ބަޖެޓު ސަޕޯޓަށް އިންޑިއާގެ އެހީ

މުހައްމަދު އަލީ
މެއި 12, 2025

އިންޑިއާ ސަރުކާރުން ދިވެހި ސަރުކާރަށް ބަޖެޓު ސަޕޯޓެއްގެ ގޮތުގައި 50 މިލިއަން ޑޮލަރު ދީފިއެވެ. ފޮރިން މިނިސްޓްރީން ވިދާޅުވީ އެހީ ދީފައިވަނީ ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) މެދުވެރިކޮށް ނަގާފައިވާ 50 މިލިއަން ޑޮލަރުގެ ޓްރެޜަރީ ބިލު ދެއްކުމުގެ މުއްދަތު، 12 މެއި 2025 އިން ފެށިގެން އިތުރު އަހަރަކަށް އިތުރުކޮށްދީގެން ކަމަށެވެ.

މި ދީލަތި އެހީއިން އިންޑިއާ ސަރުކާރާއި ދިވެހި ސަރުކާރާ ދެމެދު ޒަމާނުއްސުރެ އޮންނަ ގާތް ރަހުމަތްތެރިކަމުގެ ގުޅުން ހާމަކޮށްދޭ ކަމަށް ވެސް ފޮރިން މިނިސްޓްރީން ވިދާޅުވެފައިވެއެވެ.

ބަޖެޓް ސަޕޯޓްގެ ގޮތުގައި އިންޑިއާ ސަރުކާރުން ރާއްޖެއަށް ދެމުން ގެންދާ ދީލަތި އެހީތެރިކަން ފާހަގަކޮށް، އަދި ހާއްސަކޮށް މި އެހީތެރިކަމުގެ ސަބަބުން ދިވެހި ސަރުކާރުން ކުރަމުން އަންނަ ފިސްކަލް ރިފޯމްގެ މަސައްކަތްތަކަށް ލުޔެއް ލިބިގެންދާނެކަން ދިވެހި ސަރުކާރުން ފާހަގަކޮށްފައިވެއެވެ.

ދިވެހި ސަރުކާރުގެ އުއްމީދަކީ، ދެ ޤައުމުގެ ރައްޔިތުންގެ ލާބައާއި ތަނަވަސްކަމަށްޓަކައި، މި ގުޅުން އިތުރަށް ބަދަހިވެގެންދިއުން ކަމަށްވެސް ވިދާޅުވެފައިވެއެވެ.

 

މި ލިޔުމާ ގުޅޭ