ޤުރުބާނީ (ބާވީސްވަނަ ބައި)

ޤުރުބާނީ (ބާވީސްވަނަ ބައި)

ޝިޔާމާ އަޙްމަދު (ސިޔައްތަ)
އޭޕްރިލް 12, 2025

”ކީއްވެ އަހަރެންގެ ނަމުން އޭނާއަށް ނަންދިނީ؟“ ޝަހާ ކޮންމެވެސް ވަރަކަށް ހިތް ނުތަނަވަސްވާގޮތް ވިއެވެ. ”ސާބަސް ޝަހާ، ވެދާނެއެއްނު ޝަހާގެ ނަން ފައިސަލްއަށް ރީތީ ކަމަށްވެސް. އެއީ ދޯ އަސްލު ސަބަބަކީ ފައިސަލް،“ ޝަހާގެ ހާސްކަން ފިލުވާލަން ފާތުން މަސައްކަތް ކުރިއެވެ. ”އެކަމަކު އަހަރެންނަކަށްވެސް ނުވިސްނުނު ދުނިޔޭގަ އެތައް ބައިވަރު މުސްލިމް ނަންތަކެއް ހުރިއިރުވެސް ޝަހާގެ ނަމުން ފައިސަލްގެ ވައިފްއަށް.. ސޮރީ އެކްސް ވައިފްއަށް ނަން ދޭން ޖެހުނު ސަބަބެއް.“ އަޙްސަންވެސް އިތުރަށް އޮޅުންފިލުވަން ބޭނުންވި ކަހަލައެވެ. ”އަޙްސަން ޕްލީސް. އޭނައަށް މަގޭ އެކްސް ވައިފްގެ ނަމުން މުޚާތަބު ނުކުރައްޗޭ. މިއީ ވަރަށް ބޮޑު ރިކުއެސްޓެއް.“ ފައިސަލްގެ މޫނުމަތިން ފެންނަން ހުރީ މާޔޫސްކަމެވެ. ”އެކަމަކު ފައިސަލް ދެންމެގައެއްނު ތިބުނީ މިހާރު ސިންގަލްއޭ.“ އަޙްސަން ބުނެލިއެވެ. ”އާން. އަހަރެން މިހާރު ސިންގަލްއަކަސް އެއީ މަގޭ އެކްސް ވައިފަށް ނުވެދާނެތާ ދޯ“ އަޙްސަންގެ ވާހަކައަށް ފައިސަލް ރައްދު ދިނެވެ. ”އޯ ކަމޯން ފައިސަލް. އަހަރެން މިހާރު ބޯގޮވަން ފަށައިފި. އިތުރަށް ދިގު ނުދަންމާ ތި ބުނަން އުޅޭ އެއްޗެއް ތަންކޮޅެއް ސާފުކޮން ބުނެލަ ދީބަލަ. ޕްލީސް.“ ތަންކޮޅެއް ހަރުކަށި ގޮތަކަށް އަޙްސަން ބުނެލިއެވެ. އެވަޤުތު ގޮނޑީގައި ހަމަޖެހިލި ގޮތުން ފައިސަލް އޭނާގެ ހަޔާތުގެ ޞަފްޙާތައް ހުޅުވާލަން ތައްޔާރުވި ކަހަލަ އިހުސާސެއް ތިން މީހުންނަށްވެސް ކުރެވުނެވެ. ”ޝަހާ، ފެންތައްޓެއް ލިބިދާނެތަ؟“ ޝަހާއާއި ދިމާއަށް ބަލައިލަމުން ފައިސަލް އަހާލިއެވެ. ”އަޅޭ. މަވެސް ގަމާރުކަން ދޯ. ފައިސަލްއަށް ފެންތައްޓެއްހާ ހިސާބުވެސް ދިއްކޮށްލާކަށް ޚިޔާލެއް ނެތްވިއްޔަ. ސޮރީ ފައިސަލް. ހަމަ މިހާރު މިގެންނަނީ.“ މިހެން ބުނުމާއިއެކު، ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ފެންތައްޓެއް ހިފައިގެން ޝަހާ އަތުވެއްޖެއެވެ. ފެންތަށީގައި ހިފާ އެއްނޭވާއިން ބޯލުމާއިއެކު ތަށި އަނބުރާ ޝަހާ އަތަށް ދެމުން ފައިސަލް، ޝަހާއަށް ޝުކުރު ޢަދާކުރިއެވެ. ޝަހާވެސް ތަށިގައި ހިފުމާއިއެކު، ކައިރިގައި ހުރި ގޮނޑީގައި އިށީންދެލިއެވެ. ފައިސަލް ދައްކަން އެއުޅޭ ވާހަކައިން އެންމެ ތަންފުކެއްވެސް ދޫކޮށްލަން ބޭނުން ނުވާކަހަލަ ގޮތަކަށެވެ.

ފެންތަށި ބޮއެލުމާއިއެކު ވަރަށް ހަމަޖެހިލައިގެން ތިން މީހުންގެ މޫނަށް ވަރަށް ސަމާލުކަމާއިއެކު، ފައިސަލް ބަލައިލިއެވެ. ”އަހަރެން މިހާރު މި ހުޅުވާލަނީ އަހަރެންގެ ޙަޔާތުގެ ޞަފްޙާތައް. ވަރަށް ރަނގަޅަށް އަޑު އަހައްޗޭ. މިވާހަކަތައް ނިމުމާއެކު، ދެން ތިމީހުން ވިސްނާނެ ގޮތަކަށް ވިސްނަންވީ. ނިންމާނެ ގޮތަކަށް ނިންމަންވީ. ކޮންމެ ގޮތަކަށް ވިސްނިޔަސް އަހަރެންގެ އެއްވެސް މައްސަލައެއް ނެތް.“ ފައިސަލްގެ ވާހަކަ ހުރިގޮތުން ހައިރާން ނުވާ އެކަކުވެސް އެތާކު ނެތެވެ. ތިންމީހުން އެކަކު އަނެކަކުގެ މޫނަށް ވަރަށް ރަނގަޅަށް ބަލައިލިއެވެ. ސުވާލުން ފުރިގެންވާ ނަޒަރަކުންނެވެ. ”ފައިސަލްގެ ވާހަކަ އަޑުއަހާފަ ޖަޖު ކުރާނެ ކަމަށް ފައިސަލް އެއްގޮތަކަށްވެސް ނުވިސްނައްޗޭ. އަހަރުމެން މިތިބީ ގާތް ރަޙުމަތްތެރިން ތަކެއްގެ ހައިސިއްޔަތުން ފައިސަލްގެ މާޒީގަ ކަންތައް ވެގެން ދިޔަގޮތް އޮޅުން ފިލުވަން ބޭނުންވެފަ. އޭރުގަ އަހަރުމެން ނެތަސް މިހާރު ފަހަރެއްގަ އެއްވެސް ކަހަލަ އެހީތެރިކަމެއް ފޯރުކޮށްދެވެން އޮތްނަމަ އެކަންވެސް ކޮށްދޭ ގޮތަށް. އަޙްސަން، ފާތުން، ކީކޭ ބުނަނީ؟“. ވަރަށް އޯގާތެރި ކަމާއިއެކު ޝަހާ ފައިސަލްއާއި މުޚާތަބު ކުރަމުން ގެންދިޔައެވެ. ”އެންމެ ރަނގަޅު. ދެންމެގަ އަޙްސަން އަހަރެންގެ އެކްސް ވައިފައޭ ބުނީމަ އެކަމާ އިޢުތިރާޒު ކުރީމެއްނު ދޯ.“ ފައިސަލްގެ ވާހަކަ ވަރަށް ކަނުލާ އަޑުއަހަން ތިއްބެވެ. އަދި ފައިސަލް އެބުނި އެއްޗަކަށް އެއްބަސް ވުމުގެ ގޮތުން ބޯޖަހާލިއެވެ. އެހެނީ ފައިސަލް ދައްކަމުން ގެންދިޔަ ވާހަކައަށް އިތުރަށް ހުރަސް އަޅަން އެތަނުން އެކަކުވެސް ބޭނުން ނުވާ ކަހަލަވެސް މެއެވެ. ”ޙަޤީޤަތުގަ އަހަރުމެން ދެމީހުން ވަކިވީ ކައިވެނި ރޫޅާލައިގެންނެއް ނޫން. އަހަރުމެންގެ ދަރިފުޅަށް ބަނޑުބޮޑުވުމާއެކު ޝަހާގެ ޞިއްޙި ޙާލަތު ވަރަށް ބޮޑަށް ގޯސްވި. އެންމެ ފުރަތަމަ ސްޓޭޖުގަވެސް ދަރިފުޅު އެބޯޓް ކޮށްލަން ޑޮކްޓަރ ލަފާދެއްވަމުން ގެންދެވި. އެކަމަކު ޝަހާ ބޭނުންވީ، އެދަރިފުޅު ދުނިޔެއަށް ގެންނަން. އެކަމަކު ކޮމްޕްލީޓް ބެޑް ރެސްޓަކާއެއްކޮންވެސް ނުވަމަސްދުވަސް ޝަހާ ހޭދަކުރީ ވަރަށް ވޭނުގަ. އަހަރެންވެސް ހުރިހާ ވަޤުތެއް ކަހަލަ ގޮތަކަށް ޝަހާއަށް ދިނިން. އެކަމަކު ލޭބަރ ޕެއިންއާއެކު، ހަށިގަނޑުން ވަރަށް ގިނަ ލޭވެސް ބޭރުވީ. ޝަހާގެ ބްލަޑް ގްރުޕަކީ މުޅި ދުނިޔޭގަވެސް ލިބުން އެންމެ އުދަގޫ ލޭގެ ގްރޫޕް. އޭބީ ނެގެޓިވް. އެތައް މަސައްކަތެއް ކޮށްގެންވެސް ލޭނުލިބުނީ. އެހެންވެ ޝަހާގެ ފުރާނަ ސަލާމަތް ކުރެވޭ ގޮތް ނުވީ. ޝަހާ ދަމުން ދިޔައީ ލޯބި ލޯބި ތުއްތު ދަރިފުޅު އަހަރެންގެ އަތްމައްޗަށް ދޫކޮށްލާފަ.“ ފައިސަލްގެ ވާހަކަ އެހިސާބަށް ދިޔައިރު، ޝަހާ އަދި ފާތުންއަށް އިނީ ރޮވިފައެވެ. ފައިސަލްގެ ވާހަކަ ޝަހާއަށް އަޑުއަހަން ކިތަންމެ އުނދަގޫ ވިޔަސް ގާތް އެކުވެރިއެއްގެ ޙަޔާތުގެ ޞަފްޙާތައް ކުރިމަތީގައި ހުޅުވާލުމުން އެކަމަށް އިހުތިރާމްވެސް ކުރަން ޖެހޭނެތާއެވެ. އެގޮތުގެ މަތިން ޝަހާ ގެންދިޔައީ ކެތްތެރި ކަމާއިއެކު ފައިސަލްގެ ވާހަކަ އަޑު އަހަމުންނެވެ. ޝަހާއަށް އިހުސާސް ކުރެވޭނެ ގޮތް ފާތުންއަށްވެސް އެނގެއެވެ. އެހެނީ ފައިސަލް މުސްލިމު ކުރުވައިގެން ކައިވެނިކުރި މީހަކަށް ޝަހާގެ ނަމުން ނަން ދިން ސަބަބެއް ޚުދު ފާތުންއަކަށްވެސް ނުވިސްނުނެވެ. ވީއިރު، ޝަހާ ވިސްނާނެ ގޮތްވެސް ފާތުންއަށް އިހުސާސް ކުރެވެއެވެ. ”ދެން އެހެންވިއްޔާ އޭރުގަ އޭނަގެ ޢާއިލާގެ މެންބަރުން ކޮބާ؟“ އެވަޤުތު މާޙައުލަށް ވެރިވެފައިވާ ހަމަހިމޭންކަން ނައްތާލީ އަޙްސަންގެ ސުވާލުންނެވެ. ”އަހަރެންނަކީ މުސްލިމަކަށް ވާތީ، ޝަހާގެ ޢާއިލާގެ އެއްވެސް މީހަކު އަހަރުމެންގެ ކައިވެންޏަކަށް ރުހުމެއް ނުދޭ. އެކަމާ ހިތްހަމަ ނުޖެހިގެން ޝަހާ ގެއިން ނިކުމެގެން ދިޔައީ. ލަންޑަންގަ ކައިވެނި ކޮށްގެން އަހަރެން އައީ ޝަހާ ގޮވައިގެން ރާއްޖޭގައި ކައިވެނި ރެޖިސްޓްރީ ކުރަން. އޭރުގަވެސް ތިތަނުން މީހެއްގެ ޚަބަރެއް ވޭތޯ އަހަރެން ވަރަށް މަސައްކަތް ކުރިން. އަހަރެން ބެލި ބެލުމުން އެނގުނީ ޝަހާ އަދި އަޙްސަންވެސް ދިޔައީ ބޭރަށް ކިޔަވަންކަން. ފާތުންވެސް ރަށަށް ބަދަލުވި ކަމާ، އެކްސިޑެންޓެއްގަ ފާތުންގެ މައިބަފައިން ނިޔާވިކަން އެނގުނު. އެކަމަކު އޭރުގަ މާގިނަ ދުވަހަކު މިކޮޅަކު މަޑެއް ނުކުރަން. މަވެސް ކޮލެޖް ނިންމާލާފަ އެކޮޅުގަ ބިޒްނަސް ސެޓްކުރަން ތައްޔާރު ކޮށްފަ ހުރީމަ މާ ގިނަ ދުވަހު މަޑުކުރެވެން ނެތީ. ތިމީހުންގެ ޚަބަރެއް ލިބޭތޯ ބަލަންވެގެން އަހަރެން ގުޅީ ޝަހާ ހޯދަން މިގެއަށް. ޝަހާ މަންމަގެ ފަރާތުން މިހުރިހާ މަޢުލޫމާތެއްވެސް އޮޅުންފިލީ.“ ”ސޮރީ ފައިސަލް. ފައިސަލްގެ ޙަޔާތުގަ ތިހާ ބޮޑު ތޫފާނަކާ ކުރިމަތިލާން ޖެހިފަ އޮތްކަމެއް އަހަރުމެންނަކަށް ނޭންގެ. އަސްލުވެސް ވަރަށް ދެރަވެއްޖެ.“ ފައިސަލްގެ ކޮނޑުގައި ވަރަށް އޯގާތެރިކަމާއެކު އަތް ބާއްވާލަމުން އަޙްސަން ބުނެލިއެވެ. ”އިޓްސް އޯކޭ އަޙްސަން. އޭގެ ފަހަކުން އަހަރެންނެއްވެސް ޚަބަރެއް ނުވަމެއްނު ދޯ. އެހެންވީމަ އެކަކަށްވެސް ކަންވީގޮތެއް ނޭންގޭނެތާ ދޯ.“ ”ދެން އެހެންވިއްޔާ މިހާރު ކޮބާ ދަރިފުޅު؟ އޭނަ ބަލަހައްޓަނީ ކާކު؟“ ފައިސަލްގެ ދަރިފުޅާއި ބެހޭގޮތުން ފާތުން ސުވާލުކޮށްލިއެވެ. ”އަހަރެންގެ ދަރިފުޅު އަތަށް އެރުމާއިއެކު، ގޮތް ހުސްވެފަ ހުރި ކަހަލަ އިހުސާސެއް އަހަރެންނަށް ކުރެވުނު. ދެން ހަދާނީ ކިހިނެއްބާއޭވެސް ހިތަށްއެރި. އިތުރު އެއްވެސް މީހެއްގެ އެހީތެރިކަމެއް އޭރަކު ނުލިބޭނެތާ ދޯ. އަހަރެންގެ ކެރިޔަރގެވެސް ކުރީކޮޅު. ވިޔަފާރިވެސް ވަރަށް ރަނގަޅަށް ކުރިއަރަމުން ދިޔައީ. އެކަމަކު މަގޭ ބެކްބޯން މަގޭ އަތުން ގެއްލިގެން ދިޔައީ. އަހަރެންގެ ވިޔަފާރިޔާ ދިރިއުޅުމުގެ ހުރިހާ ކަމެއްގަވެސް ޝަހާގެ އެހީތެރިކަމާ އެއްބާރުލުން ވަރަށް ފުރިހަމައަށް ލިބެމުން ދިޔަ. އެހެންވީމަ، ޝަހާ ނެތިގެން ދިޔުން އެއީ އހަރެންގެ މުޅި ދުނިޔެ ފަނާކޮށްލި ކަހަލަ ކަމަކަށް ވެގެން ދިޔައީ. އެހެންވީމަ ދެން ވަކި ހަދާނީވެސް ކިހިނެއް؟“ ވަރަށް ސީރިޔަސް ކަމާއިއެކު، ފައިސަލްގެ ޙާލަތު ކިޔައިދެމުން ގެންދިޔައެވެ. ”ދެން މަންމަމެންނަކަށް ނުގުޅަންތަ؟“ ޝަހާ އަހާލިއެވެ. ”ނޫނޭ. ދެން ހަދާނެ ގޮތަކާމެދު ޚިޔާލު ހޯދާލަން މަންމަ އަދި ބައްޕަޔާ ގުޅީ. އެމީހުން ބެލީ ވީ އެންމެ އަވަހަކަށް އަހަރެން ކައިރިޔަށް އާދެވޭތޯ. ތިން އަހަރު ވަންދެން މަންމަ އަހަރެންގެ ކައިރީގައި ލަންޑަންގަ ހުރި. އަހަރެންގެ ދަރިފުޅު ބެލެހެއްޓީވެސް މަންމަ. ބައްޕަވެސް ދޭތެރެ ދޭތެރެއިން އާދޭ. އޭގެ ފަހުން ދަރިފުޅަށް ތިން އަހަރު ފުރުނީމަ، ދަރިފުޅު ގޮވައިގެން މަންމަ މާލެއަށް ބަދަލުވީ. އިސްލާމީ ރަނގަޅު ތަރުބިއްޔަތެއް ދެވޭނީ މާލޭގަ ބަހައްޓައިގެންނޭ ކިޔާފަ. މަންމަމެންގެ ވިސްނުން ހުންނާނީވެސް އެހެންތާ ދޯ. ދެން އަހަރެން ދޭތެރެ ދޭތެރެއިން ދެތިން ދުވަހަށް މިކޮޅަށް ވިޒިޓް ކުރަމުން ގެންދިޔައީ. މާގިނަ ދުވަހު އެހެން ނޫޅެވޭނެތީ މިހާރުދެން މާލޭކޮޅަށް މި ބަދަލުވީ.“ މުޅި މާޙައުލަށް ހަމަހިމޭންކަން ވެރިވެގެން ދިޔައެވެ. އެއްވެސް މީހަކަށް ބުނާނެ އެއްޗެއްވެސް ނޭންގުނު ކަހަލައެވެ. ”މިހާރު ދަރިފުޅުގެ ޢުމުރުން ކިހާވަރެއް؟“ މާޙައުލުގެ ހަމަހިމޭންކަން ނައްތާލީ ފާތުން ކުރި ސުވާލުންނެވެ. ”މިހާރު ސާދަ އަހަރު.“ ފައިސަލްގެ ޖަވާބާއިއެކު، ވާހަކައިގެ މިސްރާބު މުޅިން އެހެން ދިމާލަކަށް ދާކަހަލަ ސުވާލެއް ޝަހާ ކޮށްލިއެވެ. ”ފައިސަލް އެއްޗެކޭ ހީނުކޮށް އަހަރެން ކުރާ ސުވާލަކަށް ތެދުތެދަށް ޖަވާބު ދީފާނަންތަ؟“ އަޙްސަން އަދި ފާތުންއަށް ޝަހާ ކުރަން އުޅޭ ސުވާލު އެނގުނު ކަހަލައެވެ. އެހެން ނަމަވެސް އެދެމީހުންކުރެ އެކަކުވެސް އިތުރު އެއްޗެކޭ ބުނުމުގެ ކުރިން ސުވާލުކުރުމުގެ ހުއްދަ، ފައިސަލްގެ ފަރާތުން ޝަހާއަށް ލިބިއްޖެއެވެ. ”ޝަހާ ތިކުރަން އުޅޭ ސުވާލެއް ކޮށްބަލަ.“ ފައިސަލްގެ ރައްދު ހުރިގޮތުން، އޭނާއަށްވެސް ކޮންމެވެސް އެއްޗެއް ރެއަކާއި ލައިފިކަން ފާތުން އަދި އަޙްސަންއަށްވެސް އެނގިއްޖެއެވެ. ”އަހަރެންނަށް ކިޔާ ނަމުން ފައިސަލްގެ ވައިފްއަށް ނަން ދިނީ ކީއްވެތޯ ބުނެލަދީފާނަންތަ؟“ އެކަން އޮޅުންފިލުވަން ޝަހާ ކިތަންމެ ބޭނުންވެފައި އިން ކަމުގައި ވީނަމަވެސް އެސުވާލުކުރީ ވަރަށް ޖެހިލުންވެ އިނދެގެންނެވެ. ”ތީ އަހަރެންނަށް ޖަވާބުދޭން އެހާ ފަސޭހަ ސުވާލެއް ނޫން ޝަހާ. ޙަޤީޤަތަށް ބުނަންޏާ، ތި ސުވާލުގެ ޖަވާބު ދޭނެ ގޮތެއްވެސް އަހަރެންނަކަށް ނޭންގެ. އެކަމަކުވެސް އިންޝާﷲ ކޮންމެވެސް ދުވަހަކުން ޝަހާއަށް އޭގެ ޖަވާބު އެނގޭނެ.“

ހަތަރު ރަޙުމަތްރިންގެ ވާހަކަ މިހާހިސާބަށް ދިޔަ ވަޤުތު، ޝަހާގެ މަންމަ އަދި ފާތުންގެ ބޮޑުދައިތަ ހައްވަ، އެތަނަށް އަތުވެއްޖެއެވެ. ޝަހާ މަންމަގެ ކަންބޮޑުވުމަކީ، ފާތުން މާގިނައިރު ވަންދެން އެއްތަނެއްގައި އިށީންދެގެން އިނުމެވެ. ހޮސްޕިޓަލުން ގެއަށް އައިގޮތަށް އެއްވެސް ވަރަކަށް އަރާމުކޮށްނުލާ، އެއިންތާ އިނުމުން ފާތުންގެ ޙާލަތަށްވެސް ރަނގަޅު ނުވާނެތީއެވެ. ”ފާތުމަތު ދަރިފުޅާ ދެން ހިނގާ ކޮންމެސް އެއްޗެއް ކާލައިގެން އަރާމުކޮށްލަން ދޯ. މިހާރު ތިހެން އިންނަތާ މާގިނައިރު ވެއްޖެ. ޝަހާ ދަރިފުޅުމެންވެސް ދެން ހިނގާ ކާން. އެހުރީ ކާން ހަދާފަ. އަޙްސަން އަދި ފައިސަލްވެސް ނުކައި ގޮސްގެން ނުވާނެ. ”ވަރަށް ބޮޑަށް ޝުކުރިއްޔާ ޝަހާ މަންމާ، އެކަމަކު މިވަޤުތަކު މަޑުކުރެވޭކަށް ނެތް. މިހާރުވެސް މާލަސްވެއްޖެ. އަހަރެންގެ ދަރިފުޅު އިންނާނެ އަހަރެން ގެއަށް ދަންދެން ނުކައި. އެހެންވީމަ ކޮންމެހެންވެސް މިގަޑީގަ ގެއަށް ދާން ޖެހޭނެ.“ ފައިސަލް އެހެން ބުނުމުން ޝަހާ މަންމަ ކޮންމެވެސް ވަރަކަށް ހައިރާންވާގޮތް ވިއެވެ. އެހެންނަމަވެސް ޝަހާގެ ޢުމުރުގެ މީހަކު އޭނާގެ ދަރިފުޅެއްގެ ވާހަކަ ބުނުމަކީ ކޮންމެހެން އާދަޔާ ޚިލާފު ވާހަކައަކަށް ހަދައިގެން ނުވާނެކަންވެސް ޝަހާގެ މަންމައަށް ވިސްނެއެވެ. އެހެންކަމުން ޝަހާ މަންމަ އެކަމާއި ބެހޭގޮތުން އެއްވެސް ސުވާލެއް ކުރާކަށް ގަސްތެއް ނުކުރެއެވެ. ”އަހަރެންވެސް ދެން މިވަޤުތު ގޮސްލާނަން އިނގޭ. ކޮފީއަށް ދެވޭނެ ގަޑިއެއް ހަމަޖެހުނީމަ އަންގާލާ އިނގޭ ޝަހާ.“ އަޙްސަން ބުނެލިއެވެ. މީގެ އިރުކޮޅެއް ކުރިން ކޮފީއަކަށް ދާން އަޙްސަން ދަޢުވަތު ދިންކަން ޝަހާ އަދި ފާތުންވެސް ހަނދާންވީ އަޙްސަން އެހެން ބުނުމުންނެވެ. ވާނީވެސް އެހެންތާއެވެ. ސަތާރަ އަހަރު ފަހުން އެމީހުންގެ ގާތް އެކުވެރިޔަކު ބައްދަލުވެ، އޭނާގެ ޙަޔާތުގެ ހިތްދަތި ޞަފްޙާތައް ހުޅުވާލުމުން ދެން އެއްވެސް އެއްޗެއް ހަނދާނެއް ނުހުންނާނެތާއެވެ. ”އާން ކޮފީ ދޯ. ފާތުންނާ ދެމީހުން ޑިސްކަސް ކޮށްލާފަ އަންގާލާނަން އިނގޭ.“ އަޙްސަންގެ އެ ހުށައެޅުމަށް ސިއްސައިގެން ގޮއްސަ ހުރިކަހަލަ މޭރުމަކުން ޝަހާ ޖަވާބު ދިނެވެ. އެންމެ ރަނގަޅޭ ބުނެ އެއްބަސް ވުމަށްފަހު، އަޙްސަން އަދި ފައިސަލް ގެއަށް ދިއުމަށް ހިނގައިގަތެވެ.

ޝަހާގެ ގެއިން ބޭރަށް ނިކުމެ، ދޮރުމަތީގައި ކުޑައިރުކޮޅަކު ދެރަޙުމަތްތެރިން މަޑުކޮށްލިއެވެ. އެވަޤުތު އެތައްހާސް ސުވާލެއް ފައިސަލްގެ ހިތާއި ސިކުނޑީގައި ދައުރުވަމުން ދިޔައެވެ. އެންމެފަހުން ކެތް ނުވެގެން އަޙްސަންއާއި ސުވާލުކުރުމަށް ފައިސަލް ގަސްތުކުރިއެވެ. ”އަޙްސަން، އަހަރެންގެ ހިތާ ސިކުޑީގަ ދައުރުވަމުން މިދާ އަރަތުގެ ޖަވާބު އޮޅުން ފިލުވާލަ ދީބަލަ.“ ފައިސަލް ދައްކަން އެއުޅެނީ ކޮން ވާހަކައެއްކަން އަޙްސަންއަށް ވަރަށް ރަނގަޅަށް އެނގެއެވެ. އެހެނީ އަޙްސަންގެ ޙަޔާތުގެ ލޯބީގެ ޞަފްޙާތަކުގައި ލިޔެވިފައި އޮތީ ކޮންކަހަލަ ފަސާނާއެއްކަން އެންމެ ރަނގަޅަށް އެނގޭނެ މީހަކީ ފައިސަލްއެވެ. ފާތުންއަށް ޓަކައި އަޙްސަންގެ ހިތް ޤުރުބާން ކުރިގޮތާއި، ޝަހާގެ ހިތުގައި އަޙްސަންއަށް ދެވިފައިއޮތް ޤަދަރާއި ލޯބި، އަދި އަޙްސަންގެ ލޯބީގެ ހުށައެޅުމަށް ފާތުން އިންކާރުކުރި ޙަޤީޤީ ސަބަބަކީވެސް ފައިސަލްއަށް ފޮރުވިފައިވާ ކަންތައްތަކެއް ނޫނެވެ. އެހެންނަމަވެސް ސްކޫލްދައުރު ނިމި، މަތީ ތަޢުލީމު ޙާޞިލުކުރުމަށް ޓަކައި ފައިސަލް ރާއްޖެ ދޫކޮށް ފުރައިގެން ދިއުމަށްފަހު، ދެން ކަންތައް ވެގެންދިޔަ ގޮތުގެ މާބޮޑު ތަފްޞީލެއް ފައިސަލްއަކަށް ލިބިފައެއް ނުވެއެވެ. އޭގެ ފަހުން ތިން މީހުން އަލުން ގުޅުނު ގޮތާއި، ފާތުންގެ ޙަޔާތުގައި ހިނގާގޮސްފައިވާ ކަންކަމާއި، ޝަހާގެ ގޭގައި ފާތުންއަށް އުޅެން ޖެހުނު ސަބަބުވެސް ފައިސަލް އޮޅުންފިލުވަން ބޭނުންވާ ކަހަލައެވެ. ”ތީ ވަރަށް ދިގު ވާހަކައެއް. މިތާ މަގުމަތީގަ ހުރެގެން ދެއްކޭ ކަހަލަ ވާހަކައެއް ނޫން ތީކީ. ހިނގާ ކޮންމެސް ވަޤުތެއް ހޯދާލައިގެން ބައްދަލުވެލަން ދޯ“ އަޙްސަން ބުނެލިއެވެ. ”އެންމެ ރަނގަޅު. މިކޮޅުގަ އަހަރެންގެ ބިޒްނަސް ސެޓްކުރަން އަދި ވަޤުތުކޮޅެއް ނަގާނެ. މިދުވަސްކޮޅު އަހަރެން މިހުރީ ވަރަށް ފްރީކޮން. އެހެންވީމަ، އަޙްސަން ފްރީވާ ވަޤުތަކުން އަންގާލާ. އަހަރެން ހޭވައްލާ ތައްޔާރު.“ ފައިސަލް އޭނާގެ ސްޓައިލްގައި އަޙްސަންއަށް ޖަވާބު ދިނެވެ. ”އޯކޭ އެހެންވީމަ މަ ގުޅާނަން. ގެނޭ ނަންބަރު.“ މިހެން ބުނެ އަޙްސަން އޭނާގެ ޖީބުން ފޯނު ނަގާ، ފައިސަލްގެ ނަންބަރު ޖެހުމަށް ތައްޔާރު ވެލިއެވެ. ފައިސަލް އޭނާގެ ނަންބަރު ކިޔައިދިނުމަށްފަހު އަޙްސަންގެ ނަންބަރު ދިނުމަށް އެދުނެވެ. އަޙްސަން އޭނާގެ ވޮލެޓުން އޭނާގެ ވިޒިޓިންގ ކާޑެއް ނަގާ، ފައިސަލްއަށް ދިއްކޮށްލިއެވެ. ފައިސަލް އެކާޑުގައި ހިފާ، އޭގައިވާ މަޢުލޫމާތު ކިޔާލިއެވެ. ”އޯ. ކްރިމިނަލް ކޯޓުގެ އިސް ޣާޒީ!! ނޮޓް ބޭޑް. މަރުޙަބާ އެކުވެރިޔާ.“ މިހެން ބުނުމާއިއެކު އަޙްސަންގެ ގައިގާ އުފަލުން ބައްދާލިއެވެ. އަޙްސަންވެސް ފައިސަލްއަށް ޝުކުރު އަދާކުރުމަށްފަހު، ދެމީހުންވެސް ދެމީހުންގެ ކާރުގައި، އެމީހެއްގެ މަންޒިލާއި ދިމާއަށް ދަތުރު ފެށިއެވެ.

އަނެއްކޮޅުން ޝަހާގެ ދެމައިންނާއި، ފާތުންގެ ބޮޑުދައިތަގެ ދެމައިންނާއި، ފާތުން ގޭގެ ސިޓިންގ ރޫމުގައި މަޑުކޮށްލައިގެން ތިއްބެވެ. ކައި ނިމިގެން އެހާ އަވަހަށް ނިދަން ދާން ބޭނުން ނުވުމާއިވެސް އެކުގައެވެ. ކުޑައިރުކޮޅަކު އެހެން އިނުމަށްފަހު، ޝަހާ މަންމަ އެދެމީހުންނާއި ސުވާލެއް ކޮށްލިއެވެ. ފައިސަލްއާއި ބެހޭގޮތުންނެވެ. އެހެނީ، ފައިސަލްގެ ކުއްޖަކު ހުންނަކަމެއް ޝަހާގެ މަންމައަކަށް ނޭންގެއެވެ. ދެއެކުވެރިން ވެގެން ކޮންމެވެސް ވަރަކަށް ފައިސަލްގެ މަޢުލޫމާތު ޝަހާގެ މަންމައަށް އޮޅުންފިލުވައިދިނެވެ. އެދެމީހުންގެ ވާހަކަ އަޑުއަހާފައި، ޝަހާ މަންމަވެސް ވަރަށް ދެރަވިއެވެ. ތިން މީހުންގެ ވާހަކަ އެހާ ހިސާބަށް ދާންވާއިރަށް ފާތުންއަށް ކޮންމެވެސް ވަރަކަށް ވަރުބަލިކަން އިހުސާސް ކުރެވެން ފެށިއެވެ. އަދި އާފުރޭގޮތްވެސް ވިއެވެ. ”ޝަހާ ދަރިފުޅާ، ދެން ދޭ ފާތުމަތު ގޮވައިގެން އޭނަގެ ކޮޓަރިއަށް. ހުރިހާ އެއްޗެއް ރަނގަޅަށް ދައްކާ ހަދާތި. އަދި އިތުރު އެއްވެސް އެއްޗަކަށް ބޭނުންވަންޏާ ފާތުމަތުވެސް ޝަހާ ކައިރީގަ  ބުނާތި. ހައްވަ ހިނގާ އަހަރެންނާއެކު އަހަރެންގެ ކޮޓަރިއަށް. އެކުދިން ބޭނުންވާނެ އެކަނިވެލަން. އަޙްމަދުގެ ކޮޓަރިވެސް ޝަހާ ދައްކާތި އިނގޭ.“ ޝަހާ މަންމަ ވަރަށް ރަނގަޅަށް  އިރުޝާދު ދެމުން ގެންދިޔައެވެ. ޝަހާގެ އެހީތެރިކަމާއިއެކު، ފާތުންވެސް ގޮނޑިން ތެދުވެގެން ކޮޓަރިއާއި ދިމާއަށް މިސްރާބު ޖެހިއެވެ. ޝަހާގެ ގޭގައި ފާތުންއަށް ޚާއްޞަ ކޮށްފައިވާ ކޮޓަރިއަށް ދިއުމާއެކީ، ފާތުންގެ ދެލޯ ދިޔައީ  ތަރަތަރަ ޖަހައިގެންނެވެ. އެކޮޓަރި ފާތުންއަށް ޓަކައި ތައްޔާރު ކޮށްފައިވާލެއް ފުރިހަމަކަން ފެނިފައެވެ. ފާތުން ވަޤުތުން ފެންކަޅިވިއެވެ. މިފަދަ އަޅާލުމަކާއި އޯގާތެރިކަމެއް އެއްވެސް މީހެއްގެ ފަރާތުން ފާތުންއަށް މިލިބެނީ ޒަމާންތަކަކަށް ފަހުގައެވެ. ފާތުންގެ ކުރިމަތިން އެވަޤުތު ފެންނަން ފެށީ، އޭނާގެ މަންމައާއި ބައްޕަ، އޭނާގެ ޙަޔާތުގައި ހޭދަކުރި ދުވަސްތަކެވެ. މިއަދު ޝަހާ އަދި އޭނާގެ މަންމަގެ ފަރާތުން މިފެންނަނީ އެކަހަލަ އަޅާލުމާކާއި އޯގާތެރިކަމެކެވެ. ވާނީވެސް އެހެންތާއެވެ. އެހެނީ، މިފަދަ ގޮތަކަށް ފާތުންގެ މައިބަފައިން ފާތުންއަށް ޚިދުމަތްކޮށްދިން މަންޒަރު އެންމެ ގާތުން ފެންނާނީވެސް ޝަހާގެ ދެމައިންނަށެވެ. ވީއިރު، އެކަން އެގޮތަށް ކުރަން އެންމެ ރަނގަޅަށް އެނގޭނީވެސް އެދެމައިންނަށެވެ. ”ތެންކްޔޫ ޝަހާ.“ ޝަހާގެ ދެއަތުގައި ވަރަށް އޯގާތެރިކަމާއިއެކީ ހިފާލަމުން ފާތުން ބުނެލިއެވެ. ”އަހަރެން ހިއެއް ނުކުރަން ދެން ދުވަހަކުވެސް މިފަދަ ދުވަހެއް އަހަރެންގެ ހަޔާތުން ފެންނާނެ ކަމަކަށް.“ ފާތުންގެ ދެލޯ ފެންކަޅި ވެފައިވާ މަންޒަރު ޝަހާއަށް ފެނުނެވެ. ”ޔޫ އާރ ވެލްކަމް މައި ޑިޔަރ.“ ވަރަށް އޯގާތެރިކަމާއިއެކު ހިނިތުން ވެލަމުން ޝަހާ ރައްދު ދިނެވެ. ”ދެން ތިހާ ޖަޒުބާތީ ނުވިޔަކަސް ރަނގަޅުވާނެ. ފާތުނައަށް އެނގޭ ދޯ މަމީ ކާކުކަން.“ ފާތުން ޝަހާއަށް ޝުކުރު އަދާކުރުމަކީ، އެއްއިރަކުވެސް ޝަހާ އެހާ ހިތްހަމަޖެހޭ ކަމެއް ނޫނެވެ. އެކަން ފާތުންއަށްވެސް އެނގެއެވެ. އެހެންނަމަވެސް ޙާލަތުގެ ގޮތުން ޝަހާވެސް ފާތުންގެ ޝުކުރު މިފަހަރު ބަލައިގަތީއެވެ. ފާތުންގެ ހިތްހަމަ ޖެހުމަށް ޓަކައެވެ. ހަމަ އެއާއިއެކު، ޝަހާއަކީ ފާތުނަގެ ކާކުކަން ހަނދާންވެސް ކޮށްލަދިނީއެވެ. އެހެންނަމަވެސް ޝަހާ އެކުރި ސުވާލުގެ ޖަވާބުގައި ފާތުން ކޮށްލީ ސަމާސާއެކެވެ. ”އާން ތީ ޑޮކްޓަރ ޢާއިޝަތު ޝަހާ ޝަރީފް.“ ފާތުންގެ ޖަވާބާއިއެކު ދެ އެކުވެރިން އެއްފަހަރާ ހޭން ފެށިއެވެ. ”އޭދެން މާގިނައިން ސަކަރާތް ނުޖަހާ ރެސްޓް ކޮށްލަން އުޅޭ. ދެން ބާކީ އޮތްބައި ކުރިއަށް ގެންދާނީ މާދަމާ. އިންޝާﷲ.. އަހަރެން މިދަނީ އަޙްމަދުކޮއްކޮއަށް އޭނަގެ ކޮޓަރި ދައްކަން.“ ޝަހާ ބޭނުންވީ ދެން އިތުރު ވަޤުތު ނުނަގާ، ފާތުންއަށް އަރާމުކުރަން ވަޤުތު ދޭށެވެ. އަދި އިތުރު އެއްޗަކަށް ބޭނުންވާނަމަ އަންގާލުމަށް ބުނެ އެކޮޓަރިން ނިކުމެގެން ޝަހާ ދިޔައީއެވެ.

ޝަހާ ދިއުމުން ފާތުންވެސް މަޑުމަޑުން ގޮސް އެނދުގައި އިށީނދެލިއެވެ. އެވަޤުތު ފާތުންގެ ހިތާއި ސިކުނޑީގައި ދައުރުވަމުން ދިޔައީ ކޮންކަހަލަ ޚިޔާލުތަކެއް ކަމެއް ޚުދު ފާތުންއަކަށްވެސް ނޭންގުނެވެ. އެއީ ޚުދު ފާތުންގެ މާޒީގެ ދުވަސްތައް ކަމެއް، ނުވަތަ މީގެ އިރުކޮޅެއް ކުރިން ފައިސަލް ދެއްކި ވާހަކަތައް ކަމެއްވެސް ފާތުންއަކަށް ނޭންގުނެވެ. ނުވަތަ ކުރެވެމުން އެދާ ޚިޔާލުތައް ގުޅިފައިވަނީ އަޙްސަންއާއި ކަމެއްވެސް އަމިއްލަ ނަފްސަށް ބުނެދޭން ނޭނގުނު ކަހަލައެވެ. ކޮންމެއަކަސް މަސްހުނިވެފައިވާ ޚިޔާލުތަކެއް ފާތުންގެ ހިތާއި ސިކުނޑި ވަށާލިކަހަލަ އިހުސާސްތަކެއް  ކުރެވެމުން ދިޔައެވެ. އެވަޤުތު ފާތުންގެ ފޯނު ރިންގުވި އަޑަށް ކޮންމެވެސް ވަރަކަށް ސިއްސައިގެންގޮސް ފޯނާއި ދިމާއަށް ބަލައިލެވުނެވެ. ފޯނުގެ ޑިސްޕްލޭއިން ދައްކަނީ އަޙްސަންގެ ނަމެވެ. އެއްވެސް އިޚްތިޔާރަކާއި ނުލާ، ފާތުންއަށް  އެކޯލަށް އިޖާބަ ދެވިއްޖެއެވެ. ފާތުންގެ ދުލުން އެއްވެސް އެއްޗެއް ނުބުނެވި އުޅެނިކޮށް އަނެއްކޮޅުން އަޙްސަންގެ އަޑު އިވިއްޖެއެވެ. ”އައްސަލާމު ޢަލައިކުމް.“ އަޙްސަން ސަލާމް ގޮވާލިއެވެ. ”ވަޢަލައިކުމް ސަލާމް.“ ވަރަށް މަޑުމައިތިރި އަޑަކުން ފާތުންވެސް އަޙްސަންގެ ސަލާމުގެ ޖަވާބު ދިނެވެ.

  • ނުނިމޭ –

މި ލިޔުމާ ގުޅޭ

ކޮމެންޓް ކުރުމަށް

Your email address will not be published. Required fields are marked *