ރާއްޖެއަށް ބޭނުންވާ މުހިންމު ބޭސް އެތެރެ ކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި

މުހައްމަދު އަލީ
މެއި 8, 2025

ރާއްޖެއަށް ބޭނުންވާ ބައެއް ބޭސްތައް މެދުނުކެނޑި، ހެޔޮއަގެއްގައި ލިބޭނެ ގޮތް ހަދައިދިނުމުގެ އެއްބަސްވުމެއްގައި އިންޑިއާ ސަރުކާރުގެ މިނިސްޓްރީ އޮފް ހެލްތް އެންޑް ފެމިލީ ވެލްފެއަރގެ ދަށުން ހިންގާ އެޗްއެލްއެލް ލައިފްކެއަރ ލިމިޓެޑް އާއެކު އެސްޓީއޯއިން މިއަދު ސޮއިކޮށްފިއެވެ.

އެސްޓީއޯއިން މަސައްކަތް ކުރަނީ ރާއްޖޭގައި ބޭސް މަދުވުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމައިދިނުމަށެވެ. ވޭތުވެދިޔަ ތަނުގައި ރާއްޖޭގައި މުހިންމު ބޭސްތަކެއް ލިބުން ދަތިވެ، ސިއްހީ ނިޒާމަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވެފައިވާ ކަމަށް އެސްޓީއޯއިން ވަނީ ބުނެފައެވެ.

މިއަދު ސޮއިކުރި އެއްބަސްވުމުގެ ދާށުން ރާއްޖެއަށް ހޯދަން އުނދަގޫ ބޭސްތައް ލިބޭނޭ އިންތިޒާމުތައް ހަޖެހިގެންދާނޭ ކަމަށް އެސްޓީއޯއިން ވަނީ ބުނެފައެވެ. ”މިވަގުތު ރާއްޖެއަށް ބޭނުންވާ އަސާސީ ބޭހުގެ ދަތިކަމަށް ވަގުތީ ހައްލެއް ހޯދައިދެވިފައިވާއިރު، އެޗްއެލްއެލް އާއެކު މި އައު ޕާޓްނަރޝިޕްގެ މަޤްސަދަކީ މިކަމަށް ދާއިމީ ހައްލެއް ހޯދައިދިނުމެވެ. އަދި ހުރިހާ ބޭހެއްވެސް ހުންނާނީ ޑަބްލިއު އެޗް އޯ މިންގަނޑުތަކާއި ރާއްޖެއަށް ބޭސް އެތެރެކުރުމަށް ހަދާފައިވާ ގަވައިދުތަކާއި އެއްގޮތަށެވެ.“ އެސްޓީއޯއިން ބުނެފައިވެއެވެ.

ކޮވިޑް-19 ބަލިމަޑުކަމުގެ ތެރޭގައި، ވެސް އެޗްއެލްއެލް ލައިފްކެއަރ އިން ވަނީ އެސްޓީއޯ އަށް މުހިންމު ބޭސްތައް ފޯރުކޮށްދީފައެވެ. އެ ހާލަތުގައި ވެސް އެކުންފުނީން ވަނީ އިތުބާރުހުރި އަދި ވަގުތަށް ޚިދުމަތްދޭ ޕާޓްނަރެއްކަން ސާބިތުކޮށްދީފައި“ ކަމަށް އެސްޓީއޯއިން ވަނީ ބުނެފައެވެ. އެޗްއެލްއެލް އާއެކު ޕާޓްނަރޝިޕް ހެދުމުން، ރާއްޖެ މި ކަނެކްޓްކުރެވުނީ ދުނިޔޭގެ އެންމެ ފުޅާ ފާމަސިއުޓިކަލް ސަޕްލައި ޗެއިންތަކުގެ ތެރެއިން އެއް ޗެއިނާ ކަމަށް އެސްޓީއޯއިން ބުނެފައިވެއެވެ.

މި ލިޔުމާ ގުޅޭ