”އެއްވެސް ކަމަކުތަ ތި ގުޅީ؟“ އަޙްސަންއާއި ވާހަކަ ދައްކަން ވަރަށް ބޮޑަށް ބޭނުންވެފައި ހުރިކަހަލަ ރާގަކަށް ފާތުން ސުވާލުކޮށްލިއެވެ. ”ނޫނޭ، މާބޮޑުކަމެއް ނުވޭ. ހަމަ ހާލު ބަލައިލަން ބޭނުންވީ. މިއަދު ހޮސްޕިޓަލުން އައިގޮތަށް އެހާ ގިނައިރު އިނީމަ ވަރަށް ވަރުބަލިވެފަ ކަހަލަ ގޮތަކަށް ފެންނަން އިނީ. އެހެންވެ ބަލައިލީ.“ ފާތުންގެ ސުވާލަށް ވަރަށް ތަފްސީލީ ޖަވާބެއް އަޙްސަން ދިނެވެ. އެހެނަސް އަނެއްކޮޅުން ބުނާނެ އެއްޗެއް ނޭންގިފައި އިން ކަހަލައެވެ. އެހެނީ ރައްދުގައި ފާތުންގެ ފަރާތުން އެއްވެސް ކަހަލަ ޖަވާބެއް ނުލިބުނީތީއެވެ. އަދި ކުޑަ ހިނދުކޮޅަކަށް ދެފަރާތުގައިވެސް އޮތީ ހަމަހިމޭންކަން ވެރިވެފައެވެ. ”ހަލޯ!“ ވަރަށް ކަންބޮޑުވެފައި ހުރެ އަޙްސަން ގޮވާލިއެވެ. އެހެނީ ފާތުންއަށް ކުޑަވެސް ނޭދެވޭ ކަމެއް ވުމަކީ، އަޙްސަންގެ ހިތް ރުހޭނެ ކަމެއް ނޫނެވެ. ”އާން ހަލޯ.“ ސިއްސައިގެން ދިޔަކަހަލަ ރާގަކަށް ފާތުން ޖަވާބު ދިނެވެ. ”ކީއްވެ އެއްވެސް އެއްޗެކޭ ނުބުނެ ތިހުރީ؟“ އަނެއްކާވެސް އަޙްސަން ސުވާލު ކުރިއެވެ. ”އަހަރެން ކީކޭ ބުނާނީ؟ އަސްލު ވާހަކަ ދައްކަން ޖެހޭނީ އަޙްސަން ދޯ. އެއީ އަޙްސަން އިސްވެ ކުރި ކޯލެއްމީ. އެހެންވީމަ އަހަރެން ޤަބޫލު ކުރަނީ އަޙްސަން ކޮންމެސް ވާހަކައެއް ދައްކަން ބޭނުންވީމައޭ ގުޅާނީ.“ ވާހަކަ ނުދައްކާ ހުރި ސަބަބު ފާތުން ބުނެދިނެވެ. ”އަހަރެން ދައްކަން ބޭނުން ވާހަކަ ވަރަށް ގިނަ. އެކަމަކު އޭގެތެރެއިން ގިނަ ވާހަކަތާކާ ފާތުން ނުރުހޭނެކަން އަހަރެންނަށް ވަރަށް ރަނގަޅަށް އެނގޭ. އެކަމަކުވެސް ފާތުންގެ އަޑު އަހާނުލާ ހިތްހަމަ ނުޖެހުނީމަ މި ގުޅާލީ.“ އަޙްސަންގެ ހިތުގެ ޝުޢޫރު ފާތުން ކުރިމައްޗަށް އޮއްސާލަން ބޭނުންވި ކަހަލައެވެ. ”އަޙްސަން ދައްކަން ބޭނުންވާ ވާހަކަ އަޑު އަހާލެވިދާނެ. އެކަމަކު އަޙްސަންއަށްވެސް ވިސްނެން ޖެހޭނެ އެއިން އެއްވެސް ހުށައެޅުމަކަށް އަޙްސަން ބޭނުންވާ ކަހަލަ އިޖާބައެއް ދެވޭނެ ކަހަލަ ޙާލަތެއްގައެއް ނޫންކަން އަހަރެން އަދި މިހުރީކީ.“ ފާތުންގެ ވާހަކައިން އަޙްސަންގެ އުންމީދު އައުވިކަހަލައެވެ. އެހެނީ ދައްކަމުން ގެންދިޔަ ވާހަކަ ކުއްލިޔަކަށް މެދުކަނޑުވާލިއެވެ. އަދި އެވާހަކައިން އަޙްސަންއަށް ދޭހަވި އެއްޗެއް ފާތުންގެ ކުރިމަތީގައި ހުށައެޅިއެވެ. ”އަދި މިހުރީކީ. އޭގެ މާނައަކީ ކުރިއަށް އޮތްތަނުގައި ފުރުޞަތު އެބަ އޮތޭ ދޯ. އެހެންވީމަ އިންތިޒާރުގެ ހުޅުކޮޅު ނިވޭކަށް އަދި ގާތެއްވެސް ނުވެޔޭ.“ އަޙްސަންގެ އެވާހަކައިން ފާތުންގެ ހިތަށް އުފާވެރިކަން ގެނުވައިދިން ކަހަލައެވެ. އެހެނީ ރައްދުގައި ލަދުވެތިގޮތަކަށް ހީލުން ފިޔަވާ އިތުރު ޖަވާބެއް ފާތުންއަކަށް ނުދެވުނެވެ. ”އެންމެ ރަނގަޅު. އަހަރެންގެ އުންމީދު ކޮންމެސް ވަރަކަށް އާވެއްޖެ. މާބޮޑުކަމެއް ނުވިޔަސް ހަމަގައިމުވެސް މާޔޫސްވާކަށް މިފަހަރަކު ނުޖެނު ވިއްޔަ.“ ”އަޙްސަން އަހަރެން ބުނަން މިއުޅޭ ވާހަކަ ރަނގަޅަށް އަޑުއަހާލަބަލަ.“ ފާތުންގެ ފަރާތުން އަޙްސަންއަށް އެއްވެސް ކަހަލަ އުންމީދެއް ދޭކަށް ފާތުން ބޭނުމެއް ނުވެއެވެ. އެހެނަސް އެކަހަލަ އެއްވެސް ވާހަކައެއް މިވަޤުތު އަޙްސަން އަޑުއަހަން ބޭނުން ނުވި ކަހަލައެވެ. އެހެނީ ފާތުން ދައްކަން އުޅުނު ވާހަކަ އަވަހަށް މެދުކަނޑުވާލިއެވެ. ”ދެން އަވަހަށް ރެސްޓްކޮށްލާ ނިދާލާ. މާބޮޑަށް ފާތުންއަށް އުނދަގޫ ކުރާކަށް ނެތިން. އަހަރެންވެސް ބޭނުންވަނީ ފާތުން ވީހާވެސް އަވަހަކަށް ހަމަޔަކަށް އެޅެން.“ ފާތުން ދައްކަން ބޭނުންވި ވާހަކަ އަޙްސަން އަޑުއަހަން ބޭނުން ނުވިކަން ފާތުންއަށް އެނގުނެވެ. އެހެންކަމުން ދެން އިތުރަށް އެވާހަކަ ދައްކާކަށް ފާތުންވެސް ގަސްތެއް ނުކުރިއެވެ. ”އެންމެ ރަނގަޅު، އަޙްސަންވެސް ދެން އަވަހަށް ނިދާލާ. މާދަމާ އޮފީހަށްވެސް ދާންޖެހޭނެއެއްނު ދޯ. ބާއްޖަވެރި ރެއަކަށް އެދެން.“ މިހެން ބުނުމާއިއެކު ފާތުންގެ ފޯނު ކަނޑާލިއެވެ.
އަޙްސަންގެ ވާހަކަތަކާއިމެދު، ކުޑައިރުކޮޅަކު ވިސްނާލަން ފާތުންއަށް އިނދެވުނެވެ. އެވަޤުތު ހިތަށް އަރާ ފައިބަމުން ދިޔައީ ކޮންކަހަލަ އިހުސާސްތަކެއް ކަމެއް ޚުދު ފާތުންއަށްވެސް ނޭންގޭ ކަހަލައެވެ. އެހެނީ، އުފާވެރިކަމުގެ ލުއިލުއި ހިނިތުން ވުމަކާއިއެކު، ދެފަރާތަށް ބޯ ހޫރާލުން ފިޔަވާ އިތުރު އެއްވެސް ޙަރަކާތެއް ފާތުންއަކަށް ނުކުރެވުނެވެ. އެއަށްފަހު އެނދުގައި އުޑުތިލަމަތިން އޮށޯވެ ބާލީހުގައި ބޯއަޅާލިއެވެ. އަދި ކައިރީގައި އޮތް ބާލީސް ނަގާ، ބަނޑުމަތީގައި ބާއްވާ އޭގެ މަތީގައި އެއްއަތް ބާއްވާލިއެވެ. ދެފައި ކަތުރުކޮށްލުމާއިއެކު، އަނެއް އަތް ނިތްކުރި މަތީގައި ބާއްވާލައިގެން ސީލިންގއަށް ބަލަހައްޓައިގެން އޮތީއެވެ. އަޙްސަން ދެއްކި ވާހަކައާއިމެދު ކޮންމެވެސް ވަރަކަށް ވިސްނާލެވުނު ކަހަލައެވެ. އެހެނަސް އަޙްސަންގެ ހުށައެޅުމަށް ޢިޖާބަ ދިނުމަކީ އެހާ ފަސޭހަ ކަމެއް ކަމަކަށް ފާތުންއަކަށް ޤަބޫލެއް ނުކުރެވެއެވެ. އެހެނީ ފާތުން ޤަބޫލުކުރާ ގޮތުގައި މިހާރު ފާތުންއަކީ، އެއްވެސް މީހެއްގެ ދިރިއުޅުން އާބާދު ކުރެވޭފަދަ ޙާލަތެއްގައި ހުރި މީހެއް ނޫނެވެ. އެއާއި ޚިލާފަށް އެމީހެއްގެ ޙަޔާތުގައި ފާތުން ޝާމިލުކުރާ މީހެއްގެ މުޅި ހަޔާތް ވާނީ ބަރުބާދެވެ. އެހެނީ އޭނާއަކީ ޖިސްމާނީ އެތައް އަނިޔާއެއް ލިބި، އެތައް އަނިޔާތަކެއް ތަހަންމަލު ކުރަމުންދާ މީހެކެވެ. އޭނާގެ މުޅި ދިރިއުޅުން ހޭދަކޮށްލިޔަސް، ދުވަހަކުވެސް ފޫނުބެއްދޭނެ ފަދަ އެތައް އަނިޔާއެކެވެ. މަޔަކަށް ވުމުގެ އުފަލުންވެސް މަޙުރޫމު ވެފައިވާ ކަހަލަ އިޙުސާސެއްވެސް ފާތުންއަށް މިހާރު ކުރެވެއެވެ. ވީއިރު އެއީ އޭނާގެ ފަރާތުން، އޭނާއާއި ގުޅޭނެ ބައިވެރިޔަކަށްވެސް ދެވޭނެ އަނިޔާއެއް ކަމުގައި ފާތުންއަށް ޤަބޫލުކުރެވެއެވެ. އަޙްސަން ކިތަންމެ ބޭނުންވިޔަސް ފާތުންގެ ސަބަބުން އަޙްސަންގެ ދިރިއުޅުން ބަރުބާދު ކޮށްލާކަށް ފާތުންގެ ހިތެއް ނުރުހެއެވެ. މިފަދަ ޚިޔާލުތަކަކަށް ގެއްލިފައި އޮއްވާ، މަޑުމަޑުން ލޯމެރެމުން ގޮސް ފާތުންއަށް ނިދުނީއެވެ.
އަނެއްކޮޅުން ޝަހާގެ ހިތްވެސް ވަނީ ނުތަނަވަސް ކަމެއްގެ ތެރޭގައެވެ. އޭނާ އަދިވެސް ވިސްނަމުން އެގެންދަނީ، ފައިސަލް ދެއްކި ވާހަކަތަކާއި މެދުގައެވެ. ފައިސަލް އޭނާގެ އަނބިމީހާއަށް ޝަހާގެ ނަމުން ނަންދިން ސަބަބު އޮޅުން ފިލުވުމަކީ ޝަހާގެ މަޤްޞަދަކަށް ވެއްޖެކަހަލައެވެ. މި ވިސްނުމުގައި ހިތް ނުތަނަވަސްވެ ހުރެ، ތަނެއްގައި އިށީނދެލުމަކީވެސް ޝަހާއަށް އުނދަގޫ ވެއްޖެ ކަމެކެވެ. އެހެނީ ދެއަތް ދެއަތަށް ކާތަމުން އުކުޅުގައި އަތް ވިއްދަމުން ކޮޓަރި ތެރޭގައި ދެކޮޅަށް ބާރަށް ހިނގުން ފިޔަވާ އިތުރުކަމެއް ޝަހާއަށް ނުކުރެވޭ ކަހަލައެވެ. އެންމެފަހުން ގޮސް ޝަހާގެ ކެތްތެރިކަން ކޮޅުން ލައިފިއެވެ. އަދި މޯބައިލް ފޯނު ނަގާ ފައިސަލްގެ ނަންބަރަށް ގުޅިއެވެ. ގަޑިން ވީއިރުވެސް ޝަހާއަށް ރެއަކާއިވެސް ނުލައެވެ. އަނެއްކޮޅުން ފޯނު ރިންގުވާ އަޑު އިވުނެއް ކަމަކު އެ ފޯނަކަށް އިޖާބައެއް ނުދިނެވެ. މިގޮތަށް ދެފަހަރަކު ގުޅާލިއެވެ. ދެފަހަރުމަތިންވެސް ފޯނު ނުނެގުމުން ފޯނު ކަނޑާލާފައި، ފޯނުގެ ގަޑިއަށް ޝަހާ ބަލައިލިއެވެ. މެންދަމުން އަނބުރާ އެކެއް ޖެހީއެވެ. ފޯނަށް އިޖާބަ ނުދިނީ، ފައިސަލް ނިދާފަ އޮންނާނެތީކަން ޝަހާއަށް ރެއަކާލީ އެހިސާބުންނެވެ. ނުތަނަވަސްކަންމަތީ ހުރެ، އެނދުމަތީގައި އިށީނދެލުމާއިއެކު، ފުންނޭވާއެއް ލިއެވެ. އަދި އެއްފަރާތުގައި ފޯނު ބޭއްވުމާއިއެކު، އެނދުގެ ހުރަހަށް އޮށޯވެލިއެވެ. ދެފައި ހަމައަށް އެނދުމައްޗަށް ނުނެގޭކަންވެސް ޝަހާއަކަށް ނޭންގުނެވެ. ފިކުރުގެ ތެރޭގައި އޮއްވާ ޝަހާއަށްވެސް ނިދުނީއެވެ. ސިއްސައިގެން ގޮސް ހޭލެވުނީ ފޯނު ރިންގުވީ އަޑަށެވެ. ފުންމައިގެން ތެދުވެ، ފާރުގައި ބަހައްޓަފައި ހުރި ގަޑިއަށް ޝަހާ ބަލައިލިއެވެ. ފަތިހު ފަސްގަޑި ބައިވީއެވެ. އެކަމަކު އަކަމަކަށް މާބޮޑު ސަމާލުކަމެއް ޝަހާއަކަށް ނުދެވުނެވެ. ކޮޓަރީގެ ބޮކިވެސް ހުރީ ނިއްވާނުލެވިކަން ޝަހާއަކަށް އިހުސާސެއް ނުކުރެވުނެވެ. ނިދިފައި އޮތީވެސް އޭރުގައި އޮތްގޮތަށް އެނދުގެ ހުރަހަށެވެ. ގަޑި ބަލައިލުމަށްފަހު، ކައިރީގައި އޮތް ފޯނަށް ބަލައިލިއެވެ. އެގުޅަނީ ފައިސަލްއެވެ. އޭރުވެސް ޝަހާގެ ދެލޮލަށް ވަނީ ނިދި ޖަމާވެފައެވެ. އެހެންކަމުން ފައިސަލް އެގުޅަނީ ކިހިނެއް ވެގެން ކަމެއް ޚިޔާލަށްވެސް ގެންނާކަށް ޝަހާއަކަށް ނޭންގުނެވެ. އެހެނެއް ކަމަކު ފައިސަލް ގުޅި ގުޅުމަށް އިޖާބަ ދީ، ޖަވާބު ދިނެވެ. ”ހަލޯ، ޝަހާ، ކިހިނެއްވީ އެހާ ދަންވަރު ގުޅާފަ އޮތީ؟“ ޝަހާ ދެލޯ ބޮޑުވެގެން ދިޔައެވެ. އަދި ފުންމައިގެން ތެދުވެ ފޯނުގެ ގަޑިއަށް ރަނގަޅަށް ބަލައިލިއެވެ. ”އަޅޭ، އެއޮއް ފަސްގަޑި ބައިވީ. މަޑުކުރޭ އަހަރެން ނަމާދު ކޮށްލައިގެން އެބަ ގުޅަށް އިނގޭ.“
ފޯނު ކަނޑާލުމަށްފަހު، އެވީގޮތާއިމެދު ތަންކޮޅެއް ރަނގަޅަށް ޝަހާ ވިސްނާލިއެވެ. ފައިސަލް ގުޅީ، ޝަހާ އޭރުގައި ގުޅާފައި އޮތީމާކަން މިހާރު ހަނދާން ވެއްޖެއެވެ. ފުން ނޭވާއެއް ލުމާއިއެކު، ކޮޅަށް ތެދުވިއެވެ. އަދި ފާޚާނާއަށް ވަދެ، ތައްޔާރުވަލައިގެން ވުޟޫކޮށްލައިގެން ނިކުމެ ނަމާދު ކުރިއެވެ. އަދި ހަމަޖެހިލައިގެން އެނދުމަތީގައި އިށީނދެލުމާއިއެކު، ފައިސަލްއަށް ގުޅާލިއެވެ. މާގިނައިރު ރިންގު ނުވަނީސް، އަނެއްކޮޅުން ފައިސަލް ފޯނަށް އިޖާބަދިނެވެ. ”ހޫމް ދެން ބުނެބަލަ، ކިހިނެއް ވެގެންނޭ އެހާ ދަންވަރު ގުޅާފަ އެއޮތީ؟ އަނެއްކާ އަހަރެން މަތިން ހަނދާންވީ ވަރުން ލޮލަށް ނިދި ނައީތަ؟“ ފައިސަލް އޭނާގެ މިޒާޖުގައި ސުވާލު ކޮށްލިއެވެ. ސަމާސާ ރާގަށެވެ. ”ވަރަށް މުހިންމު ސުވާލެއް ކޮށްލަން. ހަމަގައިމުވެސް މިސުވާލު އަހަރެންނަށް ވަރަށް މުހިންމު.“ ވަރަށް ޖެހިލުންވެ އިނދެ ޝަހާ ބުނެލިއެވެ. ”އަހަރެންނަށް އެނގޭ ޝަހާ ކުރަން ތިއުޅޭ ސުވާލެއް. އަދި އެ ސުވާލުގެ ޖަވާބު ނުލިބެނީސް ޝަހާ މައިތިރި ނުވާނެކަންވެސް އެނގޭ. ޝަހާ ކަންބޮޑުވެގެން ތިއުޅެނީ އަހަރެންގެ އަނބިމީހާއަށް ޝަހާގެ ނަމުން ނަން ދިނީމައެއްނު ދޯ؟“ މިފަހަރު ފައިސަލްގެ އަޑުގައި ހުރީ ސީރިއަސްކަމެވެ. ”ދެން އެހެންވިއްޔާ ސަބަބު ބުނެދޭން ވީނު. ރޭގަވެސް ބުނީ އޭގެ ޖަވާބު ބުނެދޭކަށް ނޭންގެޔޭތޯ އެއްޗެކޭ.“ ޝަހާ ހިތްހަމަ ނުޖެހިފައި ހުރިކަން ފައިސަލްއަށް ވިސްނުނެވެ. އެހެނަސް އެވަރުގެ ބޮޑު ސުވާލަކަށް ޖަވާބުދޭން މިއީ އެންމެ ރަނގަޅު ވަޤުތު ނޫންކަން ޝަހާއަށް ބުނެދޭން ފައިސަލް ބޭނުންވިއެވެ. ”ހިނގާ ކޮންމެވެސް ވަޤުތަކުން ބައްދަލުވެލަމާ ދޯ. އަޙްސަންވެސް އަހަރެންނާ ތިސުވާލު ކޮށްފި. ދެން އެއްވެސް އެއްޗެއް ސިއްރުކުރާކަށް އަހަރެންނެއްވެސް ބޭނުމެއް ނޫން.“ ފައިސަލް އެންމެފަހުން ބުނި ޖުމުލައިގާ ޝަހާ ވަރަށް ބޮޑަށް އަޅައިގަތެވެ. ”ފައިސަލް އެއްވެސް ކަމެއް އެބަ ސިއްރުކުރަންތަ؟“ ”އާން ނޫނެކޭ ނުބުނާނަން.“ އެވަޤުތު ތަންކޮޅެއް ދުރުން ކޮންމެވެސް ކުއްޖަކު ބައްޕާއޭ ކިޔާފައި ފައިސަލްއަށް މުޚާތަބުކުރި އަޑު ޝަހާއަށް އިވުނެވެ. ”އެއިވުނީ ފައިސަލް ދަރިފުޅުގެ އަޑުތަ؟ އަހަރެން އޭނަޔާ ވާހަކަ ދައްކާލިޔަސް އެންމެ ރަނގަޅުތަ؟“ ފައިސަލް ކޮންމެވެސް ވަރަކަށް ކަންބޮޑުވާގޮތް ވީހެން ޝަހާއަށް ހީވިއެވެ. އެހެނީ ޝަހާ ކުރި ސުވާލަށް ފައިސަލް ޖަވާބު ދިނީ ޖުމުލަ މެދުކަނޑުވަމުން ކަހަލަ ގޮތަކަށެވެ. ”ފައިސަލް ހާދަ ކަންބޮޑުވެފަ ހުރި ފާޑު ޖަހައެވެ.“ ފައިސަލްއަށް ބުނާނެ އެއްޗެއް ނޭންގިފައި ހުރެވުނު ކަހަލަ އިހުސާސެއް އަނެއްކާވެސް ޝަހާއަށް ކުރެވުނެވެ. ”ފައިސަލް!“ ހައިރާން ކަމާއިއެކީ ޝަހާ ފައިސަލްއަށް ގޮވާލިއެވެ. ”ލައްބަ ލައްބަ“ ފައިސަލް އޭނާގެ އާންމު މިޒާޖަށް ރުޖޫޢަވާން ވަރަށް މަސައްކަތް ކުރަމުން ގެންދިޔައެވެ. ”ޝަހާ، އަހަރެންގެ ވަރަށް ބޮޑު ރިކުއެސްޓެއް އެބައޮތް.“ ”ކޮންކަހަލަ ރިކުއެސްޓެއް؟“ ދައްކަމުން ދިޔަ ވާހަކައާއި ތަންކޮޅެއް ނުގުޅޭ ވާހަކައެއް ބުނުމުން ޝަހާ ހައިރާންވާގޮތް ވިއެވެ. އެހެނީ މިހާރު މިދައްކާ ވާހަކައަކާއި އެއްވެސް ކަހަލަ ރިކުއެސްޓަކާއި އޮތީ ކޮން ގުޅުމެއްބާއޭ ޝަހާ ހިތަށް އެރިއެވެ. ”އަހަރެން އޭނަ އަތަށް ފޯނު ދޭނަން. އެކަމަކު ޝަހާގެ ނަން އެހިޔަސް އިހަށް އޭނަ ކައިރީގަ ނުބުނަށްޗޭ އިނގޭ.“ ޝަހާގެ ހައިރާންކަން އިތުރުވެގެން ދިޔައެވެ. އެހެންނަމަވެސް ދެން މިވަޤުތު ފައިސަލްއާއި އިތުރު ސުވާލުކޮށްގެން އޭނާގެ ހާސްކަން ބޮޑުކުރާކަށް ޝަހާ ބެނުމެއް ނުވިއެވެ. އެހެންކަމުން ފައިސަލްގެ އެދުމަށް އިޖާބަދީ، އެކަމަށް އެއްބަސްވިއެވެ. ފައިސަލްވެސް އޭނާގެ ދަރިފުޅަށް ގޮވާ، އޭނާގެ ކައިރިއަށް ގެނެސް އެފޯނަށް ޖަވާބުދޭން ބުންޏެވެ. އަދި އެއީ ބައްޕަގެ ސްކޫލް ދައުރުގެ ރައްޓެއްސެއް ކަމުގައި ފައިސަލްގެ ދަރިފުޅަށް ބުނެދިނެވެ. އެކުއްޖާވެސް ފޯނުގައި ހިފުމާއިއެކު ސަލާމް ގޮވާލިއެވެ. ”ވަޢަލައިކުމް ސަލާމް. ދައްތަ މި ވާހަކަ ދައްކަނީ ކޮން ކުއްޖަކާ ކަމެއް އެނގިދާނެތަ؟“ ވަރަށް އޯގާތެރި ކަމާއިއެކު، ފައިސަލްގެ ދަރިފުޅުގެ ނަން އޮޅުން ފިލުވާލުމުގެ ގޮތުން ޝަހާ ސުވާލުކޮށްލިއެވެ. ”މިއީ ޝާލޫ. އަސްލު ކިޔަނީ ޝާލިނީ އަޙްމަދު ފައިސަލް. އެކަމަކު ދައްތަ އަޅުގަނޑަށް ޝާލޫ ކިޔަސް އެންމެ ރަނގަޅު. އެއީ ބައްޕަގެ ފްރެންޑަކަށް ވާތީ.“ ވަރަށް ޢަދަބުވެރިކަމާއިއެކީ، ޝާލިނީ ވާހަކަ ދައްކަމުން ގެންދިޔައެވެ. ޝަހާގެ ހިތް އެކުއްޖާގެ މައްޗަށް ލެނބުނު ކަހަލައެވެ. ”އެންމެ ރަނގަޅު، މީގެފަހުން މި ދައްތަވެސް ކިޔާނީ ޝާލޫ. ޝާލޫ ނަމާދު ކޮށްފިންތަ؟“ ޝަހާގެ މޫނުމަތީގައި ލުއިލުއި ހިނިތުންވުމެއް އެކުލެވިފައި ވިއެވެ. އަދި މީގެ އިރުކޮޅެއް ކުރިން ފައިސަލްއާއި ދައްކަމުން ގެންދިޔަ ވާހަކަވެސް ހަނދާން ނެތުނު ކަހަލައެވެ. ”ލައްބަ. އަޅުގަނޑު ނަމާދު ކޮށްފިން. ކޮންމެ ދުވަހަކުވެސް ފަތިސް ނަމާދު ކޮށްގެން ބައްޕަޔާއެކީ ހިނގާލަން ދަން. އެހެންވެ ބައްޕަ ތައްޔާރުތޯ ބަލައިލަން މި އައީ.“ ޝާލިނީ ދައްކަމުން ގެންދިޔަ ވާހަކަ ވަރަށް ކަނުލާ އަޑުއަހަން ޝަހާއިނެވެ. އެހެންނަމަވެސް ކުއްލިޔަކަށް ޝާލިނީގެ ވާހަކަ މެދުކަނޑާލިހެން ޝަހާއަށް ހީވިއެވެ. ކިހނެއްވީތޯ ސުވާލު ކުރުމުން ވަރަށް ޖެހިލުންވެ ހުރެ ކަހަލަ ގޮތަކަށް ޝަހާއާއި ސުވާލުކޮށްލިއެވެ. ”ދައްތައަށް ކިޔަނީ ކޮންނަމެއް؟“ އެސުވާލުގެ ޖަވާބު ޝަހާ ދޭން ކިތަންމެ ބޭނުންވިޔަސް ފައިސަލް އެދުނު އެދުމަށް އިޖާބަ ދިނުމުގެ ގޮތުން ކޮންމެވެސް އެހެން ގޮތަކަށް ޖަވާބުދޭން ޝަހާ ގަސްތުކުރިއެވެ. ”ޝާލޫ ބަލާ މިއީ ޝާލޫގެ ދައްތައެއް ކަމަށް. ދައްތައަށް ނަމުން ކިޔާކަށް ނުވާނެއެއްނު ދޯ.“ އަނެއްކޮޅުން ޖަވާބު އަންނާނެ ގޮތަކާއިމެދު ޝަހާ ކަންބޮޑުވާ ގޮތްވިއެވެ. ”އެންމެ ރަނގަޅު. ތިއީ އަޅުގަނޑުގެ ދައްތަ. އެކަމަކު އަޅުގަނޑު ބޭނުން ދައްތަ ދެކިލަން. ކިހިނެއް ދައްތަ ފެންނާނީ؟“ ޝާލިނީގެ ހަހަރުވެތި އަދި އަދަބުވެރި ވާހަކަތަކުގެ ސަބަބުން ޝަހާވެސް އޭނާއާއި ބައްދަލުކޮށްލާ ހިތުން ކެތްމަދުވިއެވެ. ”ވަރަށް ފަސޭހަ ގޮތެއް އެބައޮތް. ދެންމެގަ ތި ބުނީނު ބައްޕަޔާ އެއްކޮން ހިނގާލަން ދަމޭ. ކިހިނެއް ވާނެ ހިނގަމުން ހިނގަމުން މިގެއަށް އައުން؟“ ޝަހާގެ ހުށައެޅުން ޝާލިނީއަށް ވަރަށް ކަމުދިޔައެވެ. އަދި އޭނާގެ ބައްޕަ ގާތުގައި އެކަން ކޮށްދިނުމަށް އެދުނެވެ. ފައިސަލްވެސް އެގޮތަށް އެއްބަސްވެ، ޝާލިނީ ގޮވައިގެން ޝަހާގެ ގެއަށް ދިއުމަށް ނިކުތެވެ.
ގާތްގަނޑަކަށް ވިއްސަކަށް މިނެޓު ފަހުން ޝަހާގެ ގެއަށް އެދެބަފައިންނަށް ދެވިއްޖެއެވެ. ޝާލިނީ ފެނުމާއިއެކު، ބުނެދޭން ނޭންގޭ ކަހަލަ އިހުސާސްތަކެއް ޝަހާއަށް ކުރެވެން ފެށުނެވެ. އަދި ވަރަށް ލޯބިން އަދި އެހާމެ އޯގާތެރި ކަމާއެކީ، ޝާލިނީގެ ގައިގާ ބައްދާލިއެވެ. ޝަހާގެ ފަރާތުން ޝާލިނީއަށްވެސް ކުރެވުނީ މައިވަންތަ ކަމުގެ އިހުސާސެކެވެ. އެހެނީ ޝަހާގެ ކައިރިން ޝާލިނީ ދުރަށް ދާން ބޭބުންނުވި ކަހަލައެވެ. ”މާޝާﷲ. ޔޫ އާރ ސޯ ޕްރިޓީ.“ އާނއެކެވެ. ޝާލިނީގެ ހަށިގަނޑުގައި ހުރީ ޔޫރަޕްގެ ރީތި ދޮންކުލައެވެ. ފައިސަލްއާއި ވައްތަރު ގޮތެއް ހުރިކަމުގައި ވީނަމަވެސް، އޭނާގެ މަންމަގެ ބުރުސޫރަ ފުރިހަމައަށް އެކުލެވިފައި އެބަ ހުއްޓެވެ. ޝަހާއަށް ޝާލިނީއާއިދިމާއަށް ބަލަހައްޓައިގެން މިހުރެވެނީ ކީއްވެގެން ކަމެއް ޚުދު ޝަހާއަކަށްވެސް ނޭންގުނެވެ. އެވަޤުތު ޝާލިނީ އޭނާގެ ބައްޕަ ފައިސަލްއަށް އަތުން ޢިޝާރާތް ކޮށްލުމާއިއެކު، އޭނާ ކައިރިއަށް ތިރިވެލަން ބުނެލިއެވެ. އަދި ކަންފަތް ބުޑުގައި ވައި އަޑުން ކޮންމެވެސް އެއްޗެކޭ ބުނެލިއެވެ. ޝަހާ ހުރީ ފުދޭ ވަރަކަށް ކައިރީގައި ކަމުން ޝާލިނީ، ފައިސަލް ކައިރީގައި ބުނި އެއްޗެއް ޝަހާއަށް ކޮންމެވެސް ވަރަކަށް އަޑުއިވުނެވެ. ”ބައްޕަ ކައިރީގަ މާ ސިއްރުސިއްރުން ކީކޭތަ ތިބުނެލީ.“ ނޫން ކަމަށް ހަދާފައި ޝަހާ އަހާލިއެވެ. އެވަޤުތު ޝާލިނީ އޭނާގެ ބައްޕައަތުން ވޮލެޓް އަތުލިއެވެ. އަދި އޭގައިވާ ފޮޓޮއެއް ނަގާ، ޝަހާއަށް ދައްކާލިއެވެ. ”އަޅުގަނޑު ބައްޕަ ކައިރީގަ މި އަހާލީ މި ދައްތަ ކީއްވެގެން ހެއްޔޭ އަޅުގަނޑުގެ މަންމަޔާ ވައްތަރުގޮތެއް އެހުރީ.“ އެވަޤުތު ޝަހާ އެފޮޓޯގަނޑަށް ބަލައިލިއެވެ. ޝާލިނީ އެބުނީ ތެދެކެވެ. ޝާލިނީގެ މަންމައާއި ޝަހާއާއި ކޮންމެވެސް ވަރަކަށް ވައްތަރުގޮތެއް އެބަ ހުއްޓެވެ. ޝަހާގެ ހިތުގައި އުފެދިފައިވާ ސުވާލުގެ ތެރެއަށް ސުވާލެއް އިތުރުވި ކަހަލައެވެ. މިވަނީ ކިހިނެއްކަން ނޭންގޭ ޙާލު، ސުވާލުން ފުރިގެންވާ ނަޒަރަކުން ފައިސަލްއާއި ދިމާއަށް ބަލަހައްޓައިގެން ހުރެވުނީއެވެ. ބުނާނެ އެއްޗެއް ނޭންގިފައި، ކުށްވެރިއެއް ފަދައިން ފައިސަލްވެސް އިސްދަށަށް ޖަހައިގެން ހުރީއެވެ. އެތައް ވާހަކައެއް ދައްކަން ބޭނުންވާ ކަހަލައެވެ. ޝަހާގެ ހިތުގައި އުފެދިފައިވާ ހުރިހާ ސުވާލަކަށް ޖަވާބު ދޭންވެސް ބޭނުންވާ ކަހަލައެވެ. އާނއެކެވެ. ފައިސަލްއަކީ ސަކަ މިޒާޖެއްގެ ވެރިއެކެވެ. އޭނާގެ ހިތުގައި އުފެދޭ ކޮންމެ އިހުސާސަކާއި ޝުޢޫރެއް ސަމާސާއާއި މަޖަލުގެ ވައްޓަފާޅިއަށް ބުނެލާ މީހެކެވެ. ވީއިރު އޭނާގެ ހިތުގައި ކޮންމެފަދަ އިހުސާސެއް އުފެދުނަސް އެކަން ދެނެގަންނަން ކޮންމެ މީހަކަށްވެސް އުނދަގޫ ވާނެތާއެވެ. އެފަދަ ގޮތަކަށް ފައިސަލް އަދި ޝަހާ ތިއްބާ، ފައިސަލް ސިއްސައިގެން ދިޔައީ، ޝާލިނީ އޭނާގެ ގައިގާ ކޮއްޓާލުމުންނެވެ. ސިއްސައިގެން ގޮސް ބަލައިލި ވަޤުތު، އެހުރީ ކިހިނެއް ވެފައިތޯ ޝާލިނީ ސުވާލުކޮށްލިއެވެ. ކަމެއް ނުވާކަމަށް ބުނުމުގެ ގޮތުން ފައިސަލްގެ ބޯ ދެއަތަށް ހޫރާލިއެވެ.
އިރުކޮޅެއްގެ ތެރޭގައި އެތިން މީހުންގެ ޖަމާޢަތަށް އައިސް ޝާމިލުވީ ޝަހާގެ މަންމައެވެ. ”އަސްތާ މިހިރީ ކޮންކުއްޖެއްތަ؟“ ޝަހާގެ މަންމަ ވަރަށް އޯގާތެރި ކަމާއިއެކު ޝާލިނީއާއި ސުވާލުކޮށްލިއެވެ. ”މިއީ ޝާލޫ. ތީ ދައްތަގެ މަންމަ ދޯ؟ އެންމެ ރަނގަޅުތަ މާމަ ކިޔަސް؟“ ޝާލިނީގެ އެސުވާލުން ފައިސަލް ކަންބޮޑުވާގޮތް ވިއެވެ. އަދި އަމުރުވެރި ގޮތަކަށް ޝާލިނީއަށް ގޮވާލިއެވެ. އެކަން އެހެން ނުކުރުމަށް ބުނަމުންނެވެ. އެހެނަސް ޝަހާގެ މަންމައަށް އެހުށައެޅުމަކީ ވަރަށް ކަމުދާ ހުށައެޅުކަމަށް ވިއެވެ. އަދި ހަމަ ވަޤުތުން އެކަމަށް ހުއްދަ ދިނެވެ. ޝަހާއަކަށްވެސް އެއީ މައްސަލައަކަށް ނުވިއެވެ. އެހުރިހާ ކަމެއް ހިނގަމުން ދިޔައިރުވެސް ޝަހާގެ ހިތުގެ ނުތަނަވަސްކަން އަދިވެސް އޮތީ އޮތް ގޮތަށެވެ. މިހުރިހާ ކަމެއް މިހާރު ޝަހާއަށް އަރަތަކަށް ވަމުންދާ ކަހަލައެވެ. ފައިސަލްގެ ޙަޔާތުގެ އެއްވެސް ކަމަކާއި ޝަހާއާއި އެއްވެސް ގޮތަކަށް ގުޅުމެއް އެބައޮތް ބާވައެވެ؟ ޝާލިނީ ފެނުމުން ބުނެދޭން ނޭންގޭ ކަހަލަ އިހުސާސްތަކެއް ކުރުވީ ކީއްވެގެން ބާވައެވެ؟ ޝަހާގެ ނަން ޝާލިނީގެ ކުރިމަތީގައި ހާމަ ނުކުރުމަށް ފައިސަލް އެދުނީ ކީއްވެގެން ބާވައެވެ؟ ފުރިހަމަ ޖަވާބު ބޭނުން އެތައް ސުވާލެކެވެ. ހައްލުކުރަން ބޭނުން ބޮޑު އަރަތެކެވެ.
- ނުނިމޭ –