ތެލެސީމީއާ ކުދިންނަށް ހިތްހަމަޖެހުމާއި ފާގަތިކަން ގެނެސްދޭނަން: ރައީސް

މުހައްމަދު އަލީ
މެއި 8, 2025

ދެހާސް ތޭވީސް ވަނަ އަހަރު، ރިޔާސީ އިންތިޚާބުގައި، ތެލަސީމިއާ ކުދީންނަށްޓަކައި ހާމަކުރި ތަޞައްވުރާއި، ވީ ވަޢުދުތައް މާތްﷲގެ ވާގިފުޅާއެކު ހަގީގަތަކަށް ހައްދަވައިދެއްވާނޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ދުނިޔޭގެ ތެލެސީމިއާ ދުވަހުގެ މުނާސަބަތުގައި މިއަދު ދެއްވި ޚިތާބުގައެވެ.

ރައީސް ވިދާޅުވެފައިވަނީ އެމަނުކުފާނު ވަނީ ތެލަސީމިއާ ކުދީންނާއި އެކުދިންގެ އާއިލާތަކާއި ސީދާ ބައްދަލު ކުރައްވާފައި ކަމަށެވެ. އަދި އެމީހުންގެ އަޑު އެހުމަށްފަހު އެ ކުދީންނަށް ފަރުވާ ދޭގޮތް ސީދާ ލޮލުން ބެއްލެވި ކަމަށްވެސް ރައީސް ވިދާޅުވެފައިވެއެވެ. ރައީސް ވިދާޅުވެފައިވަނީ ”އެތައް އަހަރެއް ވަންދެން ބޮއްސުންލާފައިއޮތް ކަންކަން ހަމަމަގަށް އަޅުވަން، އަޅުގަނޑުމެން މިކުރާ މަސައްކަތުން، އިރާދަކުރެއްވިއްޔާ މިކުދީންނާއި އާއިލާތަކަށް ހިތްހަމަޖެހުމާއި ފާގަތިކަން ގެނަސްދޭނަން،“ ކަމަށެވެ.

މިއަދު ދެއްވި ޚިތާބުގައި ރައީސް ވަނީ ތެލަސީމިއާގެ އުނދަގޫ ތަޙައްމަލުކުރާ ކޮންމެ ކުއްޖަކަށް އެހީތެރިވުމުގައި މުޅި ދިވެހި މުޖުތަމައު ބައިވެރިވުމަށް އިލްތިމާސް ކުރައްވާފައެވެ. ”އެ ކުދީންނަށް ލިބިފައިވާ ހުނަރުތައް ތަރައްޤީކޮށް، އުންމީދާއެކު ދިރިއުޅުން ބިނާކޮށްދިނުމުގައި، އަދި ހިނިތުންވުމާއި އެއްބަނޑުއެއްބަފާކަމުގެ އިހްސާސްތަކާއެކު އެ ކުދީންނާ މުޢާމަލާތު ކުރުމުގައި، އަދި އެ ކުދީންނަށް ދަތިވާ ކޮންމެ ކަމަކަށް ފަސޭހަ އަލިމަގެއް ކޮށައި ދިނުމުގައި، ކޮންމެ ދިވެހި ރައްޔިތަކުމެ ސަރުކާރަށް އެއްބާރުލުން ދެއްވުމަށް އަޅުގަނޑު އެދެން،“ ރައީސް ވިދާޅުވެފައިވެއެވެ.

ދިރިއުޅުމެއް ހޯދުމަށް އެ ކުދީން އުފުލާ ބުރަ ލުއިކޮށްދިނުމަށް ”އަޅުގަނޑުމެން ކުރާ ކޮންމެ ކަމަކީ، ސަވާބު ލިބެނިވި ހެޔޮ ޢަމަލެއް،“ ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ. އަދި އެ ކުދީންގެ ފުރާނައިގެ ޙައްޤުގައި ހަދިޔާކުރާ ކޮންމެ ލޭތިއްކަކަށް ﷲގެ ޙަޟްރަތުން ދެއްވާނެ އަޖުރާއި ދަރުމަ ގިނަގުނަ ވެގެންވާ ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

ރައީސް ވިދާޅުވެފައިވަނީ އާބާދީގެ ނިސްބަތުން ބަލާއިރު، ތެލަސީމިއާ ކުދީންގެ އިންސައްތަ އެންމެ މަތީ އެއް ޤައުމަކީ ދިވެހިރާއްޖެ ކަމަށެވެ. އާބާދީގެ ކޮންމެ އަށާރަ މީހުން ކުރެ އެކަކީ، ތެލަސީމިއާ ވާރުތަވުމުގެ ފުރުޞަތު އޮތް ކެރިއަރެއް ކަމަށް ވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ. ”އެހެންކަމުން، ތެލަސީމިއާ އާ ގުޅޭ ހޭލުންތެރިކަން އިތުރުކުރުމަށާއި، ފަރުވާ ދެވޭނެ ވަސީލަތްތައް ފަހިކުރުމަށް ދިވެހިރާއްޖޭގައި ޚާއްޞަ ސަމާލުކަމެއް ދޭން ޖެހޭ،“

ރާއްޖޭގެ ރަށްރަށުގައި، ތެލަސީމިއާ ތަޙައްމަލު ކުރަމުންދާ ކޮންމެ ކުއްޖަކުމެ ދުވާލާއި ރޭގަނޑުވެސް އުނދަގޫ އެތައް ކަމެއް ބަރުދާސް ކުރާކަމަށްވެސް ވިދާޅުވިއެވެ. ”ސިއްހަތު ސަލާމަތުން ބޭތިއްބުމަށާއި، އެކުދީންނަށް ގަވާއިދުން ފަރުވާ ދިނުމަށް، އިސްކަން ދިނުމަކީ ކަމާބެހޭ އިދާރާތަކުގެ ޒިންމާއެއް. ހަމައެކަނި ފަރުވާއެއް ނޫން. އެކުދީންނާ އޯގާތެރިކޮށް މުޢާމަލާތު ކުރުމާއި، އުނގަންނައިދިނުމާއި، އާމުދަނީ ހޯދޭނެ މަގުތައް ހުޅުވައިދިނުމާއި، އެހެން ކޮންމެ ދިވެއްސެކޭ އެއްފަދައިން، މި ޤައުމުން ލިބިދޭ ހުރިހާ ފުރުޞަތަކާއި ޙައްޤުތަކެއްވެސް އެކުދީންނަށް ފުރިހަމައަށް ލިބިދެވޭނެކަން ޢަމަލާއި ބަހުން އަޅުގަނޑުމެން ސާބިތުކޮށްދޭން ޖެހޭ،“ ރައީސް ވިދާޅުވެފައިވެއެވެ.

 

 

މި ލިޔުމާ ގުޅޭ

ކޮމެންޓް ކުރުމަށް

Your email address will not be published. Required fields are marked *