މޫސުމީ ކާރިސާތަކުގެ ސަބަބުން ދުނިޔެއަށް 122 ބިލިއަން ޑޮލަރުގެ ގެއްލުން

އިބްރާހީމްް ސަމީރު
ޑިސެމްބަރ 28, 2025

މޫސުމީ ބަދަލުތަކާ ގުޅުންހުރި 2025 ވަނަ އަހަރުގެ އެކިއެކި ކާރިސާތަކުގެ ސަބަބުން ދުނިޔޭގެ އިގްތިސާދަށް 120 ބިލިއަން ޑޮލަރަށްވުރެ ބޮޑު ގެއްލުމެއް ލިބިފައިވާ ކަމަށް އާ ރިޕޯޓަކުން ދައްކައިފިއެވެ. ނަމަވެސް، ފަގީރު ގައުމުތަކުގައި ހިނގާފައިވާ ގިނަ ހާދިސާތަކަކީ އިންޝުއަރެންސް ކޮށްފައިވާ ކަންކަމަށް ނުވާތީ، މިއީ އަސްލު ގެއްލުމުގެ ކުޑަ މިންވަރެއް ކަމަށް ކްރިސްޓިއަން އެއިޑްއިން ނެރުނު ދިރާސާގައި ފާހަގަކޮށްފައިވެއެވެ.

މި ދިރާސާގައި ފާހަގަކޮށްފައިވާ ގޮތުގައި، ކޮންމެ ކާރިސާއަކުން 1 ބިލިއަން ޑޮލަރަށްވުރެ ބޮޑު ގެއްލުން ލިބުނު 10 ހާދިސާއެއް 2025ގައި ހިނގާފައިވެއެވެ. މީގެ ތެރެއިން އެންމެ ބޮޑު ގެއްލުމެއް ލިބުނު ހަ ކާރިސާގެ ތެރެއިން ހަތަރު ކާރިސާއެއް ހިނގާފައިވަނީ އޭޝިއާ ބައްރުގައެވެ.

އެންމެ ބޮޑު މާލީ ގެއްލުމެއް ލިބުނު ޚާއްސަ ހާދިސާއަކީ އެމެރިކާގެ ކެލިފޯނިއާގައި ހިނގި އަލިފާނުގެ ހާދިސާތަކެވެ. މި ހާދިސާގައި 60 ބިލިއަން ޑޮލަރަށްވުރެ ބޮޑު ގެއްލުމެއް ލިބިފައި ވެއެވެ. އަދި 400 އަށްވުރެ ގިނަ މީހުން މަރުވެފައިވެއެވެ. މީގެ އިތުރުން، ޗައިނާއަށް ކުރިމަތިވި ފެންބޮޑުވުމުގެ ހާދިސާތަކުގައި 11.7 ބިލިއަން ޑޮލަރުގެ ގެއްލުން ލިބުނު ކަމަށް ރިޕޯޓުގައިވެއެވެ.

ދެކުނު އޭޝިއާ އަދި ދެކުނު އިރުމަތީ އޭޝިއާގެ ގައުމުތަކަށް ނޮވެމްބަރު މަހު ކުރިމަތިވި ތޫފާންތަކާއި ފެންބޮޑުވުމުގެ ސަބަބުން 25 ބިލިއަން ޑޮލަރުގެ ގެއްލުން ލިބިފައިވެއެވެ. ތައިލެންޑް، އިންޑޮނޭޝިއާ، ސްރީލަންކާ، ވިއެޓްނާމް އަދި މެލޭޝިއާ ގައި ހިނގި ކާރިސާތަކުގައި 1,750 އަށްވުރެ ގިނަ މީހުން މަރުވެފައިވެއެވެ. އަދި އިންޑިއާ އާއި ޕާކިސްތާނުގައި ހިނގި ފެންބޮޑުވުމާއި ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތަކުގައި 1,860 އަށްވުރެ ގިނަ މީހުން މަރުވެ، އެތައް މިލިއަން ބަޔަކަށް އަސަރުކޮށްފައިވެއެވެ.

ފިލިޕީންސަށް އެރި ތޫފާންތަކުގައި 5 ބިލިއަން ޑޮލަރަށްވުރެ ބޮޑު ގެއްލުމެއް ލިބި 1.4 މިލިއަން މީހުން ގެދޮރު ދޫކޮށް ދާންޖެހުނެވެ. ނަމނަވެސް، ދުނިޔޭގެ ފަގީރު ސަރަހައްދުތަކުގައި ހިނގާ ކާރިސާތަކުގެ ހަގީގީ ގެއްލުން ވަޒަންކުރަން އުނދަގޫ ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ. ނައިޖީރިއާ އާއި ކޮންގޯގައި ހިނގި ފެންބޮޑުވުންތަކާއި، އީރާނާއި ހުޅަނގު އޭޝިއާއަށް ކުރިމަތިވި ހަނަފަސްކަމުގެ ގެއްލުންތައް، އިންޝުއަރެންސް ކޮށްފައި ނުވުމުގެ ސަބަބުން ދުނިޔޭގެ ރޭންކިންތަކުގައި ނުހިމެނޭކަން ކްރިސްޓިއަން އެއިޑް ރިޕޯޓްގައި ފާހަގަކުރެއެވެ.

މި ލިޔުމާ ގުޅޭ