”މޯލްޑިވްސް 2.0″ގެ ނަމުގައި ހިންގި ސަމިޓް ނިމުމާ އެކު ސަމިޓުން ނިންމި ކަންކަން ހާސިލްކުރުމުގެ އަމަލީ މަސައްކަތް މިއަދު ފަށައިފައިވާ ކަމަށް ހޯމްލޭންޑު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޑރ. މުހައްމަދު ކިނާނަތު ވިދާޅުވެއްޖެއެވެ.
”މޯލްޑިވްސް 2.0“ ސަމިޓުގައި ނިމިގެންދިޔަ މުހިންމު ނިންމުންތަކުގެ މައްޗަށް ތައްޔާރުކޮށްފައިވާ ޤައުމީ ޑިޖިޓަލް ޓްރާންސްފޮމޭޝަަން އިޤުރާރުގައިވާ ކަންކަން ހާސިލްކުރުމަށް ކުރަންޖެހޭ މުހިންމު މަސައްކަތްތައް މިއަދު ފަށާފައިވާކަން ސްޓޭޓް ފާހަގަކުރެއްވިއެވެ.
”ދިވެހިރާއްޖެ 2.0 ޑިޖިޓަލް ޓްރާންސްފޮމޭޝަން ސަމިޓް“ އަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ޑިޖިޓަލް ތަސައްވުރު ހާސިލްކުރެއްވުމަށް ފަށްޓަވާފައިވާ މަސައްކަތްތަކުގެ ތެރެއިން ދައުލަތުގެ ހުރިހާ މުއައްސަސާތައް ގުޅިގެން މަސައްކަތްކޮށް ޑިޖިޓަލް ދާއިރާއިން ރާއްޖެ އިންޤިލާބީ އަދި އިސްލާހީ ބަދަލުތަކަކާ ދިމާލަށް ގެންދިއުމަށް ފަށައިފައިވާ މަސައްކަތެކެވެ.
ސަމިޓުގެ ނިންމުންތައް އަމަލީ ގޮތުން ފެށުމަށް ދިވެހިރާއްޖޭގެ ފުރަތަމަ ”ޑިޖިޓަލް އައިޑެންޓިޓީ ބިލް“ ޑްރާފްޓް ކުރުމުގެ މަސައްކަތް ވާރލްޑް ބޭންކްގެ ހިލޭ އެހީދަށުން ހިންގާ ”ޑީމެޑް“ ޕްރޮޖެކްޓް މެދުވެރިކޮށްވަނީ ފަށައިފައި ކަމަށް ޑރ. ކިނާނަތު ވިދާޅުވިއެވެ.
މި މަޝްރޫއަކީ ދިވެހިރާއްޖެ މިހާތަނަށް ނުދެކޭފަދަ ބޮޑު ޑިޖިޓަލް އިންގިލާބެއް ގެނެސް ރައްޔިތުންނަށް އޭގެ ސަބަބުން ގިނަގުނަ މަންފާތަކެއް ހޯދައިދޭނޭ މުހިންމު މަޝްރޫއެއްއް ކަމަށާއި، ވީހާވެސް ބާރު ސްޕީޑެއްގައި މިމަސައްކަތްކޮށް ލަނޑުދަނޑިތައް ކާމިޔާބުކަމާއި އެކު ހާސިލުކުރުމަށް މަސައްކަތް ކުރައްވާ ކަމަށް ކިނާނަތު ވިދާޅުވިއެވެ.
މި މަޝްރޫގެ ދަށުން ސައިބަރ ސެކިއުރިޓީ ހަރުދަނާކުރުމާއި، ބައިނަލްއަޤްވާމީ މިންގަނޑުތަކަށް ފެތޭ ޑިޖިޓަލް އައިޑީގެ ޒަރީޢާއިން އިތުބާރާއެކު ބަރޯސާވެވޭ ޑިޖިޓަލް މުޢާމަލާތްތަކަށް މަގުފަހިކުރުން ހިމެނެއެވެ. އަދި ދައުލަތުގެ މުއައްސަސާތަކުގެ މެދުގައި ޒާތީ މަޢުލޫމާތާއި ޑޭޓާ، ރައްކާތެރި ކަމާއެކު އެއް މުއައްސަސާއިން އަނެއް މުއައްސަސާއަށް، ވަގުތުން ވަގުތަށް ފޮނުވޭނެ، ޑޭޓާ އެކްސްޗޭންޖް ލޭޔަރެއް ވެސް މީގެތެރެއިން ގާއިމް ވެގެންދާނެއެވެ.
މީގެ އިތުރުން ދައުލަތުގެ މުއައްސަސާތަކުގެ ހައްސާސް މަޢުލޫމާތުތައް ރައްކާތެރިކަމާއެކު ބަލަހައްޓާ އާރކައިވްކުރުމަށް ސޮވަރިން ކްލައުޑް ޤާއިމުކުރުން ވެސް ހިމެނެއެވެ. އަދި ދައުލަތުން ފޯރުކޮށްދޭ ޚިދުމަތްތައް ޑިޖިޓަލްކޮށް ފޯރުކޮށްދިނުމުގައި ސިޓިޒެން-ސެންޓްރިކްކޮށް، ވީހާވެސް ބޮޑަކަށް އެއް ފުރާޅެއްގެ ދަށުން ފޯރުކޮށްދިނުމަށް މަގުފަހިކުރުމުގެ އިތުރުން ޑިޖިޓަލް ރޮގުން މުސްތަޤްބަލަށް ފައްކާވެފައިވާ ޖީލެއް ބިނާކުރުމަކީ ވެސް މިމަޝްރޫއުގައި ހިމެނޭ ކަމެކެވެ. އަދި އައި.ސީ.ޓީ ސެކްޓަރގައި ދިވެހިންނާއި ދިވެހި ވިޔަފާރިތަކަށް އޮތް ފުރުސަތުތައް ފުޅާކުރުމާ ގުޅޭގޮތުން މުހިއްމު ނިންމުންތަކެއް ވަނީ ނިންމާފައެވެ.






