މިއަހަރު ނިމޭއިރު ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ދެވޭނެ: ރައީސް

ހިރި ނިއުސް
އޭޕްރިލް 24, 2025

މިއަހަރު ނިމޭއިރުގައި ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ދިވެހި ފުލުހުންގެ ޚިދުމަތް ރަނގަޅު ފެންވަރުގައި ދެވޭނެ ގޮތް ހަމަޖެހިގެންދާނޭ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހި ފުލުހުންގެ ޚިދުމަތަށް 92 އަހަރު ފުރުމުގެ މުނާސަބާ ފާހަގަކުރުމަށް މިރޭ ހުޅުމާލޭގައި ބޭއްވި ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނު ސަރުކާރާ ހަވާލުވި ހިސާބުން ފެށިގެން ތިން އަހަރަށް ބަހާލައިގެން 110 ރަށުގައި ދިވެހި ފުލުހުން ޚިދުމަތްދެވޭ އަމިއްލަ މަރުކަޒުތައް ޤާއިމުކުރެވިގެންދާނޭ ކަމުގައެވެ. މިސަރުކާރުން ފުލުހުންނަށް ބޭނުންވާ ތަމްރީނު ދިނުމަށާއި ބޭނުންވާ އެހެނިހެން ކަންކަން ކޮށްދިނުމަށް ވަރަށް އިސްކަންދެއްވާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އެގޮތުން ދިވެހި ފުލުހުންގެ ޤާބިލުކަން އިތުރުކޮށް ހަރުދަނާ ކުރުމަށް ވަސީލަތުގެ ގޮތުންނާއި އުމްރާނީ ގޮތުންނާއި އެހެނިހެން ގޮތްގޮތުންވެސް ގައުމުގެ ކޮންމެ ހިސާބެއްގައި ހުރެގެންވެސް ފުލުހުންގެ ފުރިހަމަ ޚިދުމަތް ރައްޔިތުނަށް ދެވޭނެ މަގު ފަހިކޮށްދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ.

 

 

މި ލިޔުމާ ގުޅޭ