ބޮޑު ތަކުރުފާނު މަގުގެ އުތުރުން މަގު ފުޅާކޮށް ތަރައްގީ ކުރަން އެމްޓީސީސީއަށް

މުހައްމަދު އަލީ
އޭޕްރިލް 10, 2025

މާލެ ސިޓީ ބޮޑުތަކުރުފާނު މަގުގެ އުތުރު ފަރާތް (ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން ލޯކަލް މާރުކޭޓު ސަރަހައްދާ ހަމައަށް) ތަރައްޤީ ކުރުމަށް ސަރުކާރުން އެމްޓީސީސީއާ އިއްޔެ ހަވާލުކޮށްފިއެވެ. މި މަސައްކަތް ހަވާލުކުރުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައި، އެމްޓީސީސީގެ ފަރާތުން މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރ، އަޙުމަދު ސަޢުދީއެވެ. މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ، ޑރ. ޢަބްދުالله މުއްތަލިބެވެ.

މި ސަރަހައްދަކީ، މާލޭގެ އެންމެ ގިނަ މީހުން ބޭނުންކުރާ އެންމެ ބާރުބޮޑު އެއް ސަރަހައްދެވެ. އެ މަގު ފުޅާކޮށް ތާރުއަޅައި ނިމުމުން، އެ ސަރަހައްދުގައި ފަސޭހަކަމާއެކު ދެކޮޅަށް ދަތުރުކުރުމަށް މަގުފަހިވެގެންދާނެއެވެ. އަދި އުޅަނދުފަހަރު ޕާކް ކުރާނެ އިތުރު ޖާގަވެސް ލިބިގެންދާނެ ކަމަށް އެމްޓީސީސީން ބުނެފައިވެއެވެ. މީގެ އިތުރުން، މި މަސައްކަތް ނިމިގެންދާއިރު ފެންހިންދާ ނިޒާމެއްވެސް ޤާއިމުކުރެވިގެންދާނެއެވެ. އޭގެ ސަބަބުން ފެންބޮޑުވާ މައްސަލައަށްވެސް ބޮޑު ހައްލެއް ލިބިގެންދާނެއެވެ.

މިނިސްޓަރު ޑރ. ޢަބްދުالله މުއްތަލިބު ވިދާޅުވީ، މި މަގު ތަރައްޤީކޮށް ނިމޭއިރު، 4 ލޭނެއް އޮންނާނޭ ކަމަށެވެ. އޭގެ ސަބަބުން އުޅަނދު ދުއްވާ ފަރާތްތަކަށާއި ހިނގާފައި އުޅޭ ފަރާތްތަކަށް މަގު ބޭނުންކުރުމުގައި ވަރަށް ބޮޑަށް ލުއިފަސޭހަވެގެންދާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެމްޓީސީސީގެ އެމްޑީ އަޙުމަދު ސަޢުދީ ވިދާޅުވީ މި މަސައްކަތް ސަރުކާރުން ހަވާލުކޮށްފައިވާ ތާރީޚަށްވުރެ އަވަހަށް ނިންމުމަށް މަސައްކަތްކުރައްވާނެކަމަށެވެ. މި މަޝްރޫޢުގެ އަގަކީ، 144.50 މިލިއަން ރުފިޔާއެވެ. މަސައްކަތް ނިންމަން ދީފައިވާ މުއްދަތަކީ 455 ދުވަހެވެ.

މިމަގު ހެދުމުގެ މަސައްކަތް ކުރާނީ ވީހާވެސް ރައްޔިތުންނަށް ދަތި ނުވާނެގޮތަކަށް ބަލައިގެންނެވެ. މި މަޝްރޫއުގެ ދަށުން، 830 މީޓަރުގެ މަގެއް ހަދާއިރު، 737 މީޓަރުގެ ސަރަހައްދެއްގައި ޝީޓް ޕައިލް މަސައްކަތް ކުރާނެއެވެ. އަދި، ތާރު އަޅައި ސަބްބޭސް ތައްޔާރު ކުރުމާއި، ހިނގާ މީހުންނަށް ވަކި ލޭނެއް ގާއިމުކުރުމާއި، ފެންހިންދާ ނިޒާމެއްވެސް ޤާއިމު ކުރާން ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން، ޑްރޭއިނޭޖް ސަރވިސް ލައިން އެޅުމާއި، މަގު ބައްތި ހަރުކުރުމާއި މަގުމަތީ ނިޝާން ހަރުކުރުމުގެ މަސައްކަތްވެސް މި މަޝްރޫއުގެ ދަށުން ކުރާނެއެވެ.

ވޭތުވެދިޔަ 44 އަހަރުތެރޭ އެމްޓީސީސީން ވާނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޢުމްރާނީ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ހިންގައި، ކާމިޔާބުކަމާއެކު ނިންމައިފައެވެ.

މި ލިޔުމާ ގުޅޭ

ކޮމެންޓް ކުރުމަށް

Your email address will not be published. Required fields are marked *