މާލެ ސިޓީ ކައުންސިލުން މާފަންނު ސަހަރާ އެއްކޮށް ސާފުކުރުމަށްފަހު ތަރައްގީ ކުރާ މައިޒާނަށް “ މާފަންނު މައިޒާން“ ގެ ނަމުން ނަންދޭން މާލޭ ސިޓީކައުން ސިލުން މިއަދު ނިންމައިފިއެވެ. މިއަދު އެކައުންސިލުން ބޭއްވި ޖަލްސާގައި، ބައިވެރިވި ކައުންސިލް މެންބަރުންގެ ފުރިހަމަ އަޣުލަބިއްޔަތުން ވަނީ މިނަން ފާސްކޮށްފައެވެ.
މިތަން ނިމޭއިރު، މައިޒާނުގެ ހުޅަނގު ދެނކުނު ކަންމަތީގައި މިހާރު ހުރި ޕާކިން ޒޯން ސަރަހައްދުގައި 3 އޮން 3 ބާސްކެޓް ކޯޓެއް ތަރައްޤީ ވެފައި އޮންނާނެއެވެ. މަޖީދީމަގު، ތޮއްޖެހުން ކުޑަކުރުމަށް، ބަސް ސްޓޮޕް (ޕޮކެޓް) ތަރައްޤީ ކުރާނެއެވެ. އަދި 295 ސައިކަލު ޕާކް ކުރެވޭނެހެން ޕާކިން ޒޯނެއް ތަރައްޤީ ކުރެވިގެންދާނެއެވެ. މީގެ އިތުރުން ރަސްމިއްޔާތު ތަކާއި، ހަފްލާތައް ބޭއްވުމަށް ޚާއްޞަ ކުރެވިފައިވާ، ގްރީން އޭރިއާއެއް، ވެސް އޮންނާނެއެވެ. އަދި ކަސްރަތުކުރުމަށް ކަނޑައެޅިފައިވާ، 496 އަކަ ފޫޓް ސަރަހައްދެއް ތަރައްޤީ ކުރެވިގެންދާނޭ ކަމަށް ސިޓީކައުންސިލުން ވަނީ ބުނެފައެވެ.
ޖުމްލަ 36،153 އަކަފޫޓް ހުންނަ، މި މައިޒާނުގައި، ގަސް އިންދައި ފެހިކުރުމަށް، ކައުންސިލުން އަންނަނީ ތައްޔާރުވަމުންނެވެ. މައިޒާނުގައި އިންދުމަށް ނިންމާފައި ވަނީ، ބޮޑަށް ހިޔާދޭ ގަސްގަހާއި، ބަގީޗާ ގަސްގަހާއި މާ ގަސްގަހާއި، މޭވާއާއި ތަކުރާރީ ގަސް ކަމަށް މާލޭ ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ. ފެށޭ ހަފްތާ ތެރޭގައި މި މަސައްކަތް، ފެށުމަށް، ކައުންސިލުން މިހާރު ވަނީ ނިންމައިފައެވެ.
މޭޔަރ އާދަމް ޢާޒިމް ވިދާޅުވީ، މި މަޝްރޫޢުގެ ސަބަބުން، މާފަނުގައި ދިރިއުޅޭ ރައްޔިތުންގެ ޢާންމު ދިރިއުޅުމަށް ވެސް، ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ. މައިޒާން ތަރައްޤީކުރާ ސަރަހައްދުގައި، ގަސްއިންދުމުގެ ހަރަކާތް ކުރިއަށް ގެންދާނީ، މާފަންނުގައި ދިރިއުޅުއްވާ ރައްޔިތުންގެ ބައިވެރިވުމާއެކު ކަމަށް ވެސް މޭޔަރ ޢާޒިމް ވިދާޅުވިއެވެ.
ކައުންސިލުން ނިންމާފައިވަނީ މާފަންނު މައިޒާން ތަރައްޤީ ކުރުމަށްފަހު، މައިޒާން ހިމެނޭ ސަރަހައްދު 24 ގަޑިއިރު ބޭނުން ކުރެވޭހެން، ހުޅުވާލާފައި ބޭއްވުމަށް ކަމަށް ސިޓީކައުންސިލުން ވަނީ ބުނެފައެވެ. އެސަރަހައްދުގައި ފެންހިދުމުގެ ރަނގަޅު ނިޒާމެއް ވެސް ތަރައްޤީ ކުރުމަށް ކައުންސިލުން ވެސް ވަނީ ނިންމާފައި ކަމަށް ބުނެފައިވެއެވެ.