚިދުމަތް ފެށޭނީ ރ އަތޮޅުގައި ކަމަށް ރައީސް ވިދާޅުވިއެވެ. އެ ޚިދުމަތް އެއަތޮޅުގައު މިއަހަރުގެ ޖޫން މަހު ފަށާނޭ ކަމަށް ވިދާޅުވިއެވެ. އޭގެ ހަމަ ކުޑަ ދުވަސްކޮޅެއް ފަހުން، ޖުލައި މަހުގެ ތެރޭގައި ބ. އަތޮޅުގައި އެ ޚިދުމަތް ފެށިގެންދާނޭ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

 

މި ލިޔުމާ ގުޅޭ