ޕާކިސްތާނަށް އޮޕަރޭޗަން ސިންދޫރުގައި އިންޑިއާއިން ދިން ހަމަލާގައި 8 މީހުން މަރުވެ، 35 މީހުން ޒަޚަމްވެއްޖެ ކަމަށް ޕާކިސްތާނުގެ ފަރާތްތަކުން މަޢުލޫމާތު ދީފިއެވެ. މި ހަމަލާ ދީފައިވަނީ މިއަދު ހެނދުނު ޕާކިސްތާން/މާލޭ ގަޑިން 2:45 ގެ ފަހުންނެވެ.
ޕާކިސްތާނުގެ ސިފައިން ބުނާ ގޮތުގައި އިންޑިއާގެ 3 މަތިންދާބޯޓު ވަނީ ވައްޓާލާފައެވެ. އަދި އިންޑިއާއިން ވަނީ ޕާކިސްތާނުގެ 6 ތަނަކަށް ހަމަލާ ދީފައި ކަމަށެވެ. ނަމަވެސް އިންޑިއާއިން ބުނަނީ 9 ތަނަކަށް ހަމަލަ ދީފައި ވާނެ ކަމަށެވެ.
މި ހަމަލާގައި ޕާކިސްތާނުގެ އިމާރާތްތަކަށް ވަނީ ގެއްލުން ލިބިފައެވެ.
އިންޑިއާގެ ސިފައިން ވަނީ މި ހަމަލާ ފެށި އިރު އެކްސް (ކުރީގެ ޓްވިޓަރ) ގައި ޕޯސްޓެއް ކޮށްފައެވެ. އިންޑިއާއިން ބުނާ ގޮތުގައި މިއީ މިފަހަކަށް އައިސް ދިން އެންމެ ހޭދަ ބޮޑު އަސްކަރީ ހަމަލާއެވެ.
ޕާކިސްތާނުގެ ދިފާއީ ވަޒީރު ޚަވާޖާ އާސިފް ވިދާޅުވި ގޮތުގައި އިންޑިއާގެ ދެ މަތިންދާ ބޯޓާއި ޑްރޯނެއް ވަނީ ވައްޓާލާފައެވެ. ހަމަލަ ދިނުމަށްފަހު ދެ ފަރާތުން ވަނީ ބަރު ހަތިޔާރުން އެލްއޯސީ (ލައިން އޮފް ކޮންޓްރޯލް) ހުރަސްކޮށް ހަމަލާތައް ބަދަލުކޮށްފައެވެ.
މި ހަމަލާގެ އެއް ދުވަސް ކުރިން އދގެ ސަލާމަތީ މަޖިލީހުން ވަނީ އިންޑިއާ-ޕާކިސްތާނުގެ މައްސަލަ މަޝްވަރާކޮށްފައެވެ. މި ޖަލްސާ ބާއްވާފައިވަނީ ސިއްރިއްޔާތުގައެވެ.
ދެ ގައުމުން އެއްބަޔަކު އަނެއް ބަޔަކަށް ޖަލްސާގައި ބަހުގެ ހަމަލާ ބަދަލުކުރި އިރު، ޕާކިސްތާނުން އަބްދަލީ މިސައިލް ޓެސްޓުކުރުމާއި ނިއުކްލިއަރ ހަމަލާ ދިނުމުގެ ވާހައާ މެދު ބައެއް ގައުމުތަކުން ވަނީ އިއުތިރާޒް ކޮށްފައެވެ.






