ވަށައިގެންވާ މުރަކައިގެ ފަރުތައް

އާމިނަތު ދުންޔާ
ސެޕްޓެމްބަރ 12, 2024

ދިވެހިރާއްޖޭގެ ވަށައިގެންވާ މުރަކައިގެ ފަރުތަކަކީ އަހަރެމެންގެ ޤައުމުގެ އެންމެ އަގުހުރި ޤުދުރަތީ ވަސީލަތްތަކުގެ ތެރެއިން އެއް ވަސީލަތެވެ. މި ފަރުތަކަކީ ދިވެހިންނަށް އެތައް ގޮތަކުން މުހިންމު، އަދި ދުނިޔޭގެ ތިމާވެށީގެ ނިޒާމަށްވެސް ވަރަށް މުހިންމު ދައުރެއް އަދާކުރާ ތަންތަނެވެ. ދިވެހިންނަށް މުރަކައިގެ ފަރުތައް މުހިންމުވާ އެންމެ ބޮޑު އެއް ސަބަބަކީ އެއީ އަހަރެމެންގެއިޤްތިޞާދުގެ ލޭނާރު ކަމުގައިވާ މަސްވެރިކަމާއި ފަތުރުވެރިކަމުގެ އަސާސް ކަމުގައިވާތީއެވެ. މަސްވެރިކަމުގެ ދާއިރާއަށް ބަލާއިރު، ފަރުތަކަކީ އެކި ބާވަތުގެ މަހުގެ ނަސްލު އާލާވެ ދިރިއުޅޭ ތަންތަނެވެ. ހަމައެހެންމެ، ފަތުރުވެރިކަމުގެ ދާއިރާއަށް ބަލާއިރު، ފަރުތަކަކީ ޑައިވިންގ އަދި ސްނޯކްލިންގ ފަދަ ޙަރަކާތްތަކަށް އެންމެ މަޤްބޫލު ތަންތަނެވެ.

ދުނިޔެއަށް މުރަކައިގެ ފަރުތައް މުހިންމުވަނީ އެތައް ސަބަބަކާ ހުރެއެވެ. އޭގެ ތެރޭގައި ކަނޑާއި ފަރުތަކަކީ ދުނިޔޭގެ އޮކްސިޖަންގެ ބޮޑު ބައެއް އުފައްދާ ތަންތަން ކަމުގައިވުމާއި، ކަނޑުގެ ލޮނުގަނޑު ސާފުކޮށް، ކަނޑުގެ ދިރުންތަކަށް މާޙައުލެއް ހޯދައިދިނުމުގެ އިތުރުން ގިރާ ސަރަޙައްދުތައް ޙިމާޔަތްކުރުމުގެ ދައުރު އަދާކުރާ ކަން ފާހަގަކުރެވެއެވެ. މީގެ އިތުރުން މުރަކައި ފަރުތަކަކީ ޖައްވުގައި ހުންނަ ކާބަން ޑައިއޮކްސައިޑް އަދި އެހެނިހެން ގްރީންހައުސް ގޭސްތައް އަނބުރާ ނަގައި، ރައްކާކޮށް ނުވަތަ ދައުރުކުރާ ގުދުރަތީ ކާބަން ސިންކުތަކެކެވެ. މުރަކަތަކުގައި ކާބަން ރައްކާކުރެވެނީ ކެލްސިފިކޭޝަން އޭ ކިޔާ ނިޒާމެއްގެ ތެރެއިންނެވެ. މި ނިޒާމުގެތެރެއިން މުރަކަތަކާއި އެހެނިހެން ކެލްސިފައިން ދިރުންތަކުން ކެލްސިއަމް ކާބަނޭޓް އުފައްދައެވެ. މުރަކަތަކުގެ ކާބަން ރައްކާކުރުމުގެ ޤާބިލުކަން ކުޑަކަމުގައި ވިޔަސް، އެތަންތަނުން ދުނިޔޭގެ ކާބަން ސައިކަލްއަށް ހިއްސާއެއް އަދާ ކުރެއެވެ.

މުރަކައިގެ ފަރުތަކުގައި އުޅޭ ދިރުންތަކަށް ބަލާއިރު، އެތައް ސަތޭކަ ވައްތަރެއްގެ މަސްމަހާއި، ކަހަނބުތަކާއި، ދިރޭ މުރަކަ އަދި ކަނޑުގެ އެހެނިހެން ދިރުންތައް ހިމެނެއެވެ. މި ދިރުންތަކުގެ ތެރެއިން ގިނަ ބާވަތްތަކަކީ ހަމައެކަނި މުރަކައިގެ ފަރުތަކުގައި އުޅޭ ދިރުންތަކެވެ. މުރަކައިގެ ފަރުތަކަކީ މުޅި ކަނޑުގެ އެންމެ ޕަސެންޓެއް ނަމަވެސް މިއީ ކަނޑުގައި އުޅޭ ހުރިހާ ބާވަތެއްގެ ދިރުންތަކުގެ ތެރެއިން ގާތްގަނޑަކަށް ފަންސަވީ ޕަސެންޓު ދިރުންތައް ދިރިއުޅޭ ވެށްޓެވެ. މީގެ ތެރޭގައި މަސްމަހާއި، އިންވާޓިބްރޭޓްސް، އަލްގީ ފަދަ ދިރުންތައް ހިމެނެއެވެ.

ދުނިޔޭގެ އެހެން ތަންތަނެކޭ އެއްފަދައިން، ދިވެހިރާއްޖޭގެ މުރަކައިގެ ފަރުތަކަށްވެސް ވަނީ އެތައް ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފައިވެއެވެ. މީގެ ތެރޭގައި މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ކަނޑުގެ ލޮނުގަނޑު ހޫނުވުމާއި، އެސިޑިކްވުން ހިމެނެއެވެ. މީގެ އިތުރުން އިންސާނުންގެ ސަބަބުން ފަރުތަކަށް ލިބޭ ގެއްލުންތައްވެސް ވަރަށް ގިނައެވެ. މިސާލަކަށް، ޕްލާސްޓިކް ފަދަ ތަކެތި ކަނޑަށް އެޅުމާއި، ކަނޑުގައި ދުއްވާ އުޅަނދުފަހަރުގެ ސަބަބުން ފަރުތަކަށް ގެއްލުންވުމާއި، ފަރުން މުރަކަ ނުވަތަ ގައު ނެގުން ފަދަ އަމަލުތަކުން ލިބޭ ގެއްލުން ހިމެނެއެވެ. މި ގެއްލުންތަކުގެ ސަބަބުން ފަރުތަކުގެ ދިރުންތަކަށް ނޭދެވޭ އަސަރުކޮށް، ފަރުތަކުގެ ސިއްޙަތު ދަށްވެ، އަދި ބައެއް ހާލަތްތަކުގައި ފަރުތައް މުޅިން ނެތިދިއުމުގެ ނުރައްކާވެސް ކުރިމަތިވެއެވެ. މިކަމުގެ ސަބަބުން ދިވެހިރާއްޖޭގެ އިޤްތިޞާދަށާއި، ތިމާވެށްޓަށް، އަދި ޖުމްލަކޮށް މުޅި ދުނިޔެއަށްވެސް ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބިގެންދާނެއެވެ. އެހެންކަމުން، އަހަރެމެންގެ މުރަކައިގެ ފަރުތައް ޙިމާޔަތްކޮށް ރައްކާތެރިކުރުމަކީ ކޮންމެ ދިވެހި ރައްޔިތެއްގެވެސް ފަރުދީ ޒިންމާއެކެވެ. މިގޮތުން، ފަރުތަކަށް ގެއްލުންލިބޭ ކަންކަމުން ދުރުހެލިވުމާއި، ފަރުތައް ސާފުކޮށް ބެލެހެއްޓުމާއި، ފަރުތަކާ ބެހޭ ހޭލުންތެރިކަން އިތުރުކުރުމަކީ ވަރަށް މުހިންމު ކަންކަމެވެ. ފަރުތައް ޙިމާޔަތްކުރުމަށް ހަދާފައިވާ ޤާނޫނުތަކާއި ޤަވާޢިދުތައް ހަރުދަނާކޮށް، ތަންފީޒުކުރުމަކީ ދިވެހިސަރުކާރުން ކޮންމެހެން ކުރަންޖެހޭ ކަމެކެވެ.

މުރަކައިގެ ފަރުތަކަކީ އަޅުގަނޑުމެންގެ ޤައުމުގެ އަގުހުރި ޤުދުރަތީ ވަސީލަތެކެވެ. މި ފަރުތައް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރުމާއި ރައްކާތެރިކުރުމަކީ މިއަދުގެ ޖީލުގެ މައްޗަށް އޮތް ވާޖިބެކެވެ. އަޅުގަނޑުމެން މިއަދު މިކަމަށް ސަމާލުކަންދީ، އަޅަންޖެހޭ ފިޔަވަޅުތައް އަޅައިފިނަމަ، ކުރިއަށް އޮތް ޖީލުތަކަށްވެސް މި އަގުހުރި ވަސީލަތުގެ ފައިދާ ލިބިގެންދާނެއެވެ.

މި ލިޔުމާ ގުޅޭ