ހުސްވި ފެބުރުވަރީ މަހު މީރާއަށް 2.47 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިއްޖެއެވެ. މި އަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ %5.4 އިތުރު އަދަދެކެވެ. އަދި، ފެބުރުވަރީ 2025 ގައި ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ %5.1 އިތުރު އަދަދެއް ކަމަށް މީރާއިން ވަނީ ބުނެފައެވެ.
މީރާއިން މައުލޫމާތުދިން ގޮތުގައި، ފެބުރުވަރީ 2024 ގައި ލިބުނު އާމްދަނީ އާ އަޅައިބަލާއިރު ފެބުރުވަރީ 2025 ގައި ލިބިފައިވާ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ، ލީސް ޕީރިއަޑް އެކްސްޓެންޝަން ފީ ބަލައިގަންނަން ފެށުމާއި، ކުންފުނިތަކާއި އަމިއްލަ ފަރުދުން ނޫން ފާރާތްތަކުން ނަގާ ޓެކުހުގެ އާމްދަނީ އިތުރުވުމެވެ. މީގެ އިތުރުން، ކުންފުނިތަކާއި އަމިއްލަ ފަރުދުން ނޫން ފާރާތްތަކުން ނަގާ ޓެކުހުގެ ސުންގަޑި ރަސްމީ ބަންދު ދުވަހަކާ ދިމާވުމުގެ ސަބަބުން، ފެބުރުވަރީ މަހުގެ ދެވަނަ ދުވަހުގެ ނިޔަލަށް މުއްދަތު އިތުރުކޮށްފައިވުމަކީ، މި މުއްދަތުގައި ލިބުނު އާމްދަނީ އިތުރުވެފައިވާ ސަބަބެއް ކަމަށް މީރާއިން ވަނީ ބުނެފައެވެ. މީގެ އިތުރުން، ޖަނަވަރީ 2024 އާ އަޅައިބަލާއިރު ޖަނަވަރީ 2025 ގައި ދިވެހިރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ އިންސައްތަ %11.7 އަށް އިތުރުވެފައިވާތީ، ގްރީން ޓެކުހާއި އެއަރޕޯޓް ޓެކުހާއި ފީ ގެ ގޮތުގައި ލިބިފައިވާ އާމްދަނީ ވެސް ވަނީ އިތުރުވެފައެވެ.
ފެބުރުވަރީ 2025 އަށް އަންދާޒާ ކޮށްފައިވާ އާމްދަނީއަށްވުރެ %5.1 އިތުރުވެފައިވާ މައިގަނޑު އެއް ސަބަބަކީ، ލީޒް ޕީރިއަޑް އެކްސްޓެންޝަން ފީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވުމެވެ. މީގެ އިތުރުން، ކުންފުނިތަކާއި އަމިއްލަ ފަރުދުން ނޫން ފަރާތްތަކުން ނަގާ ޓެކުހުގެ އާމްދަނީ އިތުރުވެފައިވުމަކީ، މި މުއްދަތުގައި ލިބުނު ޖުމްލަ އާމްދަނީ އިތުރުވުމުގެ އެއްސަބަބެވެ. މީގެ އިތުރުން، ޖަނަވަރީ 2025 ގައި ލިބިފައިވާ އާމްދަނީގެ 14.8% އަކީ ކުރީގެ މުއްދަތުތަކަށް ޓެކްސް ދައްކާ ފަރާތްތަކުން ދައްކާފައިވާ ފައިސާކަމުން، މިއީވެސް މި މުއްދަތުގައި ލިބުނު އާމްދަނީ އިތުރުވުމުގެ އެއްސަބަބު ކަމަށް މީރާއިން ވަނީ ބުނެފައެވެ.
ފެބުރުވަރީ 2025 ގައި މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީ.އެސް.ޓީއެވެ. އެއީ %49.8 ނުވަތަ 1.23 ބިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ އާމްދަނީ އިން ނަގާ ޓެކުހުންނެވެ. އެއީ 16.3% ނުވަތަ 401.4 މިލިއަން ރުފިޔާއެވެ. މީގެ އިތުރުން ލީސް ޕީރިއަޑް އެކްސްޓެންޝަން ފީގެ ގޮތުގައި 307.2 މިލިއަން ރުފިޔާ (12.4%)، ގްރީން ޓެކުހުގެ ގޮތުގައި 149.7 މިލިއަން ރުފިޔާ (%6.1)، ޑިޕާޗަރ ޓެކުހުގެ ގޮތުގައި 102.4 މިލިއަން ރުފިޔާ (%4.2) އަދި އެއަރޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 98.7 މިލިއަން ރުފިޔާ (%7.2) ލިބިފައި ވެއެވެ.
ފެބުރުވަރީ 2025 ގައި ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 118 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ.